ޓެކްނޯލޮޖީ

އަތޮޅުތަކުގެ އެންމެބޮޑު އެކެޑެމީ ނިއުއިން ލާމުގައި ހުޅުވައިފި

އަތޮޅުތެރޭގައި ފެށި އެންމެ ބޮޑު ފުޓްބޯޅަ އެކެޑެމީ ނިއު ރޭޑިއަންޓުން ލ. އަތޮޅުގައި ހުޅުވައިފި އެވެ. މިއަދު ލ. ފޮނަދޫގައި ހުޅުވި ނިއުރޭޑިއަންޓް ފުޓްބޯޅަ އެކެޑެމީ ހުޅުވީ 104 ކުދިންނާއެކު އެވެ.

މިއީ ނިއު ރޭޑިއަންޓްގެ ފުޓްބޯޅައިގެ ހަރާކާތް މުޅި ރާއްޖޭގައި ފުޅާ ކުރުމަށާއި ރާއްޖޭގެ ކުރިމަގަށް ޒުވާން ކުޅުންތެރިން އުފެއްދުމަށް ނިއުއަށް ފަށާފައިވާ ޕްރޮގްރާމުގެ ދަށުން ހުޅުވި އެކެޑެމީ އެކެވެ. ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒު މޫސާ (ޓެޑް) ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް އެކެޑެމީތައް ނިއު އިން ހުޅުވާނެ ކަމަށެވެ.

"މިއަދު ނިއު އިން މި ފެށީ ފުޓްބޯޅައިގެ ކުރިމަގަށް ވަރަށް މުހިންމު ޕްރޮޖެކްޓެއް،" ނިޔާޒު ވިދާޅުވި އެވެ. "މި އެކެޑެމީން ކުރިއަށް ދާނީ ހަމައެކަނި ކުޅުންތެރިން އުފެއްދުމުގެ މަސައްކަތެއް ނޫން، ނިއު ރޭޑިއަންޓުގެ އެހެން ހަރަކާތްތައްވެސް މި ސަރަހައްދުގައި ހިންގަން ހުޅުވޭ ފުރުސަތަކަށް މިކަން ވާނެ."

ނިއުގެ ލާމު އެކެޑެމީގެ، ކޯޗުންގެ ގޮތުގައި ހަރަކާތްތެރި ވާނީ އޭއެފްސީ ސީ ލައިސެންސް ސެޓްފިކެޓް އޮތް ކޯޗުންނެވެ. ނިޔާޒު ވިދާޅުވީ ނިއު ރޭޑިއަންޓް އެކެޑެމީގެ ކޯޗުން އިތުރަށް ތަމްރީން ކުރުމަށްވެސް އިސްކަން ދޭނެ ކަމަށެވެ. އަދި އެކެޑެމީ ހިންގުމުގައި ނިއުގެ ސީނިއާ ޓީމުގެ ހެޑް ކޯޗު ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރަސްގެ ޓެކްނިކަލް އެހީތެރިކަންވެސް ލިބިގެންދާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

އެކެޑެމީގެ ޓްރެއިނިންތައް މިއަދު ފެށި ނަމަވެސް، ރަސްމީކޮށް އެކެޑެމީ ހުޅުވަން ކުލަ ގަދަ ރަސްމިއްޔާތެއް ފޮނަދޫގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ. އެ ރަސްމިއްޔާތުގައި ނިއުގެ ހިމެނޭ ގައުމީ ޓީމު ކުޅުންތެރިންވެސް ފޮނަދޫއާ ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.