ހަބަރު

ޗައިނާއިން ރާއްޖޭގައި އޯޝަން އޮބްޒަވޭޓްރީއެއް އަޅާތީ އިންޑިއާ ކަންބޮޑުވެއްޖެ

ޗައިނާއިން ރާއްޖޭގައި ކަނޑުގެ ދިރާސާތައް ކުރާ މަރުކަޒެއް (އޯޝަން އޮބްޒަވޭޓްރީއެއް) އަޅަން އުޅޭތީ އިންޑިއާ ސަރުކާރުން އެކަމާ ކަންބޮޑުވާ ކަމަށް އެގައުމުގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

އިންޑިއާގެ ބަައެއް ބޮޑެތި ނޫސްތަކުން ބުނީ އެ މަސައްލައިގައި އިންޑިއާ ސަރުކާރުން ކަންބޮޑުވަނީ އެ އޮބްޒަވޭޓްރީއަކީ ސަބްމެރިންތައް ވެސް ބަނދަރު ކުރާނެ އިންތިޒާމުތައް ފަދަ އަސްކަރީ ބައެއް ވަސީލަތްތައް ވެސް އެ މަރުކަޒުގައި ހިމެނޭނެ ކަމަށް ރާއްޖޭގެ އިދިކޮޅު ލީޑަރުން ތުހުމަތު ކުރާތީ ކަމަށެވެ.

ކަނޑުގެ ދިރާސާކުރާ މަރުކަޒެއް ރާއްޖޭގައި އަޅަން ޗައިނާއާއި ރާއްޖޭން އެއްބަސްވީ މިދިޔަ 2017 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. "ޕްރޮޓޮކޯލް އޮން އެސްޓެބްލިޝްމަންޓް އޮފް ޖޮއިންޓް އޯޝަން އޮބްޒަވޭޝަން ސްޓޭޝަން ބިޓްވީން ދަ ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި ގާއިމްކުރި އެ އެއްބަސްވުމުގައި ރާއްޖެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އެވެ. އަދި ޗައިނާ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ އެޑްމިނިސްޓްރޭޓާ އޮފް ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން ވަންގް ހޮންގް އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރިކަން ސަރުކާރުން އޭރުގައި ރަސްމީކޮށް އިއުލާނު ކުރި ނަމަވެސް އިންޑިއާއިން އޭރުގައި ކަންބޮޑުވުން ފާޅުކޮށްފައެއް ނުވެއެވެ. އެ މައްސަލައިގައި އިންޑިއާއާ ރާއްޖޭގެ ސަރުކާރުން ސިއްރިއްޔާތުގައި މަޝްވަރާ ކުރިކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ.

އިންޑިއާގެ ނޫސްތަކުން އިއްޔެ ބުނީ ކަނޑުގެ މަރުކަޒުގެ ކަންތަކާ އިންޑިއާއިން ކަންބޮޑުވަނީ އެެއީ މިލްކުވެރިކަމާ މެދު އަރައިރުން އުފެދިފައިވާ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައިވެސް ޗައިނާއިން ތަރައްގީކުރަމުން އަންނަ މަރުކަޒާ އެއްފަދަ ތަނަކަށް ވެދާނެތީ ކަމަށެވެ. އަދި ބުނީ އެ މަރުކަރު އަޅަނީ ރާއްޖޭގެ އުތުރުގައި އޮންނަ މަކުނުދޫގައި ކަމަށް ވުމުން އެއީ އިންޑިއާގެ ކަނޑުގެ ސަރަހައްދާ ކައިރި ހިސާބަކަށް ވުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެކަން ކަން އެހެން ހުރުމުން މިއީ އަސްކަރީ ގޮތުންް އިންޑިއާ ވަށައިލުމަށް ޗައިނާއން ކުރިއަށް ގެންދާ ކަމަށް އިންޑިއާއިން ތުހުމަތު ކުރާ " ސްޓްރިންގް އޮފް ޕާލްސް" މަޝްރޫއުގެ ބައެއް ކަމަށް އިންޑިއާގެ ސަލާމަތީ މާހިރުން ދެކެވަޑައިގަންނަވައެވެ.