(1 މާރިޗު 2018 އާ ގުޅޭ)
"ސްކާލެޓް" ކުލައިގެ ކުރު އިސްތަށިގަނޑުން އެއީ ނިމްރާކަން ވަގުތުން އަރްސަލްއަށް އެނގުނެވެ. ނިމްރާއަށް ބަލަން ހުރެފައި އަރްސަލް ޝަހާދަތް އިނގިލިން އިޝާރާތް ކޮއްލީ އޭނާގެ ގާތަށް އަންނާށޭ ބުނާ ފަދައިންނެވެ. ހިސާބަކަށް ހާސްވެފައި ހުރެ މަޑުމަޑުން އަރްސަލްގެ ގާތަށް ނިމްރާއައެވެ.
"ފޯނު..." މަޑުމަޑުން ނިމްރާ ބުނެލިއެވެ.
"ކީކޭ؟" ނިމްރާގެ އަޑު ނީވޭ ކަމަށް ގަޞްދުގައި އަރްސަލް ހެދުނެވެ. އަދި ނިމްރާއާ ސީދާކޮއްލައިގެން ހުރި ނަޒަރުގެ ސަބަބުން އޭނާއާ ދިމާއަށް ބަލާލަން ނިމްރާއަށް އުނދަގޫވެގެން އުޅޭކަން ވެސް އަރްސަލް ދެނެހުއްޓެވެ.
"އަހަރެންގެ ފޯނު... ހޮސްޕިޓަލް ތެރެއިން ތީނަގެ އަތަށް ފޯނު ދިން ވާހަކަ މަރިޔަމް ބުނި" ތަންކޮޅެއް ތަފްސީލުކޮށް މިފަހަރު ނިމްރާ ބުނެލިއެވެ.
"އާން! ފޯނު ދޯ... ހީކުރީ އަހަރެން ކަޓުވާލީކަމައްތަ؟" ފާޑަކަށް ހީނލާފައި އަރްސަލް ބުނެލިއެވެ. އެއާއެކު ނިމްރާ ދެފަރާތަށް ބޯހޫރުވާލިއެވެ.
"ފޯނު ލިބިދާނެތަ؟ ޕްލީޒް!" އަރްސަލްގެ ވާހަކަތަކުން ނިމްރާއަށް ލިބެމުންދިޔައީ އިތުރު ހާސްކަމެވެ. އެހެންވެ އައިކަންތައް ފުރިހަމަކޮއްފައި އަވަހަށް އަރްސަލްގެ ކުރިމަތިން ދުރަށްދާން ނިމްރާ ހުރީ ނުހަނު ބޭނުންވެފައެވެ. ކޮންމެ އެއްޗެއް އަރްސަލް ކީ ނަމަވެސް ބަދަލުގައި ޖަދަލުކުރުމުގެ ނިޔަތެއް ނިމްރާގެ ނެތެވެ. ހަޤީޤަތުގައި އެ ހައިސިއްޔަތު އޮތް ކަމަކަށް ވެސް ނިމްރާ ނުދެކެއެވެ.
"މީހަކު ބޭނުންވާވަރުގެ ފޯނެއްކަމައްތަ ހީކުރީ... މަށެއް ނޫޅެން އެ ބޭނުންވެގެން... މިތާ މަޑުކުރޭ..." އަރްސަލް ބުނެލިއެވެ. އަދި ގޭޓުން އެތެރެއަށް ވަދެގެން ދިޔައެވެ. މަގުމައްޗަށް ވާގޮތަށް ގޭޓުން ބޭރު ކަނާއަތްފަރާތުގައި ނިމްރާ މަޑުކޮއްލައިގެން ހުއްޓާ ގިނައިރެއްނުވެ އަރްސަލް އެނބުރި އައެވެ. އެއްފައި ގޭޓުން އެތެރޭގައި އަނެއްފައި ގޭޓުން ބޭރުގައިވާ ގޮތަށް އަރިއަކަށް ހުއްޓިލައިގެން ހުރި އަރްސަލް ބަހެއް ނުބުނެ ނިމްރާއަށް ފޯނު ދިއްކޮއްލިއެވެ.
