ކުޅިވަރު

ގްރީންއިން ޓީސީ ވެސް ހުއްޓުވައިފި

ޓީސީ މޮޅުވާން ދަނިކޮށް، އެންމެ ފަހު ވަގުތު ކާމިޔާބު ކުރި ލަނޑާއެކު ގްރީން ސްޓްރީޓުން ޓީސީ ވެސް ހުއްޓުވައިފި އެވެ. މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ،

މާޒިޔާ އާ ދެކޮޅަށްވެސް ގްރީން އެއް ވަރު ކުރީ މާޒިޔާއިން ލީޑްގައި ވަނިކޮށް އެންމެ ފަހު ވަގުތު ގްރީންގެ އިލިއާ ކާމިޔާބު ކުރި ލަނޑުންނެވެ. އެ މެޗާ ހިލާފަށް މިއަދުގެ މެޗުގައި ކުރިން ލީޑް ނެގީ ގްރީން އިންނެވެ.

މެޗު ފެށިގެން ހަ ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑަކީ، އެ ޓީމަށް ލިބުނު ކޯނަރުގައި، އަހްމަދު ރިލްވާން (ވިލިގިނލީ ރިލޭ) ނެގުމުން ގްރީންގެ އިބްރާހިމް ޝަފްރާޒް (ޝަފަލޭ) ބޮލުން ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ. ޝަފަލޭ ބޮލުން އެ ބޯޅަ ފޮނުވާލި ނަމަވެސް، ބޯޅަ ޓީސީގެ ގޯލަށް ވަނީ ޓީސީގެ ޒުވާން ޑިފެންޑަރު އަހްމަދު އައިހަމް ގައިގައި ޖެހިފަ އެވެ. އެހެންވެ އެ ލަނޑު ކައުންޓް ކޮށްފައި ވަނީ އައިހަމް އަތުން ބައިކޮޅަށް ވަން ލަނޑެއްގެ ގޮތުގަ އެވެ.

މެޗުގެ ފުރަތަމަ ހާފު ރަނގަޅަށް ކުޅުނީ ގްރީންއިންނެވެ. ޓީސީގެ ޑިފެންސް ފޫއަޅުވާލައި ވަދެ ރިލޭ ވަނީ ފުރުސަތު ތައް ތަނަވަސް ކޮށްފަ އެވެ. ފުރަތަމަ ހާފިގައި ޓީސީގެ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ފޮނުވާލި ދެ ހަމަލާވެސް ގްރީންގެ އުޒުބްކިސްތާން ކީޕަރު ސާޖީ ސްމޯރޮޑިން ވަނީ ދިފާއު ކޮށް ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.

ފުރަތަމަ ހާފު ނިމެން ކައިރި ވެފައި ވަނިކޮށް، ޓީސީން ވަނީ އެޓީމުގައި މައްސަލަ ދިމާވި ދެ ޑިޕާޓްމެންޓަށް ބަދަލު ގެނެސްފަ އެވެ. ޑިފެންޑަރު އައިހަމްގެ ބަދަލުގައި މުރުތަލޯ އަދުނާން (މުރޭ) އަދި ސާމިރުގެ ބަދަލުގައި ލައިބީރިއާގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ޑިއޯ ވިލިއަމްސް ކުޅެން އަރުވާފަ އެވެ. އެ ދެ ކުޅުންތެރިން ކުޅެން އެރުވުމުން ޓީސީގެ ކުޅުން އިތުރަށް ރަނގަޅު ވެގެން ދިޔަ އެވެ.

ޓީސީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ލަނޑު ކާމިޔާބު ކުރީ އިބްރާހިމް މަހްދީ ހުސައިންނެވެ. ދެ ވަނަ ހާފުގައި ގްރީން އަށް ވުރެ ރަނގަޅަށް ކުޅުނީ ޓީސީ އެވެ. ގިނަ ފުރުސަތު ވެސް ތަނަވަސް ކުރީ ވެސް ޓީސީ އެވެ.

ޓީސީން ލީޑް ނެގީ މެޗުގެ 76 ވަނަ މިނެޓްގައި، އިބްރާހިމް ވަހީދު ހަސަން އެވެ. އޭރިއާ ބޭރުން އޭނާ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލީ ގްރީންގެ ގޯލްގެ މަތީ ކަނަށެވެ. ގްރީން އަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިނުމުގައި އެޓީމު މުހައްމަދު ރިޝްވާން (ފުކޭ) ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ފުކޭގެ ސްޕީޑް ބޭނުން ކޮށްގެން އޭރިއާ ތެރެއަށް ވަދެ، އޭނާ ފޮނުވާލި ބޯޅަ ގޯލް ތެރެއަށް ފޮނުވާލި އެވެ. އެ ބޯޅަ ގޯލް ތެރެއަށް ވަނީ ވިލިގިނލީ ރިލޭ ބޯޅަ ފައިން ކޮށްޕާލުމުންނެވެ.