ޕޯޗްގަލްގެ ފުޓްބޯޅައިގެ ގަދަ ބާރު އެފްސީ ޕޯޓޯ 2013 ވަނަ އަހަރުގެ ލީގް ހޯދިއިރު އެ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ރޫއީ މެނައުލް ޕިންޓޯ ރާއްޖޭގެ ކޯޗު ކަމަށް ކުރިމަތިލައިފި އެވެ.
މާދަމާގެ ނިޔަލަށް މަގާމު ހުސްވާ، ރާއްޖޭގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ކޯޗަކު ހޯދުމުގެ މަސައްކަތް އެފްއޭއެމުން ދަނީ ކުރަމުންނެވެ. ރާއްޖޭގެ ކޯޗު ކަމަށް 20 ވުރެ ގިނަ ކޯޗުން ވަނީ ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ.
އެފްއޭއެމްގެ ޑެޕިޔުޓީ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނީ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކޯޗުންގެ ތެރެއިން ޝޯޓް ލިސްޓް ކޮށްފައިވާ ފަސް ކޯޗުންގެ ތެރޭގައި ޕިންޓޯ ހިމެނޭ ކަމަށެވެ.
"ޝޯޓް ލިސްޓް ކޮށްފައިވާ ކޯޗުންގެ ތެރޭގައި ޕިންޓޯ ހިމެނޭ، އަޅުގަނޑުމެން މިދަނީ އޭނާއާ އެކު ނިގޮޝިއޭޓް ކުރަމުން އަދި އޭނާ ހުށަހަޅާ ޓާމްސް އަދި ކޮންޑިޝަންތަކަށްވެސް އަލުގަނޑުމެން ރިއާޔަތް ކުރާނަން،" 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗުކަންވެސް ކުރަމުން އަންނަ ސާންތީ ބުންޏެވެ.
"ކުރިން ރާއްޖެއަށް ކޯޗު ކޮށްދިން ޕޯޗުގަލްގެ [މެނައުލް] ގޯމޭޒްގެ ލަފާވެސް އަޅުގަނޑުމެން ހޯދިން، ގޯމޭޒްގެ ލަފާ ވެސް އޭނާ އާ މެދު ރަނގަޅު."
ސާންތީ ބުނީ ޝޯޓްލިސްޓް ކުރި އަނެއް ހަތަރު ކޯޗުންނާއެކުވެސް ނިގޮޝިއޭޓް ކުރަމުން އަންނަ ކަމަށެވެ. އަދި އެފްއޭއެމުންވެސް ބޭނުންވާ ކަންކަން އެ ކޯޗުންނާއެކު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
އަދި ކޯޗަކު ފައިނަލު ކުރާނީ ދެފަރާތުން ހުށަހަޅާ ކަންކަމަށް އެއްބަސްވެގެން ކަމަށް ސާންތީ ބުންނެވެ.
ޕިންޓޯ ވަނީ، ޕޯޓޯގެ ކުރީގެ ކޯޗް ވީޓޯ ޕިރޭރާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. ޕޯޓޯއަށް އެ ފަހަރު ލީގް ހޯދައިދޭން ޕިންޓޯ ވަނީ ވީޓޯ އަށް އެހީވެ ދީފަ އެވެ.
ރާއްޖޭގެ ކޯޗު ކަމުގެ މަގާމުގައި އެންމެ ފަހުން ހުރީ އޮސްޓްރޭލިއާގެ ޑަރެން ސްޓްވާޓް އެވެ. އޭނާ އާއެކު ހަދާފައިވާ ކޮންޓްރެކްޓް މާދަމާގެ ނިޔަލަށް ހަމަ ވާނެ އެވެ. އޭނާ އާއެކު ކޮންޓްރެކްޓް އާ ނުކުރަން އެފްއޭއެމުން ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު ނިންމާފަ އެވެ.