"ތެންކިޔު" ނިމްރާ ފޯނުގައި ހިފަމުން ބުނެލިއެވެ.
"އަހަރެންގެ ގެއަށް މެއިޑެއް ބޭނުންވެގެން މި އުޅެނީ... ކަލޭ ރަނގަޅުވާނެ. މާދަމާ މަސައްކަތް ފަށަންވީނު" ފޯނުން ދޫކޮއްނުލާ ހުރެ އަރްސަލް ބުނެލިއެވެ. އެހިނދު ލިބުނު ހައިރާންކަމާއެކު ނިމްރާގެ ނަޒަރު އަރްސަލްއާ ސީދާކޮއްލެވުނީ ބޭއިޚްތިޔާރުގައެވެ.
"ކިހިނެއްވީ؟... ހޮސްޕިޓަލުގައި އޮއްވާ ބުނި ވާހަކަތައް ހަނދާންނެތުނީތަ؟ ކަލޭ ކަހަލަ އަންހެނަކު ހަނދާން ވެސް ނެތިދާނެ. އޯކޭ! މައްސަލައެއްނޫން... ކަލޭ ހަނދާންނެތޭ ކޮންމެ ފަހަރަކު އަހަރެން ހަނދާންކޮއްދޭނަމޭ. އެހެންވީމަ އޯކޭއެއްނު" އަރްސަލްގެ އަޑާއި ރާގު ހުރި ގޮތުން ނިމްރާއަށް ހިންދިރުވާލެވުނެވެ. އަރްސަލްގެ ފުށުން ކުޑަ ނަމަވެސް އިންސާނިއްޔަތުކަމެއް ފެނުމަށް ނިމްރާގެ ޟަމީރު އެވަގުތު އެދެމުންދިޔައެވެ.
"ވިސްނާލަން އަދިވެސް ދުވަސްބޭނުންވަނީތަ؟" މަލާމާތް ކުރާ ފަދައިން އަރްސަލް ބުނެލިއެވެ. އަދި ފޯނުން ދޫކޮއްލިއެވެ. އެއާއެކު ނިމްރާ ދެއަތްތިލައިގެ ތެރޭ ފޯނު ފޮރުވާލާ ފަދައިން ހިފަހައްޓާލިއެވެ. ނަމަވެސް މިފަހަރު ވެސް އަރްސަލްއަށް ޖަވާބެއް އޭނާ ނުދިނެވެ. އިރުކޮޅަކު މަޑުކޮއްލައިގެން ހުރުމަށްފަހު އަރްސަލް އަނގައިން ނުބުނުމުން ނިމްރާ އެނބުރިލީ އެ ތަނުން ދުރަށް ދާށެވެ. އަރްސަލްއަށް ފުރަގަސްދީ ނިމްރާ ހިނގައިގަތް ވަގުތު އޭނާއަށް އަރްސަލް ގޮވާލި އަޑު އިވުނެވެ.
"ތި ދާއިރު ލޫން މަރާލި މަގު ފެންނާނެ، ކަލެއަށް ކުރެވުނު ކަންތައްމަތިން ހަނދާންކުރާތި" ފިޔަވަޅު ހުއްޓުމަކަށް އައި ނިމްރާއަށް އަރްސަލްގެ އަޑު އިވުނެވެ. އެއާއެކު ނިމްރާއަށް ތުންފިއްތާލެވުނެވެ. ދަތްތައް ޖައްސާ ބާރުކޮއްލެވުނެވެ. އޭނާ ބަލިކަށިވެ ރޯކަށް ބޭނުމެއްނޫނެވެ. ދެ ލޮލަށް ބޮނޑިވެގަތް ކަރުނަތައް އޭގެ މަޤާމު ދޫކޮށް ކޯތާފަތައް ފޭބުމުގެ ކުރީން ހިންދާލަން ނިމްރާ މަސައްކަތް ކުރިއެވެ. ހަށިފުރާ ފުން ނޭވާތަކެއް ލާން ފެށިއެވެ. އެސްފިޔަތައް އަވަސް އަވަހަށް ތަޅުވާލިއެވެ. ހަލުވިކޮށް ނިމްރާ ހިނގައިގަތެވެ.
