ވެރިރަށް މާލޭގެ ހެންވޭރުން އާޓިފިޝަލް ބީޗުގެ އުތުރަށްވާ ގޮތަށް އޮތް ބިމުގައި އިމާރާތް ކުރަން ފަށާފައިވާ ސަލްމާން ރަސްގެފާނު މިސްކިތުގެ މަސައްކަތުގެ ސްޕީޑް ހަލުއި ކޮށްފައިވާއިރު އެ މަސައްކަތަށް މީހުންގެ ސަމާލުކަން ހޯދައިފި އެވެ.
ސަލްމާން ރަސްގެފާނު މިސްކިތުގެ މަސައްކަތް ބޭރަށް އަދި ފެންނަ ވަރު ނުވި ނަމަވެސް ސައިޓް ހިމެނޭ ކޮށީގެ ކައިރިން ބަލާއިރު އެއް ފަހަރާ ގިނަ މަސައްކަތްތަކެއް އެ ކޮށީގައި ހިނގާ މަންޒަރު ފެންނަން އޮވެ އެވެ. ދުރަށް އަދި ފެންނަނީ ކޮއްޓާއި އެ ދިމާއިން މައްޗަށް އަރާފައިވާ ކެރޭނެވެ. އެ މަންޒަރު ބަލަން ދުވާލު ހަވީރު ގަޑީގައި މީހުން ގޮސް ތިބެ އެވެ.
ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތުން ބޮޑު ބައެއް ނިންމާލާފައިވާއިރު މިސްކިތުގެ މައި ތަނބުތައް ހެދުމުގެ މަސައްކަތްތައް ކުރާ މަންޒަރު ހުޅުވާލާފައިވާ ގޭޓުން ފެންނަން އޮވެއެވެ. -- މި މިސްކިތަކީ ސަލްމާނު ރަސްގެފާނުގެ ނަމުގައި ސައުދީ ސަރުކާރުން ހިލޭ އަޅައިދޭ އަޅައިދޭ މިސްކިތެކެވެ.
މިއީ އިސްލާމީ ދަންމަރު ރާއްޖޭގެ އުހުން އިތުރަށް ފާޅުވާނެ ގޮތަށް އިސްލާމީ މަރުކަޒަށް ފަހު ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތެވެ. ސަލްމާން ރަސްގެފާނު މިސްކިތް އަޅަނީ 41500 އަކަފޫޓުގެ ޖާގައެއްގައި 500 ދުވަހުން މަސައްކަތް ނިންމާށެވެ. މަސައްކަތުގެ އެ ޝެޑިއުލާއެކު މި އަހަރުގެ އޯގަސްޓްގައި މިސްކިތް ނިންމާނެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވި ގޮތުގައި އެ މިސްކިތަކީ ދިވެހީންގެ ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެ މިސްކިތް ނިމި ހުޅުވިގެން އަންނާނެ ވަގުތަކަށް މުސްލިމް ދިވެހިން ވަރަށް ބޮޑަށް އިންތިޒާރު ކުރާ ކަމަށެވެ.
ކުރެހުމުން ވަރަށް ރީތި ކަމަށް ފެންނަ މި މިސްކިތުގެ މަސައްކަތް ކުރަނީ މާދަމާ ހުޅުމާލޭގައި ހުޅުވާ ޒަމާނީ ޕްރައިވެޓް ހޮސްޕިޓަލްގެ ޓްރީ ޓޮޕްގެ މަސައްކަތް ވެސް ކުރި ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ. ސަލްމާން ރަސްގެފާނަށް ނިސްބަތްވާ މި މިސްކިތުގެ މަޝްރޫއަށް 24.95 މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ.
ސަލްމާން ރަސްގެފާނު މިސްކިތް
* މިސްކިތުގައި ހަ ފަންގިފިލާ
* އަރާފޭބުމަށް ލިފުޓް ހުންނާނެ
* އެއްފަހަރާ 10000 މީހުންނަށް ނަމާދުކުރެވޭނެ
* ލައިބްރަރީއަކާއި ކްލާސްރޫމްތައް ހުންނާނެ
* ސެމިނާ ރޫމްތައް ހިމެނޭނެ
* ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް
މި މިސްކިތް ސަލްމާން ރަސްގެފާނަށް ނިސްބަތްވާއިރު އިސްލާމިކް ޔުނިވާސިޓީގެ އުސް ބިލްޑިން ނިސްބަތް ވަނީ ސައުދީގެ ފަހުދު ރަސްގެފާނަށެވެ. އެ އިމާރަތަށް ކިޔަނީ ފަހުދު ރަސްގެފާނު ބިނާ އެވެ.