ހަބަރު

ޖޫރިމަނާކުރުމުން ވީޓީވީއިން ވެސް ފަންޑް ފޮއްޓެއް ބަހައްޓައިފި

ވީމީޑިއާ ހަތަރު ލައްކަ ރުފިޔާއިން ބްރޯޑްކާސްޓިން ކޮމިޝަނުން ޖޫރިމަނާކޮށްފައިވާތީ ބެލުންތެރިކަން އެހީ ހޯދުމަށް ފަންޑް ފޮއްޓެއް ބަހައްޓައިފި އެވެ. މީގެކުރިން ރާއްޖެޓީވީއިން ވެސް އެ ޓީވީ ސްޓޭޝަން ޖޫރިމަނާކުރުމުން "އަބުރު ފަންޑް"ގެ ނަމުގައި ފަންޑް ފޮއްޓެއް ބަހައްޓާފަ އެވެ.

"ހަނގާ ފަންޑު ފޮށި"ގެ ނަމުގައި ފަންޑް ފޮށި ބަހައްޓާފައިވަނީ ވީމީޑިއާގެ އޮފީހުގެ ރިސެޕްޝަން އޭރިޔާގަ އެވެ. ވީމީޑިއާއިން ބުނެފައިވާ ގޮތުގައި ފަންޑް ފޮށި މާލޭގެ އެކި ސަރަހައްދުތަކު އާއި ބައެއް ރަށްރަށުގައި ކުރިއަށް އޮތް ދުވަސްތަކުގައި ބަހައްޓާނެ އެވެ.

އެ ޓީވީ ސްޓޭޝަނުން ވަނީ އާންމުންގެ އެހީތެރިކަން ވީއެންމެ ބޮޑަކަށް ދިނުމަށް އެދިފަ އެވެ. ފަންޑް ފޮށީގެ އިތުރުން ވީމީޑިއާއިން ވަނީ އެހީ ހަދިޔާ ކޮށްދިނުމަށް އެދި އެކައުންޓް ނަންބަރެއް ވެސް އާންމުކޮށްފަ އެވެ.

ވީމީޑިއާގެ ވީޓީވީ އާއި ވީއެފްއެމް ޖޫރިމަނާ ކުރަން ބްރޯޑްކޮމްއިން ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ ރޭ ފ. މަގޫދޫގައި ބޭއްވި ޖަލްސާއެއްގައި ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކާގައި ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ތުހުމަތު ތަކެއްކޮށް، އަވަގުރާނަ ގޮވާފައިވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި ޖަވާބުދާރީވުމަށް ބްރޯޑްކޮމް އިން ފުރުސަތު ދިނުމުން ވީމީޑި އިން ބުނެފައި ވަނީ އަބުރާ ބެހުމުގެ ގާނޫނުގައި އަބުރާ ބެހުމުގެ ބަހަށް ދީފައިވާ ތައުރީފަށް ބަލާއިރު ބްރޯޑްކޮމް އިން ފިޔަވަޅު އެޅި ކޮންޓެންޓުގައި މީހެއްގެ އަބުރާބެހުމުގެ އެއްވެސް ބަހެއް ހިމަނާފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން ބްރޯޑްކޮމް އިން ބުނާ ކޮންޓެންޓުގައި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ހިމެނިފައި ނުވާނެ ކަމަށް ވެސް ވީމީޑިއާ އިން ބުނެފައި ވެއެވެ. ނަމަވެސް ބްރޯޑްކޮމް އިން ނިންމީ ލިބިފައި ހުރި ހެކިތަކުގެ މައްޗައް ބިނާކޮށް ވީޓީވީ އާއި ވީއެފްއެމް ޖޫރިމަނާ ކުރުމަށް ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.