ޗެލެންޖު ކުރާ ޓީމަކަށް ވުރެ ބޮޑަށް ޓީސީން ތައްޔާރު ވަނީ، ދިވެހި ފުޓްބޯޅައިގެ ލީޑަރަކަށް ވާން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމު ބުނެފި އެވެ.
ނިޒާމު ބުނީ ޓީސީ އަކީ އަދިވެސް ބޮޑު ޓީމެއް ނޫން ކަމަށެވެ. ނަމަަވެސް މިދިޔަ ތިން އަހަރު ރަނގަޅު ވާދައެއް ކުރުމުން ޓީސީގެ މިސްރާބު އޮތީ ރަނގަޅު ހިސާބެއްގައި ކަމަށް އޭނާ ބުންޏެވެ.
"މި ލެވަލް [ފުރަތަމަ ޑިވިޝަން] ގައި ޓީސީ އަދި އެންމެ ހަތަރު އަހަރު، އެހެންވީމަ އެއީ ވަރަށް ޅަ އަދި، އެކަމަކު ޓީސީ ހަމަގައިމުވެސް މި ދައްކާ ފަރަގާއެކު ދިވެހި ފުޓްބޯޅައިގައި ނުފޫޒު ފޯރުވަމުން އަންނަ ކަމީ އެންމެންވެސް ގަބޫލު ކުރާ ކަމެއް،" ނިޒާމް ބުންޏެވެ. "އެއްގަޮަތަކުން ވަރަށް ބޮޑު އެޑްވާންޓޭޖެއް މިކިޔާ ޗެލެންޖިން ޓީމުތަކުގެ ތެރޭގައި ޓީސީ ނުހިމެނުން، ޗެލެންޖާއަކަށް ވުރެ ބޮޑަށް ލީޑާ އަކަށް ވާން ބޭނުން ވަނީ."
ނިޒާމު ބުނީ، ޓީސީ ބޮޑު ޓީމެއް ކަމަށް ނުވަނީ އެ ކުލަބުގެ އުމުރުން ހަގު ވުމާއި، ރާއްޖޭގެ މުބާރާތެއްގެ އެއްވެސް ތައްޓެއް އަދި މިހާތަަނަށް ހޯދިފައި ނުވުމުން ކަމަށެވެ. އަދި މެނޭޖެމްމެންޓަށް ބެލިޔަސް ތިބީ ތަޖުރިބާ މަދު ބޭފުޅުންކޮޅެއް ކަމަށް ނިޒާމު ބުންޏެވެ. ނަމަވެސް ޓީސީގެ މެނޭޖްމެންޓުން ކުރާ މަސައްކަތުން ޓީސީއަކަށް ލީޑަރަކަށް ވެވޭނެ ކަމަށް ނިޒާމު ބުންޏެވެ.
"މި ގޮތަށް މި ކުލަބު ހިފަހައްޓައިފި ކަމަށް ވެއްޖެއްޔާ އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ ފުޓްބޯޅައިގައި ކުރިއަށް އޮތް ހަތް ވަރަކަށް އަހަރު ތެރޭ ލީޑް ކުރާ ހިސާބަށް ޓީސީ ދާނެޔޭ،" ނިޒާމް ބުންޏެވެ.
"އެހިސާބުން ޓީސީއަކީ ބޮޑު ޓީމަކަށް ކިޔަން ޖެހޭނެ، އެކަމަކު އެއީ ވަރަށް ބުރަ މަސައްކަތް، މި ކަހަލަ ކުލަބެއް ނަގައިގެން އެ އެ ގޮތަށް މަސައްކަތް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް."
ނިޒާމް ބުނީ އޭނާ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މިދިޔަ ތިން އަހަރު ތެރޭ ރަނގަޅު ހިސާބުގައި ޓީސީ ބާއްވައި ދެވުން ކަަމަށެވެ.