ހިނގަމުން ވަކި ހިސާބަކަށް އާދެވުމާއެކު ނިމްރާ ހަމައަކަށް އެޅިއްޖެއެވެ. އެހެންނަމަވެސް އެނބުރި މާލެ ދިއުމަށް ޓަކައި އޭނާ ޚިޔާރު ކުރީ ފެރީއެވެ. ގިމަތައާ ހަމައަށް ދިއުމުގެ ކުރީން އޭނާ މަޑުކޮއްލިއެވެ. އިސާހިތަކު ލޯ ކުރިމަތީ އެ މަންޒަރުތައް ސިފަވެގެން ދިޔައެވެ. ހުއްޓިލައިގެން ހުރީ އެ ހިތާމަވެރި ހާދިސާ ހިނގި މަގުގެ އެއްފަރާތުގައެވެ.
"ހަނދާންނެތޭނެތަ؟ ކިހިނެއް؟ އަރްސަލް! ހަނދާންކޮއްދޭން ޖެހޭނީ ހަނދާންނެތިއްޖެނަމަ... އެ ރޭގައި ހިނގި އެއްވެސް ކަމެއް އަހަރެން ހަނދާނެއްނުނެތޭނެ" ނިމްރާގެ އަމިއްލަ ހިތުގެ އަޑު އިވިގެންދިޔައެވެ. އޭނާގެ ދެއަތުގައި މަޑު ތުރުތުރެއް އުފެދިފައިވީއިރު ފައިގައި ކުރިއަށް ދާނޭހާ ބާރު ނެތްފަދައެވެ.
"ޔޫ ޝުޑް ނެވާ ފޮގެޓް... ނީމް... ޔޫ ޝުޑް ނެވާރ އެވާ ފޮގެޓް... އެމްބްރޭސް ދި ޕެއިން އެންޑް ލާން ޓު ލިވް ވިތް އިޓް" ނިމްރާގެ ޟަމީރު އަޑުލައިގަތެވެ. ޖެހިލުންވެފައި ހުރެ ކުރިއަށް ނިމްރާ ހިނގައިގަތެވެ. މަގު ހުރަސްކޮށް ގިމަތައާ ދިމާއަށް އައެވެ.
* * * *
ކޮޓަރިއަށް ވަން ގޮތަށް ނިމްރާ އަވަސްވެލީ ފޯނު ހުޅުވާލުމަށެވެ. ޗާޖު ދާން ކައިރިވެފައި އޮތުމުން އަވަހަށް ފޯނުގެ ވާގަނޑު ގުޅާލިއެވެ. އަދި ފޯނުގައިވާ ކަލަންޑަރު ބަލަން ފެށިއެވެ.
"އަދިވެސް އެތަނުން ނުގުޅާ" ކަލަންޑަރަށް ބަލަން އިނދެ ނިމްރާ ބުނެލިއެވެ. އެނދުގެ ވައަތްފަރާތު އަރިމަތީމޭޒު މަތީ އޮތް ނޯޓުކުރާ ފޮތް ނިމްރާ ހުޅުވާލިއެވެ. އަދި އޭގައި ނޯޓުކޮއްފައި އޮތް ތިން ނަންބަރަކަށް ގުޅަން ފެށިއެވެ. ވަޒީފާއަކަށް އޭނާ އެދިފައި އޮތީމައެވެ. އެޑްމިނިސްޓްރޭޓިވް އޮފިސާރއެއްގެ ވަޒީފާ ތިން އޮފީހުން އިއުލާންކޮއްފައި އޮތުމުން އެތަންތަނަށް ނިމްރާ ކުރިމަތިލީއެވެ. އެއްތަނުން ފޯނެއް ނުނެގިއެވެ. ދެން ގުޅި ދެ ތަނުން ވެސް ބުނީ މިހާރު ކުއްޖަކު ހޮވައިފި ކަމުގައެވެ. ރުޅި އައިސްގެން ދަތްކުނޑި ވިކާލުމާއެކު ނިމްރާ ފޯނު ކަނޑާލިއެވެ.
