ހަބަރު

ނޮޅިވަރަމްގައި ދަންޖެހުނު މީހާގެ މަރާމެދު ޝައްކުތަކެއް

ހދ. ނޮޅިވަރަމްގައި ދަންޖެހި މަރުވެފައި ހުއްޓާ މިއަދު ފަތިހު ފެނުނު އަންހެނާގެ މަރުގައި ޝައްކުތަކެއް އުފެދޭ ކަންކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ ނޮޅިވަރަމަށް އުފަން ޝާހިދާ އަލީ ކިޔާ މީހެކެވެ. އޭނާ މަރުވެފައި ހުއްޓާ ފެނުނީ ދިރިއުޅޭ ގޭގެ ގިފިލީގަ އެވެ. އޭނާގެ ހަށިގަނޑު މިހާރު އޮތީ ހދ. ކުޅުދުއްފުށީގަ އެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މި މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަންހެން މީހާގެ މަރުގައި ޝައްކުތަކެއް އުފެދިފައިވާތީ އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވި އަންހެން މީހާއަކީ މީގެ ދުވަސްކޮޅެއް އެ ރަށުން ގެއްލިގެން ހޯދި އަންހެން މީހާ އެވެ. އެ ފަހަރު އެ އަންހެން މީހާ ފެނުނީ ވަލު ތެރެއިންނެވެ. އޭނާ ދިރިއުޅޭ ގޭގެ ސަރަހައްދު އަދިވެސް ފުލުހުން ވަނީ ބަންދުކޮށްފަ އެވެ.