ހަބަރު

އުތުރުކޮރެއާ ބޯޓަކަށް ރާއްޖޭގެ ބޯޓަކުން މުދާ އެރުވި ތުހުމަތެއް ކޮށްފި

އުތުރު ކޮރެއާގެ ބޯޓަކަށް ރާއްޖޭގެ ޓޭންކަރެއް ކައިރިކޮށްގެން އުޅެނިކޮށް ފެނިފައިވާ ކަމަށާއި އެ އުޅަނދުން އުތުރު ކޮރެއާގެ ބޯޓަށް މުދާ އެރުވިކަމަށް ތުހުމަތު ކުރެވޭ ކަމަށް ޖަޕާނުން ބުނެފިއެވެ.

ޖަޕާނު ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޓޭންކަރެއް ކަމަށްވާ ޝިން ޔުއާން 18 އާއި އުތުރު ކޮރެއާގެ ޓޭންކަރެއް ކަމަށްވާ ޗޮން މާން ސަން ފެނުނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ޗައިނާގެ ޝަންހާއީގެ އިރުމަތިން 250 ކިލޯމީޓަރު ބޭރުންނ ކަމަށެވެ. ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް ފެނުނު އިރު ދެއުޅަނދު އޮތީ ކައިރިކޮށްގެން ކަމަށާއި ދެ އުޅަނދުގެ ލައިޓްތައް ވެސް ދިއްލާފައިވާ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގެ ޓޭންކަރެއް ކަމަށް ޖަޕާނުން ބުނާ އުޅަނދުން އެއްޗެއް ބަރުކުރި އުތުރު ކޮރެއާގެ އުޅަނދަކީ އެމެރިކާއިން ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދެއް ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އެ އުޅަނދު ފެނުނު އިރު އޮތީ އޭގެ ނަން ފޮހެލައިފަ އެވެ. ދެ އުޅަނދުން ހިންގާފައިވާ މުއާމަލާތަކީ ސަލާމަތީ މަޖިލީހުގެ ގަރާރާ ހިލާފު އަމަލެއްކަން އެ މައްސަލަ ބެލުމުން ވަރަށް ބޮޑަށް ޔަގީންވާ ކަމަށް ޖަޕާން ފޮރިން މިނިސްޓްރީން ބުންޏެވެ.

ޖަޕާނު ފޮރިން މިނިސްޓްރީގެ ހަބަރުގައި ދެ އުޅަނދުގެ ފޮޓޯތައް ވެސް ޖަހާފައި ވެއެވެ.

ނިއުކްލިއަ ހަތިޔާރު އުފައްދަން މަސައްކަތް ކުރާތީ އުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، އުތުރު ކޮރެއާގެ އުޅަނދުތަކާ މިގޮތަށް ކަނޑުމަތީ މުއާމަލާތްކުރުމަކީ މަނާ ކަމެކެވެ.

ޗައިނާއިން އުތުރުކޮރެއާއަށް ސިއްރުން އެހީވާ ކަމަށް އެމެރިކާއާއި ޖަޕާނާއި ދެކުނު ކޮރެއާއިން ކުރިއްސުރެ އަންނަނީ ތުހުމަތު ކުރަމުންނެވެ. ރާއްޖެއަކީ ޗައިނާއާ ގާތް ގުޅުމެއް އޮންނަ ގައުމަކަށް ވުމުން މި މައްސަލަ ވަށް ސީރިއަސްކޮށް ބަލާނެ ކަމަށް ބެލެވެއެވެ.