ދުނިޔެ

ކްލިންޓަނާ އޮތް ގުޅުމަކީ ނަހަމަ ބާރުގެ ބޭނުން ކުރުން: ލުވިންސްކީ

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަނާއެކު އޮތްކަން ފަޅާ އެރި ލޯބީގެ ގުޅުމަކީ އަސްލުގައި ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރުމުގެ އަމަލުތައް އެކުލެވޭ ހާދިސާއެއް ކަމަށް މޮނިކާ ލްވިންސްކީ ބުނެފިއެވެ.

މޮނިކާ ލްވިންސްކީ އަކީ ބިލް ކްލިންޓަންގެ ވެރިކަމުގައި އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގެ އިންޓާންއެއްގެ ޒީފާއެއްގައި އުޅުނު އަންހެނެކެވެ. އޭރު އުމުރުން އެންމެ 22 އަހަރުގެ ލްވިންސްކީއާ ކްލިންޓަނާ ދެމެދު ލޯބީގެ ގުޅުމުގެ ކަންތައް ފަޅާ އެރުމުން އެ މައްސަަލަ ފުޅާ ދާއިރާއެއްގައި ތަހުގީގުކޮށް ހުރިހާ ތަފުސީލެއް އާއްްމު ކުރިއެވެ. އެ މައްސަލައިގައި ކްލިންޓަން އިމްޕީޗްކުރުމުގެ މަސައްކަތް ވެސް އެމެރިކާ ސެނެޓުން ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް ފަހުން އެކަން ހުއްޓައިލީ އެވެ. އޭރު ކުރި ތަހުގީގުގައި ލްވިންސްކީ ބުނީ ގުޅުން އޮތީ އޭނާވެސް ރުހިގެން ކަމަށެވެ.

ނަމަވެސް ވެނިޓީ ފެއާ މެގަޒިންއަށް ލިއުނު ލިއުމެއްގައި ލްވިންސްކީ ބުނީ އެ ގުޅުމުގައި ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރުން އެކުލެވިފައިވާ ކަމަށެވެ. އޭނާ މިމޭރުމުން ލިއުނީ ޖިންސީ ގޯނާއާ ފުރައްސާރައާ ކުރިމަތިވި އަންހެނުން އެމީހުންގެ ވާހަކަތައް ހާމަ ކުރުމަަށް މިހާރު ކުރިއަށްދާ "މީޓޫ މޫމެންޓް" އާ ގުޅުވައިގެންނެވެ.

ލިއުމުގައި ލްވިންސްކީ ބުނީ ގުޅުން ކުރިއަށް ދިޔަ އިރު އެކަމުން ނުކުމެދާނެ ނަތީޖާތަކާ ބެހޭ ގޮތުން އޭނާއަށް ލިިބިފައި އޮތީ ވަަރަށް މަދު މައުލޫމާތެއް ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ދިޔައީ އެކަމާ ހިތާމަ ކުރަމުން ކަމަށް ވެސް ބުނެފައި ވެއެވެ.

"ބާރު އޮތް ގޮތަށް ބަލާއިރު އަހަރެންގެ މަގާމު. އޭނާގެ އުމުރު. އޭނާއަކީ އަހަރެންގެ ވެރިމީހާ. އޭނާއަކީ ޕްލެނެޓްގައި [ދުނިޔޭގައި] ހުރި އެންމެ ބާރު ގަދަ މީހާ. ކަންތައްތައް ރަނގަޅަށް އެނގުމަށް [ބޭނުންވާ] ދިރިއުޅުމުގެ ތަޖުރިބާއާ އެކު އޭނާއަކީ އަހަރެންނަށް ވުރެ 27 އަހަރު ދޮށީ،" ލްވިންސްކީ ލިޔެފައި ވެެއެވެ.