ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ދިވެހިރާއްޖޭގެ ގައުމީ ޓީމު ކުޅެންޖެހޭ މެޗުތަކަށް ނެގި ސްކޮޑްގައި ހިމެނުނު ނަމަވެސް، އެފްއޭއެމްގެ މެނޭޖްމަންޓް އިން ސްކޮޑުން ބާކީކުރި ނިއު ރޭޑިއަންޓްގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އަށް ސްކޮޑުން އަލުން ޖާގަ ދިނުމަށް އެފްއޭއެމް އިން ނިންމައިފި އެވެ.
ގަތަރާއި ހޮންކޮންގެއާ ދެކޮޅަށް އަންނަ މަހު ރާއްޖެ ކުޅޭ ދެ މެޗަށް ގައުމީ ޓީމުގެ ކޯޗު ވެލީޒާ ޕޮޕޯފް ނެގި ސްކޮޑްގައި ހޮކޭ ހިމެނުނު ނަމަވެސް، އެފްއޭއެމް އިން އޭނާ ސްކޮޑުން ބާކީކުރ ހޮކޭ ހަ މެޗަށް ސަސްޕެންޑްކުރަން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމާފައިވާއިރު، ސަސްޕެންޝަނެއްގައި ހުރި ކުޅުންތެރިއެއް ގައުމީ ސްކޮޑްގައި ހިމެނުމަކީ އެންމެ އެދެވޭ ގޮތް ކަމަށް އެފްއޭއެމްގެ މެނޭޖްމަންޓަށް ނުފެންނާތީ ކަމަށް ބުނެ އެވެ.
އެކަމަކު އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިސިޕްލިނަރީ ކޮމެޓީން ހޮކޭ ސަސްޕެންޑްކުރީ ހަމައެކަނި އެފްއޭއެމް އިން ރާވާ ހިންގާ މުބާރާތްތަކުން ކަމަށްވާތީ، ހޮކެ އަށް ސްކޮޑުން އަލުން ޖާގަ ދީފައިވާ ކަމަށެވެ.
"ޑިސިޕްލިނަރ ކޮމެޓީގެ ޗެއަރ އަދި އެޕީލްސް ކޮމެޓީގެ ޗެއަރ އާއި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން ބައްދަލުކުރެއްވުމަށް ފަހު، އެ ދެކޮމެޓީގެ ޗެއަރަ ވެސް ވިދާޅުވެފައިވަނީ މުހައްމަދު ރަޝީދު ސަސްޕެންޑްކުރެވިފައިވަނީ ހަމައެކަަނި އެފްއޭއެމް އިން ރާވާ ހިންގާ މުބާރާތްތަކަށް ކަމަށް،" އެފްއޭއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެފްއޭއެމް އިން ހޮކޭ އަށް އަލުން ޖާގަ ދިނީ އެފްއޭއެމްގެ ނިންމުމާމެދު ގައުމީ ޓީމުގެ ކޯޗު ޕޮޕޯފް ހިތްހަމަނުޖެހުން ފާޅުކޮށްފައި ވަނިކޮށެވެ.
"އެފްއޭއެމްގެ ނިންމުމާމެދު ހިތްހަމައެއްނުޖެހޭ. އަހަރެން މިކަމާ ގުޅޭގޮތުން އެފްއޭއެމްގެ ޗެއާމަންއާ ވާހަަކަދައްކަނާނަން،" އެފްއޭއެމްގެ ނިންމުމާ ގުޅިގެން ޕޮޕޯފް ބުނެފައިވެ އެވެ.
އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން ހޮކޭ ހަ މެޗަށް ސަސްޕެންޑްކޮށް، 15000ރ. އިން ޖޫރިމަނާކުރީ ޕީޕަލްސް ކަޕްގައި ނިއު ރޭޑިއަންޓާއި ސިންގަޕޫރުގެ ލަޔަންސް ބައްދަލުކުރި މެޗުގައި ލަޔަންސްގެ ކުޅުންތެރިއެއްގެ ކަރަށް ފައިން އެރި މައްސަލައިގަ އެވެ. އެ ނިންމުން އެޕީލްކުރި ނަމަވެސް، އެ ނިންމުމަށް ބަދަދެއް ނުގެންނަން އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ.