ރާއްޖެ ކުޅިވަރު

އޭއެފްސީ ކަޕްގެ ފަހު މެޗުގައި ނިއު އަށް ޕޮއިންޓެއް

އޭއެފްސީ ކަޕްގެ ގުރޫޕް އެޗްގައި މިއަދު ރަށުން ބޭރުގައި ލާއޮސްގެ ލާއޯ ޓޮޔޯޓާ އެފްސީއާ 1-1 އިން އެއްވަރުކޮށް، ޕޮއިންޓަކާއެކު މި އަހަރުގެ އޭއެފްސީ ކަޕް ނިއު ރޭޑިއަންޓް އިން ނިންމާލައިފި އެވެ.

މި މެޗުގެ ކުރިން ދެވަނަ ބުރުގެ ފުރުސަތު ގެއްލިފައި އޮތް ދެ ޓީމު ކުރިމަތިލުމުގެ ފުރަތަމަ ހާފުގައި ނިއު އިން ލީޑު ނެގީ އަލީ ފާސިރު (ސެންޓޭ) ޖެހި ލަނޑުންނެވެ. އެކަމަކު މެޗުގެ ދެވަނަ ހާފުގައި ލާއޯ ޓޮޔޯޓާ އިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ގުރޫޕް އެޗްގެ ތިން ވަނައިގައި ނިއު ނިންމާލީ ފަސް ޕޮއިންޓާއެކު އެވެ. ނިއު ކުޅުނު ހަ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު، ދެ މެޗު ވަނީ އެއްވަރުކޮށްފަ އެވެ. ނިއު ވަނީ ތިން މެޗުން ބަލިވެފަ އެވެ.

މި އަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް އީގައި ވާދަކުރި މާޒިޔާ ވެސް އެ ގުރޫޕް ނިންމާލީ ތިން ވަނައިގަ އެވެ. ގުރޫޕްގައި ކުޅެން ޖެހުނު ފަހު މެޗުގައި އިއްޔެ ސިންގަޕޫރުގެ ވޯރިއާސް އަތުން ރަށުން ބޭރުގައި 2-0 އިން މޮޅުވެ، މާޒިޔާ ގުރޫޕް ނިންމާލީ ހަތް ޕޮއިންޓާއެކު އެވެ.