ހަބަރު

ޓްރީ ޓޮޕް ހޮސްޕިޓަލުން އެޕޮއިންޓްމަންޓް ދޫކުރަން ފަށައިފި

ހުޅުމާލޭގައި މާދަމާ ހުޅުވާ ޓްރީޓޮޕް ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމުގެ އެޕޮއިންޓްމަންޓް ދޫކުރަން ފަށައިފި އެވެ. އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމަންޓް ދޫކުރާނީ ޓްރީޓޮޕް ހޮސްޕިޓަލުންނާއި މާލޭގައި ހުންނަ ކްލިނިކުންނެވެ.

ޓްރީޓޮޕްގެ މާކެޓިން ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް މެނޭޖާ އިފްތާން މައުމޫން މިއަދު އަވަސްއަށް ވިދާޅުވީ ހޮސްޕިޓަލްގެ ކްލިނިކް މިހާރު އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ. ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށް ކްލިނިކަށާއި ހޮސްޕިޓަލަށް ގޮސްގެންނާއި ގުޅައިގެންވެސް އެޕޮއިންޓްމަންޓް ނެގުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ކްލިނިކް ހުންނަނީ ޗަންޕާ ސެންޓްރަލް ހޮޓަލުގެ ކަނާތް ފަޅީގައި މަގަށްވާ ގޮތަށެވެ. ޓްރީ ޓޮޕްގެ ޑޮކްޓަރުން ކްލިނިކްގެ އިތުރުން ހޮސްޕިޓަލްގައި ވެސް ބައްލަވާނެ އެވެ.

ޓްރީޓޮޕް ކްލިނިކްގެ ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހެއްދުމަށް ޗާޖުކުރާ އަސްލު އަދަދަކީ 750 ރުފިޔާއެވެ. ނަމަވެސް ދިވެހިންނަށް 30 ޕަސެންޓްގެ ޑިސްކައުންޓަކާއެކު 525 ރުފިޔާއަށް ޑޮކްޓަރަށް ދައްކާލެވޭނެ އެވެ.

އިން-ޕޭޝަންޓް ސާވިސަސްއަށް އިސްކަންދޭ ގޮތަށް އޮޕަރޭޓްކުރާ ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި މިހާތަނަށް ގާއިމްކުރާ ފުރަތަމަ އަލްޓްރާ-މޮޑާން ހޮސްޕިޓަލެވެ. އެހެންކަމުން އެ ހޮސްޕިޓަލަށް ދިވެހިން ކުރާ އުންމީދު ބޮޑެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހުޅުވާ އެ ހޮސްޕިޓަލްގެ ހިދުމަތްތަކާއެކު ރާއްޖޭގެ ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.