އެންއައިސީ

އެންއައިސީއަށް ސުލެއިމާން، ޖަޕާން ސަފީރަކަށް އުވައިސް ނަން ފާސްކޮށްފި

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ސުލައިމާން އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެންއައިސީ މެންބަރު ކަމަށް ސުލައިމާން އައްޔަން ކުރަން މަޖިލީހުން ފާސް ކުރީ ހާޒިރުވި 32 މެންބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓްކޮށްފައި އޮތުމުން އެއިން އެއްވެސް މެންބަރަކު މިއަދުގެ ޖަލްސާއަށް ވެސް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ.

އެކަމަށް ބަހުސް ކުރައްވަމުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔަޒް ރަޝީދު ވިދާޅުވީ ސުލައިމާންއަކީ ރައްޔިތުން މަޖިލީހުގެ ހާއްސަ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި އޭގެ އިތުރުން އީސީގެ މެންބަރު ކަމާއި ރައީސް ކަން ވެސް ކުރެއްވި ކަމަށެވެ. އޭނާއަކީ އެ މަސައްކަތަށް އެންމެ ގާބިލު ބޭފުޅާ ކަމަށާއި އެ ބަދަލުގެ ސަބަބުން އެންއައިސީގެ މަސައްކަތްތައް ހަލުވި ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެންއައިސީގެ ކުރީގެ ރައީސްއަށް ފާޑު ވިދާޅުވަމުން ރިޔާޒް ވިދާޅުވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ބޭފުޅާ ކަންކަން ކުރެއްވި ގޮތް ފެނިގެން ދިޔަ ކަމަށާއި ބޭނުންވާ ގޮތަށް ކަންކަން ނުވުމުން އެކަން ހާމަ ކުރަން ޖެހޭނީ ސޯޝަލް މީޑިއާގައި ނޫން ކަމަށެވެ.

ރިޔާޒް މިހެން ވިދާޅުވި ނަމަވެސް ސުލައިމާން އީސީގެ ރައީސް ކަމުގައި ހުންނެވި އިރު އޭނާއަށް ސަރުކާރުގެ ތެރެއިން ބޮޑެތި ނުފޫޒުތައް އަންނަ ކަމަށް ބުނެ ފާޑު ކިޔުންތައް އޮތީ އަމާޒުވެފަ އެވެ. ސުލައިމާން އީސީގެ ރައީސްކަމާއި މެންބަރު ކަމުން އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެެވެ.

އެންއައިސީއަށް މެންބަރަކު އައްޔަން ކުރުމުގެ އިތުރުން މިއަދު ވަނީ ޖަޕާނުގެ ސަފީރު ކަމަށް ވެސް ބޭފުޅަކު އައްޔަން ކުރަން ފާސްކޮށްފަ އެވެ. އެގޮތުން ޖަޕާނުގެ ސަފީރު ކަމަށް މ. ފޭމަންސް، އިބްރާހީމް އުވައިސް އައްޔަން ކުރަން ފާސް ކުރީ 31 މެންބަރުންގެ ވޯޓުންނެވެ.