"ގުޅާލާފައި ބުނީވިއްޔާ ކީއްތަވާނީ" ހިތްހަމަނުޖެހިފައި އިނދެ ނިމްރާ ވާހަކަދެއްކިއެވެ. ފޯނު އެއްފަރާތުގައި ބޭއްވުމަށްފަހު އެނދުމަތީ އޮތް އަތްދަބަސް ނެގިއެވެ. އޭގައި އޮތް ވޮލެޓް ނަގާ ނިމްރާ ބަލާލިއެވެ. އިތުރަށް އޭނާ މާޔޫސްވިއެވެ. އެހެންނަމަވެސް އަމިއްލަ ނަފްސަށް ހިތްވަރުދޭން މަސައްކަތް ކުރިއެވެ. އަލުން ފޯނު ނަގާ އިއުލާންތައް ބަލާލިއެވެ. ދެތިން އޮފީހުގެ އިއުލާން ބަލާލިތަނާ ފޯނުން ޑޭޓާ ހުސްވެއްޖެއެވެ.
"ހައު ކޭން އައި ސްޓޭ ޕޮޒިޓިވް... އެއްވެސް ކަމެއް ރަނގަޅަށް ވަނީކީނޫން" ނިމްރާ ހިތާ ހިތުން ބުނެލިއެވެ. އިތުރު ގޮތަކާމެދު ވިސްނުން ހިންގޭވަރަށްވުރެ ލިބިފައިވާ މާޔޫސްކަން ބޮޑުކަމުން އެނދުގައި ކުޑަ ވަގުތުކޮޅަށް ނިމްރާ އޮށޯވެލީއެވެ.
ނިމްރާއަށް ގޮތެއް ނުނިންމިގެން އުޅެނިކޮށް އޭގެ ފަހުން ހަތަރު ދުވަސް ފާއިތުވެގެން ދިޔައީއެވެ. ކުރިމަތިލި އެއްވެސް ކަމެއް ކާމިޔާބެއްނުވިއެވެ. މަދަދަށް އެދޭނޭ ފަރާތެއް ނިމްރާގެ ނެތެވެ. ހެނދުނުއްސުރެ ކޮޓަރީގައި އޮވެފައި ކާއެއްޗެއް ހޯދަން ނުކުތް ވަގުތު ގޭގައި އުޅޭ މަރިޔަމްއާ ދިމާވެގެން ތަނެއް ލިބިއްޖެތޯ ވެސް ނިމްރާ ގާތު އޭނާ އަހައިފިއެވެ. އެކަމަށް އޭނާއަށް ދޭން ޖެހުނީ އެދެވޭ ޖަވާބެއް ނޫނެވެ. ދުވަސް ނިމުމަކަށް އައީ ނިމްރާ ވިސްނަން އެނދުގައި އޮއްވައެވެ.
"އެނބުރި މިޢުވާނުގެ ގާތަށް ދާންވީތަ؟ އަހަންނަށް އެހީވެދޭށޭ އޭނާ ގާތު ބުނަންވީތަ؟... އެކަމަކު... އޭނާގެ ކުރިމައްޗަށް އަރަން... ނޫން! ނުވާނެ އެކަމެއް... ދުވަހަކުވެސް އޭނާގެ ކުރިމައްޗަށް އަރާކަށް އަހަރެން ބޭނުމެއްނޫން. ދުނިޔޭގައި ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް އަހަރެން އޭނާގެ ކުރިމައްޗަށް އަރަން ނުޖެހޭތޯ ދުޢާކުރާނަން. އޭނާގެ ކުރިމައްޗަށް ހިނގައްޖެނަމަ އަހަރެންގެ އަމިއްލަ ނަފްސުގެ ވެސް އަގެއްނެތްކަން އެއީ.... އަހަރެން ދުވަހަކުވެސް މަޢާފުނުކުރަން ނިންމި މީހާގެ ކުރިމައްޗަށް އަރާހާ ނިކަމެއްޗެއް އިރާދަކުރެއްވިއްޔާ ނުވާނެ. ކޮންމެވެސް ގޮތެއް އަހަންނަށް ވެސް އޮންނާނެ... އާން! ކޮންމެވެސް ގޮތެއް