ކުޅިވަރު

ސަބީހަށް ބޮޑު ކާމިޔާބެއް، ކުރިއަށްދާން ހިތްވަރެއް

މި ޒުވާނާ ފުރަތަމަ ދިމާވަނީ ޓޯޓަލް ފިޓްނަސް ގުރޫޕް (ޓީއެފްޖީ) ގެ ޖިމުންނެވެ. އޭނާ އަކީ ޓީއެފްޖީގެ ފިޒިކަލް ޓްރެއިނަރެކެވެ. ކޮންމެ ދުވަހަކު ހެނދުނު ހެނދުނާ ހޭލައިގެން ޖިމަށް އައިސް ޖިމްގައި ޓްރެއިނިން ހަދާ މީހުންނަށް ދޭ އިރުޝާދާއި ބުނެދޭ ޓެކްނިކްތަކުން އޭނާގެ މުހިންމުކަން ޓްރއިނިން ހަދަން އަންނަ މީހުންނަށް އެނގިގެންދެ އެވެ.

އެއީ ބާސްކެޓްބޯޅައިގެ ހުނަރުވެރިޔެއް ކަމެއް ކުރިން އެނގިފައެއް ނެތެވެ. ފިޓްނަސް އާއި ކަސްރަތުގެ ދާއިރާ އާ އެއްވަރަށް ނުވަތަ އެއަށް ވުރެ ބޮޑަށް ބާސްކެޓްގެ ކެރިއާއެއް އޭނާގެ އެބައޮތެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުމަކީ، 19 އަހަރުގެ ސަބީހަށް އޭނާގެ ބާސްކެޓްގައި ލިބުނު ބޮޑު ކާމިޔާބީ އެވެ. އޭނާ އަށް ވުރެ ތަޖުރިބާކާރު ސީނިއާ ކުޅުންތެރިންނާ ވާދަ ކޮށް އެންމެ މޮޅު ކުޅުންތެރިންގެ ތެރެއަށް ފުރޭނިގެން ވަދެ ވުމަކީ ބާސްކެޓްގައި ކުރިއަށް ދާން އޭނާ އަށް ލިބިގެން ދިޔަ އިތުރު ހިތްވަރެކެވެ.

"ވަރަށް ސީނިއާ ކުޅުންތެރިން ތިއްބައިވެސް އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުމަކީ ހަމަ ވަރަށް ބޮޑު ކާމިޔާބެއް،" ސަބީހް ބުންޏެވެ. "ނަމަވެސް މި ކާމިޔާބުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ އަޅުގަނޑުގެ މުޅި ޓީމު އަތުގައި، ކުޅުންތެރިން ދިން އެއްބާރުލުމާއި ކޯޗުގެ ވަރަށް ބޮޑު އެހީތެރި ކަމާއެކު ލިބުނު ކާމިޔާބެއް މިއީ."

އޭނާ ބުނީ ބާސްކެޓްގެ ތެރެއިން ޕްރޮފިޝަނަލް ކެރިއާ ބިނާ ކުރަން ބޭނުންވާ ކަމަށެވެ. އެ ކާމިޔާބުން އެކަމަށް މަސައްކަތް ކުރަން އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށެވެ. މިފަހަރު އެމްބީއޭ ޗެމްޕިއަންޝިޕްގައި ސަބީހް ވަނީ ރެކޯޑެއްވެސް ހަދާފަ އެވެ. އެއީ އެއް މެޗެއްގައި އެންމެ ގިނަ ޕޮއިންޓް ސްކޯ ކުރި ކުޅުންތެރިޔާގެ ރެކޯޑެވެ.

ސަބީހް އެ ރެކޯޑް ހެދީ، ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ އިބްރާހިމް ރަޝްވާން (ޗިކޫ) ހެދި ރެކޯޑް މުގުރާލައިގެންނެވެ. ފަހުން ޗިކޫ އެ ރެކޯޑް އޯވާޓެކް ކުރި ނަމަވެސް، އެކަހަލަ ބޮޑު ރިކޯޑެއް އޭނާގެ ނަމުގައި ލިޔެވުމަކީވެސް އޭނާ އަށް ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައި ސަބީހް ފާހަގަ ކުރެ އެވެ.