އެސްޓީއޯ މާލޭ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 0-1 ބަލިކޮށް ނިއު ރޭޑިއަންޓް މާޒިޔާ އާއި ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ފުޅާކޮށްފި އެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ނިއުއަށް ޖަހައިދިނީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފުގައި ނިއު ވަނީ ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
މިގޮތުން ފުރަތަމަ ހާފްގައި ނިއުގެ ތިން ކުޅުންތެރިޔަކަށް މާޒިޔާ އޭރިޔާ ތެރެއިން ފައުލް ކުރިކަމަށް ބުނެ އެޓީމުގެ ކުޅުންތެރިން ވަނީ ޕެނެލްޓީއަކަށް އެޕީލް ކޮށްފަ އެވެ. ނަމަވެސް މިތިން ފަހަރުވެސް ރެފްރީ ޕެނެލްޓީއެއް ދީފައި ނުވެ އެވެ. މެޗުގެ ރެފްރީ އާދަމް ފަޒީލްގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ނިންމު ތަކެކެވެ. މިދިޔަ އަހަރުގެ ސީޒަނުގައިވެސް ތަކުރާރުކޮށް ކޯޗުން އަދި ސަޕޯޓަރުން ދައްކަމުން އައި އެންމެ ބޮޑު ވާހަކަ އަކީ ރެފްރީންގެ ފެންވަރު ދަށް ވާހަކަ އެވެ. މިއަހަރުގެ މާލޭ ލީގުގައިވެސް ފެންނަނީ ހަމަ އެމަންޒަރެވެ.
މާޒިޔާއިން ނުރައްކާތެރި ހަމަލާއެއް އުފެއްދިތާ މިނިޓެއް ފަހުން ފެނިގެންދިޔައީ ނިއު މެޗުގެ ލީޑު ނެގި މަންޒަރެވެ. މާޒިޔާ އޭރިޔާ ތެރެއިން އެޓީމުގެ ދެކުޅުންތެރިން ކާރިން ނައްޓާލުމަށްފަހު ދަގަނޑޭ ވަނީ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.
ފުރަތަމަ ހާފް ނިމެން ގާތް ވެފައި ވަނިކޮށްވެސް ނިއުއަށް ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ސްޕެއިން ފޯވާޑް މާޓީ ހުސްކޮށް ހުއްޓާ ލިބުނު ބޯޅަ އޭނާއަށް ނިންމާލެވޭ ގޮތެއް ނުވި އެވެ.
ދެވަނަ ހާފްގައިވެސް ނިއުއަށް އިތުރު ގޯލްތަކެއް ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނެ ނަމަވެސް އެފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ. ދެވަނަ ހާފުގައި މާޒިޔާ ފެނުނީ ވަރުގަދަ ކޮށެވެ. އެޓީމަށް ދެވަނަ ހާފުގައި މަދުވީ ހަމައެކަނި ގޯލެކެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ނިއުގެ ރިލްވާން ވަހީދު (ރިލޭ) އަށް ވަނީ ދެރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ. ފުރަތަމަ ރީނދޫ ކާޑު ދެއްކީ މާޒިޔާއަށް ލިބުނު ހިލޭ ޖެހުމަށް ހުރަސް އަޅަން މަސްކަތް ކުރަން އުޅުމުންނެވެ. ދެވަނަ ކާޑު ދެއްކީ މާޒިޔާގެ މިޑްފިލްޑަރު އިސްމާއިލް އީސަ އާއި ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ.
ނިއުއަށް ކުރިއަށް އޮތީ އޭއެފްސީ ކަޕުގައި ބަންގާޅުގެ ޑާކާ އަބަހާނީ އާއި ދެކޮޅަށް ރަށުން ބޭރުގައި ނިކުންނަ މެޗެވެ.