އަހަންނަށް ﷲ މެދުވެރިކުރައްވާނެ. އަހަރެން ކެތްކުރާނަން... ކޮންމެ ކަމަކަށް ވެސް ކެތްކުރާނަން... މިއަދު އަހަރެން ހިތްވަރު ދޫކޮއްލައިފިއްޔާ މާމަ ދުވަހަކުވެސް އަހަންނަށް މަޢާފެއްނުކުރާނެ. މާމާ! އަހަރެން މަރެއްނުވާނަން... ގޮތް ހުސްވިޔަސް މަރެއްނުވާނަން... ކެތްކުރާނަން... ހުރިހާ ކަމަކަށް ކެތްކުރާނަން..." ފެންކަޅިވި ދެ ލޯ ފޮރުވާލަން މޫނުގައި ދެއަތް އަޅާ ނިމްރާ ފޮރުވާލިއެވެ. ރޮވެމުންދިޔައިރު ވެސް ނިމްރާ ތަކުރާރުކޮށް ކެތްކުރާނަންކަމުގައި ބުނަމުންދިޔައެވެ. ހިތުގައިޖެހި ނިމްރާއަށް ގިސްލެވުނެވެ. ރޮއެރޮއެ ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނީކަމެއް ނޫނީ ވަރުބަލިވީކަމެއް ނޭނގެއެވެ. އެނދުން ތެދުވި ގޮތަށް ނިމްރާ ގޮސް ފާޚާނާއަށް ވަނެވެ. ގިނައިރެއް ނުވެ ނުކުތީ މޫނު ދޮވެލައިގެންނެވެ. ތުވާލި ނަގާ މޫނު ރީތިކޮށް ފުހެލުމަށްފަހު އަނެއްކާ ވެސް އައިސް އެނދުގައި އޮށޯވެލިއެވެ.
"އަރްސަލް!..." އެތައް އިރަކު ހިމޭންކަމާއެކު އޮތުމަށްފަހު ސިއްރެއް ބުނެލި ފަދައިން ނިމްރާގެ ދެތުންފަތުގެ ދޭތެރެއިން ވައިއަޑުން ނުކުތީ އަރްސަލްގެ ނަމެވެ. ގިސްލެވިފައި ވުމުން ނިމްރާގެ ނޭވާ ހަމައަކަށް ނޭޅެއެވެ. އެހެންވިޔަސް އޭނާ މަޑުމަޑުން ދެ ލޯ މަރާލާފައި ހުޅުވާލި ގޮތުން ހީވީ ފައިސިލާ އަމިއްލަ ނަފްސަށް އިއްވާލާ ގޮތެއް ނިންމީހެނެވެ.
"މުޅި ދުނިޔެ އަހަރެން މަތިން ހަނދާންނައްތާލަން ބޭނުންވެފައިވާއިރު ހަމައެކަނި އަހަރެންގެ މަތިން ހަނދާންނުނެތޭނެ މީހަކީ އެއީ... އަރްސަލް! އަހަރެން އެ އެކްސިޑެންޓުގެ މަތިން ހަނދާންނައްތައެއްނުލާނަން. އަރްސަލް ބޭނުން ކޮންމެ ކަމެއް ކޮއްދޭނަން. މީ ކަންނޭނގެ އަހަންނަށް ކުރެވުނު ކުށުގެ ކައްފާރާއަކީ... އަރްސަލްއަށް ދެވުނު ހިތްދަތިކަމުގެ ބަދަލު އަހަރެންގެ ކިބައިން ހިފާ. އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް. ހުރިހާ ކަމަކަށް ރުހި ޤަބޫލުވެއްޖައިން... ހުރިހާ ދޮރެއް އަހަންނަށް ބަންދުވެގެން ދިޔައިރު އަރްސަލްއާ ހަމައަށް ދިއުމަށް ހުޅުވިފައިވާ ދޮރު އަދިވެސް ހުރީ އަރްސަލް