ކުޅިވަރު

33 އަހަރުގައި ވެސް ޗެތުރީ އެހާ ފިޓީ ކީއްވެ؟

އިންޑީއާގެ ގައުމީ ކެޕްޓަން އަދި އެގައުމުގެ ބެންގަލޫރު އެފްސީ ކެޕްޓަންކަން ކުރަމުން އަންނަ ސްނިލް ޗެތުރީގެ އުމުރުން މިހާރު 33 އަހަރެވެ. މި އަހަރު އޯގަސްޓް މަހު އޭނާ އަށް 34 އަހަރު ފުރޭނެ އެވެ. އުމުރުން ދޮށި ވުމަކުން މައްސަލައެއް ނެއްތާއެވެ. އަދިވެސް އޭނާ ފެންނަނީ އެންމެ ޕީކް އުމުރުގެ ކުޅުންތެރިޔެއްގެ ބުންވަރާއި ފިޓްނަސް ހުރި ލެވަލްގެ ކުޅުންތެރިޔެއްގެ ގޮތުގައެވެ. އޭގެ ސިއްރަކީ ކޮބާ ހެއްޔެވެ.

ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު 30 އަހަރުން މައްޗަށް ދިއުމުން އެކުޅުންތެރިޔަކު ގައުމީ ޓީމުން އަމިއްލައަށް ބާކީ ވާން ޖެހެއެވެ. މަދު ކުޅުންތެރިޔެއް ފިޔަވައެވެ. ޗެތުރީ ފެންނަނީ އެއަށްވުރެވެސް މާތަފާތު ކޮށެވެ. އޭގެ ސިއްރަކީ ކޮބައިކަންވެސް ޗެތުރީ ބުނެދިނީ އެހެން ކުޅުންތެރިންވެސް އެކަމުން ފިލާވަޅު ލިބިގަންނަން ޖެހޭ ގޮތަށެވެ.

"އެހުރިހާ ކަމަކީވެސް ބުރަކަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުން، ރަނގަޅު އެއްޗިހި ކެއުން، އަދި ރަނގަޅަށް އަރާމު ކުރުން،" އިންޑިއާގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ލަނޑު ޖެޖި ކުޅުންތެރިޔާގެ ރެކޯޑްވެސް އޮތް ޗެތުރީ ބުންޏެވެ.

"އަހަރެން ދެން ހަމަގައިމުވެސް ޒުވާން ވަމުންނެއް ނުދާނެ މާނައަކީ އަހަރެން ޖެހޭނެޔޭ ޓްރެއިނިންގައި މާ ބުރަކޮށް މަސައްކަތް ކުރަން އަހަރެން ޓްރެއިނިން ހުންނަން ޖެހޭނީ އިތުރު ޔާޑެއް ކުރީގައި."

ޗެތުރީ ބުނީ ބެންގަލޫރުގެ ޒުވާން ކުޅުންތެރިޔާ އުދަންތާ ސިންހް ފަދަ ކުޅުންތެރިންގެ މަސައްކަތް ކުރާ ގޮތުން އޭނާވެސް އޭނާ އަމިއްލަ ޓްރެއިނިންގައި އިތުރަށް ބުރަކޮށް މަސައްކަތް ކުރަން އެހީ އަކަށް ވާ ކަމަށެވެ.

އޭނާ ބުނީ އިންޑިއާގެ ފުޓްބޯޅަ ބަދަލު ކޮށްލީ ބެންގަލޫރު އެފްސީން ކަމަށެވެ. ބެންގަލޫރު އެފްސީއާ 2013 ވަނަ އަހަރު ގުޅުނު ޗެތުރީ އެޓީމާއެކު ހެދި ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބައޮތެވެ. ޗެތުރީ ބުނީ ބެންގަލޫރު އެފްސީން އިންޑިއާގެ ފުޓްބޯޅައަށް ގެނައި ބަދަލާ މެދު އެއްބަސްވާކަށް އެ ޓީމުގެ ސަޕޯޓަރަކަށް ވާކަށް ނުޖެހޭ ކަމަށެވެ.

"ބީއެފްސީ [ބެންގަލޫރު އެފްސީ] އަކީ އިންޑިއާގެ ފުޓްބޯޅައަށް އެކި ގޮތްގޮތުން ބަދަލު ގެނައި ޓީމު، މިވާހަކައާ އެއްބަސްވާކަށް ކޮންމެހެން ނުޖެހޭ ބެންގަލޫރު އެފްސީގެ ސަޕޯޓަރަކަށް ވާކަށް،" އިންޑިއާގެ ސްޕޯޓްސް ސްޓާއަށް ދިން އިންޓަވިއުގައި ޗެތުރީ ބުންޏެވެ. "ކުރިއެރުމަށް ނުވަތަ ޓީމުގެ ފެންވަރު ރަނގަޅު ކުރުމަށް ސީނިއާ ޓީމުގެ ކުޅުންތެރިން ކޮންމެ ދުވަހަކު އެ އެކުރާ މަސައްކަތަށް ބެލިޔަސް، ގައުމުގެ ނިސްބަތުން ފުޓްބޯޅައިގައި އޮތް މަގާމަށް ބެލިޔަސް ލީގްގެ ސިސްޓަމަށް ބެލިޔަސް ކުލަބުގެ އޮތް މަގާމަށް ބެލިޔަސް އެކަން ފެންނާނެ."

އޭނާ ބުނީ އިންޑިއާގެ 23 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރޭގައި ވަރަށް ހުނަރުވެރި ކުޅުންތެރިން ބާރު ސްޕީޑެއްގައި ކުރި އަރަމުން އަންނަ ކަމަށެވެ.