ކުޅިވަރު

ކިންގްސް ބަލިކޮށް ބާސްކެޓްގެ ރަސްކަން ޓީރެކްސްއަށް

ފައިނަލުގައި ކިންގްސް ބާސެކެޓްބޯޅަ ކުލަބުގެ މައްޗަށް ކާމިޔާބު ހޯދައި، އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑީވިޝަންގެ ޗެމްޕިއަންކަން ޓީރެކްސް ދިފާއު އެވެ.

މި އަހަރު ޓީރެކްސްއިން އަމާޒު ކަނޑައަލާފައި ވަނީ ބާސެކްޓްގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމަށެވެ. ޓީރެކްސް އަކީ މިދިޔަ އަހަރުވެސް މި މުބާރާތް ކާމިޔާބު ކުރި ޓީމެވެ. ޓީރެކްސް އަކީ މިހާރު ރާއްޖޭގެ ބާސްކެޓްގައި އެންމެ ކާމިޔާބު ޓީމެވެ. މިދިޔަ އަހަރުގެ ހަތަރު މުބާރާތުގެ ތެރެއިން ތިން މުބާރާތް ކާމިޔާބު ކުރީ ޓީރެކްސް އެވެ.

ޓީރެކްސްގެ ކޯޗް އިލްޔާސް އިބްރާހިމް މެޗުގެ ކުރިން ބުނެފައި ވަނީ ފައިނަލު ވަރަށް ވާދަވެރި ވާނެ ކަމަށެވެ. ރޭގެ ފައިނަލު ދިޔައީވެސް ވަރަށް ވާދަވެރި ކޮށެވެ. ޓީރެކްސް މެޗު ކާމިޔާބު ކުރީ 13 ޕޮއިންޓްގެ ތަފާތަކުންނެވެ. ޓީރެކްސް 98 އަށް ޕޮއިންޓް ހޯދިއިރު، ކިންގްސްއަށް ހޯދުނީ 85 ޕޮއިންޓެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކިނގްސްގެ ރިޝްފާން ރަޝީދެވެ. އޭނާ ވަނީ 22 ޕޮއިންޓް ހޯދާފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޓީރެކްސްގެ އިބްރާހިމް ރަޝްވާން (ޗިކޫ) އެވެ. އޭނާ ވަނީ މި މުބާރާތުގައި ދެ ރެކޯޑެއް ހަދާފަ އެވެ. އެއީ އެއް މެޗެއްގައި އެންމެ ގިނަ ޕޮއިންޓް ސްކޯ ކުރި ކުޅުންތެރިޔާގެ ރެކޯޑެކެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

  • ރިޝްފާން ރަޝީދު (ކިންގްސް ބާސެކްޓްބޯޅަ ކުލަބު)
  • މުހައްމަދު ސަބީހް ތައުފީގް (ސްޓިންގާސް)
  • ހުސައިން ހަލީމް (ޓީރެކްސް)
  • އަހްމަދު ޒަބީރު (ޓީރެކްސް)
  • އަހްމަދު ހުޝާމް (ޓީރެކްސް)

މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން މި އަހަރު ހޯދީ ސައިކްލޯން ބާސްކެޓްބޯޅަ ކުލަބެވެ. އެ ޓީމަކީ މިދިޔަ އަހަރުގެ ރަނަރަފު ޓީމެވެ. ފައިނަލުގައި އެ ޓީމު ބަލިވީ ޓިޓާންސް ސްޕޯޓްސް ކުލަބު އަތުންނެވެ. މިފަހަރު ފައިނަލުގައި އެ ޓީމާ ދެކޮޅަށް ވާދަ ކުރީ ޖިބްލީ ސްޕޯޓްސް ކުލަބެވެ.

ފައިނަލު މެޗު ސައިކްލޯން ކާމިޔާބު ކުރީ، 12 ޕޮއިންޓްގެ ތަފާތަކުންނެވެ. ސައިކްލޯން ވަނީ 48 ޕޮއިންޓް ހޯދާފަ އެވެ. ޖިބްލީއަށް ހޯދުނީ 36 ޕޮއިންޓެވެ. މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދައިގެން މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ، ސައިކްލޯންގެ ރާއިފާ އިބްރާހިމް އެވެ. އޭނާ ވަނީ 13 ޕޮއިންޓް ހޯދާފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއްޖޭގެ އެއް ވަނަ އަންހެން ކުޅުންތެރިޔާ އާމިނަތު ޝިއުރާ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި މުޅިންވެސް ހިމެނެނީ ސައިކްލޯންގެ ކުޅުންތެރިންނެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިން

  • ރާއިފާ އިބްރާޙިމް (ސައިކްލޯން)
  • އާމިނަތު އިސްރައު އަބްދު ޝުކޫރު (ސައިކްލޯން)
  • ނަޝްފާ އާޟިރާ (ސައިކްލޯން)
  • ޒުލައިހާ އިބްރާހިމް (ސައިކްލޯން)
  • ފާއިމަތު ޝައިލާން އަފްޒަލް (ސައިކްލޯން)