ހުޅުވިގޮތަށް. މީ އަހަންނަށް ހުރި ގޮތްކަން ޔަގީން. މީ މިންވަރުފުޅުގައި ހުރި ގޮތް. އިތުރަށް ދެކޮޅު ހެދުމުގެ ބޭނުމެއް ދެން ނެތް. އަރްސަލްގެ އަޅަކަށް ވެގެން ވިޔަސް އަހަރެން އުޅޭނަން. އަރްސަލްގެ ވޭން އަހަންނަށް ވޭން ދިނުމުން އެންމެ ތަންކޮޅެއް ވެސް ކުޑަވާނަމަ އަހަރެން ރުހި ޤަބޫލު" އެއްވެސް ރޫހެއްނެތި އެއްދިމާއަކަށް ނަޒަރު ހުއްޓާލައިގެން އޮތް ނިމްރާ އޭނާގެ ޟަމީރަށް ވިސްނައިދިނެވެ. އެހިނދު އަމިއްލަ ޟަމީރު ވެސް އެކަމާ އެއްބަސްވިކަމުގައި ނިމްރާއަށް އިހުސާސް ކުރެވިގެންދިޔައެވެ. އެންމެ ހިނދުކޮޅަކަށް ވެސް މަޑުކުރުމެއްނެތި ނިމްރާ ފޯނު ނެގުމާއެކު އަރްސަލް ދިން އެޑްރެސް ކާޑު ހޯދިއެވެ. އޭގައިވާ އަރްސަލްގެ ނަންބަރަށް ޑައިލް ކުރިއެވެ.
"ކިހިނެއްވީ؟ ވިސްނުނީތަ؟" ފޯނުކޯލަށް އަރްސަލް ޖަވާބުދިން ގޮތް އަޑުއިވުމާއެކު އޭނާއަށް އެއީ ނިމްރާކަން އެނގިއްޖެކަން ޚުދު ނިމްރާ ޔަގީން ކުރިއެވެ.
"އަހަރެން ކުރާނަން.... ކޮންމެ ކަމެއްވެސް... މެއިޑްއަކަށް ވެސް ވެދާނަން" ޖެހިލުންވިޔަސް ނިމްރާގެ ނިންމުން އިއްވާލިއެވެ. ހަމަ އެވަގުތު އަރްސަލް ބާރަށް ހޭންފެށި އަޑު އިވުނެވެ. ދެން ވެސް ނިމްރާ ބުނި އެއްޗެއް ތަކުރާރުކޮއްލިއެވެ. ޔަގީންކަން ދިނުމުގެ ގޮތުންނެވެ. އެއާއެކު ހިމޭންކަން ވެރިވެގެން ދިޔައެވެ. އިރުކޮޅަކު އިނދެފައި ނިމްރާ ފޯނަށް ބަލާލިއެވެ. ކޯލު ކެނޑުނީކަމަށް ހީކޮށެވެ.
"ހެލޯ" މަޑުމަޑުން ނިމްރާ ގޮވާލީ އަރްސަލް އަނގައިން ނުބުނާތީއެވެ.
"މާދަން ގުޅާނަން" ކުއްލިއަކަށް އަރްސަލް މިހެން ބުނުމާއެކު ފޯނުކޯލު ކަނޑާލީއެވެ.
* * * *
ފޯނު ޖީބަށް ލަމުން އަރްސަލް ކޮޓަރިން ނުކުމެގެން އައިސް ސިޓިންރޫމުގައި ހުރި ބޮޑު ސޯފާގައި އިށީނެވެ. ހަށިގަނޑު ސޯފާގެ ތެރެއަށް ދޫކޮއްލައިގެން ކަނދުރާ މައްޗަށް ޖަހައިގެން އަރްސަލް ވިސްނަން އިނެވެ. އެތަނަށް ރާދިން ނުކުތީ އެގޮތުގައި އަރްސަލް އިންނަތާ އެތައް އިރެއްފަހުންނެވެ.
"މަ ވަރަށް ބަނޑުހައި... މިރޭ ކޯޗެއް ކާނީ؟ ކޮންތާކަށް އޯޑާ ކުރާނީ" ރާދިން ވެސް އައިސް ވަކިން ހުރި ސޯފާގެ ތެރެއަށް ވެއްޓިގަތީއެވެ.
