ސުޕްރީމް ކޯޓް

ދެފަނޑިޔާރުން ވަކި ކުރަން އަވަހަށް މަޖިލީހަށް ފޮނުވައިދީ: ޕީޕީއެމް

އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވީހާވެސް އަވަހަށް ފަނޑިޔާރުކަމުން ވަކިކުރަންޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ސުޕްރީމް ކޯޓުގައި އެންމެ އިސްކޮށް ތިއްބަވައިގެން އަބްދުﷲ ސައީދާއި އަލީ ހަމީދު ކުރެއްވި ކަންކަމުގެ ސަބަބުން އެ ކޯޓުގެ އަގު ވެއްޓި މީހުން ސުޕްރީމް ކޯޓަށް ކުރަމުން ދިޔަ އިތުބާރު ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން އެ ބޭފުޅުންގެ ސުލޫކީ މައްސަލަތައް ބެއްލެވުމަށް ފަހު އެ ބޭފުޅުން މިހާރުން މިހާރަށް ވަކި ކުރުމަށް ޖޭއެސްސީއަށް ގޮވާލާ ކަމަށެވެ. އެހެން ނޫންނަމަ އަލުން ޝަރުއީދާއިރާއަށް އިތުބާރު ހޯދޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ ފަނޑޔާރުންނާ ކުރިމަތިވެދާނެ ހުރިހާ ކަމަކުން އޮތީ އެ އަމުރުގައި ހުރަސް އަޅާފައި، މި އިނގެނީ ކަނޑައެޅިގެން ބަޣާވާތެއް ގެންނަން ނެރުނު އަމުރެއްކަން، އެހެންވެ އަޅުގަނޑުމެން އެއަށް ކިޔަނީ ވެސް ބަޣާވާތުގެ އަމުރު، އެއީ ގާނޫނުއަސާސީން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަން ހަވާލުކޮށްފައި އޮންނަ މުއައްސަސާއަކީ ޖޭއެސްސީ، އެތަނުގެ ބާރު ވެސް އޮތީ ކަނޑާލާފައި، މަޖިލީހުގެ ބާރުވެސް އޮތީ ކަނޑުވާލާފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ. "އަޅުގަނޑު ވަރަށް އިހުތިރާމާއެކީގައި ޖޭއެސްސީއަށް ގޮވާލަން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްސަލަ ވީހާވެސް އަވަހަށް ބަލައި ވަކި ކުރަން މަޖިލީހަށް ފޮނުވައިދީ،"

ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުން ސުލޫކީ މައްސަލައެއް ބަލަން ޖެހުނަސް ޖަވާބު ދާރީވުމަށް އެ ބޭފުޅުންނަށް މަހެއްހާ ދުވަސް ދޭން ޖެހެ އެވެ. އަބްދުއްރަހީމް ވިދާޅުވީ އެ ގާނޫނަށް މިހާރުން މިހާރަށް އިސްލާހު ގެންނަން ޖެހޭ ކަމަށާއި އެކަމަށް ކުރުމަށް ޕީޕީއެމް އިން އިސްނަގަން ޖެހޭ ކަމަށެވެ.

ފަނޑިޔާރުންނާއި ރައީސް މައުމޫން ދޫކޮށްލައި 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރުމަށް ބޭރުގެ ފަރާތްތަކުން ގޮވާލާ މައްސަލައަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެއީ މިހާރު ވުޖޫދުގައި ވެސް ނެތް އަމުރެއް ކަމަށެވެ. އެއީ އޭގެ ފަހުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު އިތުރު އަމުރުތަކެއް ނެރެ 1 ފެބްރުއަރީގެ އަމުރުގައި ހުރި އެއްވެސް ކަމަކަށް އަމަލު ނުކުރެވޭ ގޮތަށް ހަދާފައިވާ ކަމަށެވެ. އެހެންކަމުން ވުޖޫދުގައި ނެތް އަމުރަކަށް އެއްވެސް ބަޔަކު އަމަލު ކުރަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.