ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ގެއްލުން ގިނަ މީހުންނަށް އެނގެ އެވެ. ވިސްނެ އެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ ހުއްޓައި ނުލަނީ އެވެ. ނުވަތަ ނުލެވެނީ އެވެ. ނަމަވެސް ގައުމުތަކުން ދަނީ ރައްޔިތުން މި ވަބާއިން ސަލާމަތް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކުރާ އެއް ކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުކުރާ ބާވަތްތަކުގެ ޑިއުޓީ ބޮޑު ކުރުމެވެ. ޓެކްސް ނަގާ މިންވަރު މަތިކުރުމެވެ.
ދުނިޔޭގެ އާބާދީއަށް ބަލާއިރު މިހާރު އެންމެ ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލުކުރާ އެއް ގައުމަކީ އިންޑޮޝިއާ އެވެ. އިންޑޮނޭޝިއާގެ 62 މިލިއަން އާބާދީގެ ހަތަރު ބައިކުޅަ އެއް ބަޔަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ. އެހެންކަމުން އެ ގައުމުން ވެސް ވަނީ ދުންފަތުގެ ޓެކްސް މަތި ކުރުމަށް ނިންމާފަ އެވެ. އަންނަ އަހަރުން ފެށިގެން އެ ގައުމަށް އެތެރެކުރާ ދުންފަތުގެ ޓެކްސް 65 ޕަސެންޓް ވަރު ބޮޑު ކުރާނެ އެވެ.
ރާއްޖެއަކީ ނިސްބަތުން ބަލާއިރު ދުންފަތުގެ އިސްތިއުމާލު ކުރުން އެންމެ އާއްމު އެއް ގައުމެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޓަބްކިއުއެޗްއޯ އިން 2012 ވަނަ އަހަރު އާއްމުކުރި ސާވޭއަކުން ދައްކާ ގޮތުގައި ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އާބާދީ 44 ޕަސެންޓަށް އަރަ އެވެ. ކަސްޓަމްސްގެ ހިސާބުތަކަށް ބަލާއިރު 2013 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރި ސިނގިރޭޓުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 395 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ނިސްތަބުން ބަލާއިރު މަތީ އަދަދެކެވެ.
އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ދުންފަތުގެ ބާވަތްތަކުން 200 ޕަސެންޓުގެ ޑިއުޓީއެއް ނެގުމަށް ނިންމާފައިވެ އެވެ. މީގެ އިތުރުން ގިނަ ބަޔަކު އަމަލުވެފައިވާ ސިނގިރޭޓުގެ ޑިއުޓީ ވެސް ވަނީ މައްޗަށް ޖައްސާލާފަ އެވެ. އެގޮތުން މިހާރު ސިނގިރޭޓަކަށް 90ލ. ގެ ޑިއުޓީއެއް ނަގަމުން ދިޔަ ނަމަވެސް އަންނަ އަހަރުން ފެށިގެން މި އަދަދު 1.25ރ. އަށް ބޮޑުވާނެ އެވެ. މިވަރު ޑިއުޓީގެ ގޮތުގައި ނަގާނަމަ މިހާރު މިހާރު ދެ ރުފިޔާއަށް ވިއްކާ ސިނގިރެޓެއްގެ އަގު 2.50ރ. ނުވަތަ ތިން ރުފިޔާއަށް ބޮޑުވާނެ އެވެ.
މީގެ މާނައަކީ މިހާރު 35ރ. އަށް ލިބެން ހުރި ސިނގިރޭޓު ފޮއްޓެއްގެ އަގު 42ރ. އަށް އުފުލިގެން ދިއުމެވެ. މިއީ ސިނގިރޭޓު ގަންނަ މީހާގެ އަތަށް ފޮށި އެރުމުގެ ކުރިން އޭގެ އަގު މަތިވާނެ ކަމަށް އަންދާޒާ ކުރެވޭ ވަރެވެ. އަދި މިއަށް ސިނގިރޭޓު ވިއްކާ ވިޔަފާރިވެރިޔާގެ ފައިދާ ލުމުން ފޮއްޓެއްގެ އަގު 47ރ. އާއި 50ރ. ވަރަށް މައްޗަށް ޖެހިލާނެ އެވެ. ވިސްނާލާށެވެ! މިއީ ބޮޑު އަދަދެކެވެ. މި ވަރަށް ސިނގިރޭޓުގެ އަގު ބޮޑު ވާނަމަ ދުވާލަކު ދެ ފޮށި ސިނގިރޭޓު ބޯމީހެއްގެ އަތުން ދުވާލަކު 100ރ. ވަރު ހޭދަ ވާނެ އެވެ. ދުވާލަކު އެންމެ ފޮއްޓެއް ބޯނަމަ މަހެއްގެ މައްޗަށް އެމީހެއްގެ އަތުން ހަމައެކަނި ސިނގިރޭޓަށް 1500ރ. ދާނެ އެވެ. މިއީ އާއްމުކޮށް ރާއްޖޭގެ މުސާރަތައް ހުރި މިންވަރާ ބަލާއިރު ބޮޑު އަދަދެކެވެ. ހަމަގައިމު ވެސް މިއީ ބޭކާރު ބޮޑު ހޭދަ އެކެވެ.