މިދިޔަ އަހަރު ކުލަބު އީގަލްސް އަށް ދިވެހި ލީގަށް ކޮލިފައި ނުވެވުނީ ބައެއް މެޗުތަކާ މެދު ސަމާލުކަން ކުޑަ ވެގެން ދިއުމުން ކަމަށާއި މިއަހަރު އެކަމަށް ފުރުސަތެއް ނުދޭނެކަމަށް އެޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު މޯހަން ބުންޏެވެ.
އީގަލްސްގެ ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ވިކްޓަރީގެ މައްޗަށް 3-1 މޮޅުވެފަ އެވެ. އީގަލްސް އަށް މިއަދު އޮތް މެޗަކީ ކުލަބު ވެލެންސިއާ އާ ދެކޮޅަށް ކުޅޭ މެޗެވެ. ފުރަތަމަ މެޗުން ރަނގަޅު މޮޅެއް ލިބިފައި ވުމުން، މިރޭ ކުޅޭ މެޗު ފަސޭހަ ކޮށްލެވުމުގެ ވިސްނުމެއް ކުޅުންތެރިންނަށް ނާންނާނެ ކަމަށް މޯހަން ބުންޏެވެ.
އޭނާ ބުނީ މިދިޔަ އަހަރު އީގަލްސްއިން ވަރަށް ރަނގަޅު ނަތީޖާތަކެއް ބައެއް މެޗު ތަކުން ހޯދާފައިވާ ކަމަށެވެ. އަދި ހަމައެޔާއެކު ބައެއް މެޗުތަކުގައި ހީ ނުކުރާ ކަހަލަ ގޮތަކަށްވެސް އީގަލްސްއަށް ދެރަ ލިބިފައިވާ ކަމަށް ތަޖުރިބާ ކާރު ކޯޗު ބުންޏެވެ. މޯހަން ބުނީ އެގޮތަށް މެޗުތަކުގައި ދިމާ ވަނީ އެ މެޗުތައް ފަސޭހަ ކޮށް ލެވިފައި ހުރުމުން ކަމަށެވެ.
ވެލެންސިއާ ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓަޑް ވިކްޓަރީ އަތުން ބަލި ވެފަ އެވެ. މޯހަން ބުނީ ވެލެންސިއާ ދެކޮޅަށް ވެސް އެ ޓީމުން ނިކުންނާނީ ބޮޑު މެޗެއް ކަމުގައި ދެކިގެން ކަމަށެވެ.
"މި އަހަރު ޕްރެކްޓިސް ފެށީން ސުރެ އަޅުގަނޑުގެ އެންމެ މުހިންމު ޓާގެޓަކަށް އޮތީ އެކަމަށް ކުޅުންތެރިން ފޯކަސް ކުރުން، މެޗެއް އީޒީ ކޮށް ނުލުން، އެއީ އެންމެ މުހިންމު ފޯކަސްއެއް ގޮތަށް އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ،" އޭނާގެ ބައްޕަ (ކުއީން) އަހްމަދު ވަހީދުގެ ކުލަބު ނިއު ރޭޑިއަންޓަށް، މެޗަކުން ބަލި ނުވެ 2012 ވަނަ އަހަރު ދިވެހި ލީގާއި ޕްރެޒިޑެންޓް ކަޕް ހޯދައިދިން ކޯޗު ބުންޏެވެ.
"އެއްވެސް މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށާ މެޗެއް އީޒީ ކޮށްލަން ޖެހޭ ހިސާބަކީ ކޮބައިކަން ކުޅުންތެރިންނަށް އެނގޭ ފެންވަރަށް އެ މަސައްކަތް ކުރިއަށް ގެންދަމުން މި (ދަނީ)، ކޮންމެ ދުވަހަކުވެސް އެކަމަށް މަސައްކަތް ކުރަމުން ވިސްނައި ދެމުން މި އައީ."
ވެލެންސިއާގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނީ އީގަލްސް މެޗަކީ މަސައްކަތް ކޮށްގެން، ވެލެންސިއާ އިން ޕޮއިންޓްތަކެއް ނަގަން ޖެހޭ މެޗެއްކަމަށެވެ. އެ މެޗުން ޕޮއިންޓްތަކެއް ގެއްލިޖެނަމަ ކުރަން ޖެހޭ މަސައްކަތް އުނދަގޫ ވާނެ ކަމަށް ސޮބާ ބުންޏެވެ.
މޯހަން އަކީ ސޮބާގެ ކުރީގެ ކޯޗެވެ. 2002، 2003 ގައި 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ސޮބާ ކުޅުނު އިރު މޯހަން ވަނީ އޭނާ އަށް އިރުޝާދު ދީފަ އެވެ. ސޮބާ ބުނީ، މޯހަން އާއި ކުލަބު އީގަލްސް އަށް އޭނާގެ އިތުބާރު އެބައޮތް ކަމަށާއި މެޗަށް ނިކުންނާނީވެސް މޯހަން އާއި އީގަލްސްގެ ތިބި ކުޅުންތެރިންގެ ފެންވަރު ދެނެގަނެގެން ކަމަށެވެ.