ކުޅިވަރު

ޔޫވީން ވިކްޓަރީވެސް ބަލި ކޮށްފި

ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުން 2-1 ކާމިޔާބު ހޯދައި، ޔުނައިޓަޑް ވިކްޓަރީން، ވިކްޓަރީ ވެސް ބަލި ކޮށްފި އެވެ.

ލީގްގެ ފުރަތަމަ މެޗުގައި، އީގަލްސްއާ ދެކޮޅަށްވެސް ވިކްޓަރީން ލީޑް ނެގި އެވެ. ނަމަވެސް އެ މެޗުގައިވެސް ވިކްޓަރީއަށް ލީޑްގައި ހިފަހައްޓާ ނުލެވުނެވެ. ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ވެސް ވީ އެހެންނެވެ. ޔޫވީން މެޗުގައި ޖެހި ދެ ލަނޑުވެސް ޖެހީ، ވިކްޓަރީގެ ޑިފެންސަށް ހެދުނު މިސްޓޭކްތަކުންނެވެ.

ވިކްޓަރީގެ ލަނޑު ޖެހީ، ފުރަތަމަ ހާފުގެ 45 ވަނަ މިނެޓްގަ އެވެ. އެ ލަނޑު ކާމިޔާބު ކުރީ އެ ޓީމުގެ ސްޕެއިންގެ ފޯވަޑް ސިމޯން ޓިބޯރު އެވެ. ޔޫވީގެ ޕެނަލްޓީ އޭރިއާ ތެރެއިން އަލީ ނާފިއު (ކަޅޭ) ހުރަސް ކުރި ބޯޅަ ސިމޯން ފޮނުވާލީ ސީދާ ޔޫވީގެ ގޯލް މެދުތެރެއިންނެވެ.

ޔުނައިޓަޑް ވިކްޓަރީގެ ކޯޗް މުހައްމަދު ނަޒީހް ބުނީ، ފުރަތަމަ މެޗަށް ވުރެ ވިކްޓަރީ ފެނުނީ ރަނގަޅު ކޮށް ކަމަށެވެ. އޭނާގެ ޓީމަށް ދިމާވި މައްސަލައަކީ، ފުރަތަމަ ހާފުގައި ތަން ކޮޅެއް ދުވަސްވީ ކުޅުންތެރިން ތިބެފައި ވިކްޓަރީގެ ޒުވާން ކުޅުންތެރިންގެ ކައިރީ ކުޅެން އުނދަގޫވީ ކަމަށެވެ.

"އަޅުގަނޑުމެންނަށް މޮޅު ހަމަ ޔަގީނުންވެސް ޑިޒާވް،" މެޗަށް ފަހު ވާހަކަ ދައްކަމުން ނަޒީހް ބުންޏެވެ. "ފުރަތަމަ ހާފު މިދިޔައީ ވަރަށް ޗިކަން ފުޓްބޯޅައެއް، ހަމަ އެއްވެސް މަސައްކަތެއް ނުކޮށް ދިޔައީ، ފުރަތަމަ ހާފުގައި 70 ޕަސަންޓް ކުޅުނީ ވިކްޓަރީ، ދެ ވަނަ ހާފުގައި އަޅުގަނޑުމެން ގެނައި މި ދެ ޗޭންޖާއެކު ރަނގަޅަށް ކުޅެވުނީ، ފުރަތަމަ ހާފުގައި އަޅުގަނޑުމެން ޓީމަށް ވީ ގޮތަކީ އޭޖުން ތަންކޮޅެއް މަތީ ކުޅުންތެރިން ތިބީމަ އެހުރިހާ ކުޅުންތެރިންގެ މަސައްކަތް ވިކްޓަރީގެ ޒުވާން ކުޅުންތެރިންނާ އެއްްވަރު ނުވީ، ނަމަވެސް އަޅުގަނޑުމެން ފްރެޝް ދެ ކުޅުންތެރިން ތަން ކޮޅެއް ޔަންގު ކުޅުންތެރިން ނެރުނީމަ އޭތި ތާފަތު ވެގެން ދިޔައީ."

ޔޫވީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ، އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ތެރެއިން ޔޫވީގެ ސެމިއުލްއަށް، ވިކްޓަރީގެ ޑިފެންޑަރު ސައްދާމް ހުސައިން ފައުލު ކުރުމުން ދިން ޕެނަލްޓީގައި ލަނޑު ކާމިޔާބު ކުރީ ބްރެޒިލްގެ ޕައުލް ހެލްބާ އެވެ. އެއީ 69 ވަނަ މިނެޓްގަ އެވެ.

ޔޫވީގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އަލީ ހައިސަމް އެވެ. ވިކްޓަރީގެ ޑިފެންޑަރު ސައްދާމް ހުސައިން ކައިރިން ދެމިގަނެގެން ގޮސް އޭނާ ބޯޅަ ފޮނުވާލީ ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިމްރާން) އަށް ފުރުސަތެއް ނުދީ އެވެ. އެންމެ ފަހުން ވެލްންސިއާ އަތުން މޮޅުވި މެޗުގައިވެސް ހައިސަމް ވަނީ ލަނޑު ޖަހާފަ އެވެ.