އަލީ ސުޒޭން

ގްރީން ސްޓްރީޓަކީ ނުފޫޒު ގަދަ ޓީމަކަށް ހަދާނަން

ގްރީން ސްޓްރީޓަށް ގެނައި ބަދަލު ތަކާއެކު މިހާރުވެސް ގްރީން ސްޓްރީޓުން ތަފާތު ފެންނާނެ ކަމަށް އެ ޓީމުގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

ސުޒޭން ބުނީ، ގްރީންގައި ދެ އަހަރުވަރު އޭނާ ހުރެއްޖެނަ ގްރީންއަކީ ނުފޫޒުގަދަ ޓީމަކަށް ހަދާނެ ކަމަށެވެ. ގްރީންގެ ފުރަތަމަ މެޗުގައި އެ ޓީމު ކުޅުނީ މާޒިއާ ދެކޮޅަށެވެ. މާޒިއާ ދެ ލަނޑުގެ ލީޑެއްގައި ވަނިކޮށް، ގްރީން ވަނީ މެޗުގެ ފަހު ކޮޅުގައި ޖެހި ދަ ލަނޑުތަކުން މާޒިއާ އާ އެއްވަރު ކޮށްފަ އެވެ.

"ގްރީން ވެސް ވަރަށް ބޮޑު ތަނުން ބަދަލު ވެއްޖެ ކަމަށް ތިބޭފުޅުން [ނޫސްވެރިން] ވެސް ގަބޫލު ކުރަން ޖެހޭނެ އެއް މެޗުން ވެސް،" ސުޒޭން ބުންޏެވެ. "އެއީ މިދިޔަ މުޅި ސީޒަންގައި ގްރީންގެ ފަރާތުން ފެނުނު ކަންކަން އެއް ދުވަހުން އެކަން ކެނޑިގެން ދިޔައީމަ، އެހެންވީމަ އޭގެ މާނައަކީ ކަންތައްތަކެއް ބަދަލު ވެއްޖެޔޭ، އިރާދަ ކުރެއްވިއްޔާ ކުރިއަށް ތަނުގައި މިއަށް ވުރެވެސް ގްރީންގެ އިމޭޖް ބަދަލު ވެގެންދާނެ ކަންތައްތަކެއް އަންނާނެ."

"ގްރީންގައި އަޅުގަނޑު ދެ އަހަރެއް ވަންދެން ހުރެއްޖެއްޔާ، ގްރީން އަކީވެސް ނުފޫޒުގަދަ ޓީމަކަށް ހަދާނަން." ސުޒޭން ބުންޏެވެ.

މީގެ ދެ އަހަރެއް ވަރު ކުރިން ނަމަ ސުޒޭން ފެންނަނީ ތަށި ހޯދޭނެ ފެންވަރުގެ ޓީމެއް ގޮވައިގެން މަސައްކަތް ކުރާ ތަނެވެ. ކުރިން ތަށި ހޯދާފައި މިހާރު އެހެން ގޮތަކަށް މަސައްކަތް ކުރުން އެއީ ޗެލެންޖަކަށް ނުވޭތޯ ސުވާލު ކުރުމުން އޭނާ ބުނީ އެއީ ޗެލެންޖަކަށް ނުވާ ކަމަށާއި ފުޓްބޯޅައިގެ މަސައްކަތްތައް އެކިގޮތްތަށް ބަދަލު ވަމުން ދާ ކަމަށެވެ.

ފުޓްބޯޅައިގެ ގަދަ ބާރަކީ ނިއު އާއި މާޒިޔާ

އޭނާ ބުނީ ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު އޮތީ ދެ ބާރެއް ކަމަށާއި އެއީ ނިއު ރެޑިއަންޓާއި މާޒިއާ ކަމަށެވެ. އޭގެ ތެރޭގައި ޓީސީ ނުހިމެނޭނެ ތޯ ސުވާލު ކުރުމުން، ސުޒޭން ބުނީ އެ ލިސްޓްގައި ދިވެހި ފުޓްބޯޅަ ސަޕޯޓަރުން ޓީސީ ނުހިމަނާ ކަމަށެވެ.

"އަޅުގަނޑު މާފަށް އެދެން [ޓީސިގެ ކޯޗު މުހައްމަދު] ނިޒާމުގެ ކިބައިން،" ޓީސީފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި ނުހިމެނޭނެ ތޯ ސުވާލު ކުރުމުން ސުޒޭން ވާހަކަ ފެށި އެވެ. "ނިއު ރޭޑިއަންޓް، މާޒިޔާ އެ ރޭޓަކު އެއް ދިވެހި ސަޕޯޓަރުންނެއް ޓީސީއެއް ނުގުނާ، ހަމަ މާޒިޔާ ނިއުރޭޑިއަންޓް."

އެކަމާ ބެހޭގޮތުން ޓީސީގެ ކޯޗު ނިޒާމު އާ ސުވާލު ކުރުމުން، އޭނާ ބުނީ ދިވެހި ފުޓްބޯޅައިގެ ތަޖުރިބކާރަކު ކޮމެންޓް ކުރުމުން އެކަމަށް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. އޭނާ ބުނީ ޓީސީ އަކީ ފުރަތަމަ ޑިވިޝަނަށް އަދިވެސް އާ ޓީމެއް ކަމަށެވެ. ހޮޓް ފޭވަރިޓްސްގެ ތެރޭގައި ޓީސީ ނުހިމެނުމަކީ ޓީސީ އަށް އޮތް އެޑްވާންޓޭޖެއްގެ ގޮތުގައި ނިޒާމު ފާހަގަ ކުރި އެވެ.

ސުޒޭން އާއި ނިޒާމުގެ ކުރިމަތިލުން ފޯރި ގަދަ ވާނެ

މާލޭ ލީގްގައި މިއަދު ހަވީރު އޮތް މެޗަކީ ޓީސީ އާއި ގްރީން ސްޓްރީޓްގެ މެޗެވެ. ސުޒޭން ބުނީ އޭނާ އާއި ނިޒާމުގެ ކުރިމަތިލުން ފޯރި ގަދަ ވާނެ ކަމަށެވެ. އޭނާ ބުނީ އޭއެފްސީ ކަޕްގައި ޓީސީން ވަރުގަދަ ހަތަރު މެޗު ކުޅެފައި ވުމުން، ޓީސީއާ ދެކޮޅަށް ކުޅޭ މެޗު ތަފާތު ވާނެ ކަމަށެވެ.

ގްރީންގެ ފުރަތަމަ މެޗުން އޭނާގެ ޓީމުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ފާހަގަ ވެގެން ދިޔަ ކަމަށާއި އެކަންކަމަށް ރިއާޔަތް ކޯށް މަސައްކަތް ކޮށްފައި ވާނެ ކަމަށް ސުޒޭން ބުންޏެވެ.

"މީގައި ޔަގީން އެއްކަމަކީ، ގްރީން އާއި ޓީސީ އާއި އަދި އަޅުގަނޑާ ނިޒާމް އާ ދެކޮޅުގައި ހުރެގެން ކުޅޭ މެޗެއް އާދައިގެ މެޗަކަށް އިރާދަ ކުރެއްވިއްޔާ ނުވާނެ."