"ރާދުއަށް ފެންނަ އެއްޗެއް ގެނޭ" އަރްސަލް ބުނެލިއެވެ. ފޯނުން ބަލައިގެން އެކި ތަންތަނުގެ ނަންކިޔަމުން އެތަންތަނުން ލިބެން ހުރި އެއްޗެހި އަރްސަލްއަށް އޮޅުން ފިލުވައިދެމުން ރާދިން ދިޔައެވެ. އަދި އޭނާއަށް އެންމެ ކަމުދާ އެއްޗެއްގެ ވާހަކަ ބުނުމުން އަރްސަލް ވެސް އެއްބަސްވީ ރާދިން ގެންނަ އެއްޗެއް އޭނާއަށް ވެސް ގެނެސްދިނުމަށެވެ. ކާއެއްޗަކަށް އޯޑަރު ދީ ނިންމާލާފައި ރާދިން ޓީވީގެ ރިމޯޓު ނަގާ ގޮނޑީގައި ހަމަޖެހިލިއެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން އިނދެފައި އަރްސަލް ގޮވާލިއެވެ.
"އަހަރެން މިއުޅެނީ މެއިޑެއް ގެންނަން" އަރްސަލް ބުނެލިއެވެ. ރާދިންގެ ސަމާލުކަން ވަގުތުން އަރްސަލްއަށް ހުއްޓުނެވެ.
"ރަނގަޅުކަމެއް... ގޭގައި ކައްކާނޭ މީހަކު ހުންނާނެތާ... އެކަމަކު... ތިރީގައި ހުރި ރެސްޓޯރެންޓުބައި ނިމުނީމާ އަހަރެމެންނަށް އެތަނުން ކެވޭނެއެއްނު. މިހާރު އެތަން ވެސް އެ ނިމެނީނު. ކޮންމެހެން ގެއަށް މީހަކު ނުގެނަޔަސް" ރާދިން ބުންޏެވެ.
"އަހަރެންގެ ކަންކަން ކުރަން މެއިޑު ހުންނާނެއެއްނު، ރާދުގެ އެއްވެސް ކަމެއް އޭނާއާ ހަވާލުނުކުރިޔަސް އޯކޭ" އަރްސަލް ބުނެލިއެވެ. އޭނާގެ ވާހަކައިގައި ކަމެއް ފޮރުވިފައިވާހެން ރާދިންއަށް ހީވީ ދެނެވެ.
"ކޮންރަށަކުން ގެންނަނީ؟ ޕިލިޕިންސްތަ؟ ބެންކޮކްތަ؟ ނޫނީ އިންޑިއާ އިންތަ؟" ރާދިން ފައްޗަކަށް އަމުނާލިއެވެ.
"ރާއްޖެ... ރާދު އެއްވެސް ކަމަކާ ހާސްވާނެކަމެއްނެތޭ. އަހަރެން ހުރިހާ ކަމެއް ހަމަޖައްސާނަން. މިތަނަށް ގެންނާތީ ރާދު ގާތު ވެސް ބުނެލީއޭ" މާބޮޑު ތަފްޞީލެއް ދޭން އަރްސަލް ބޭނުމެއްނުވިއެވެ.
"ވަޓް! ވަޓް!... ތި ބުނަނީ މިގޭގައި ހުންނަ ގޮތައް މެއިޑެއް ގެންނަނީއޭތަ؟ އެވެސް އަދި ރާއްޖެ މީހެއް، އަރްސަލް! ޔޫ އޯލްރައިޓް... ކޮންކަމެއް މިހާރު ނުވެގެން ތިކަހަލަ ކަމެއް ކުރަން ތި އުޅެނީ. ހަމަ ހަޤީޤަތައް ވެސް ގޭތެރޭގެ ކަންކަން ކުރާނޭ މީހަކު ބޭނުންވެގެންތަ ތި އުޅެނީ؟ ކީއްކުރަން ރާއްޖެ މީހަކު ތި ހޯދަނީ؟" ރާދިންގެ ސުވާލުތައް ކިތަންމެ ގިނަ ނަމަވެސް އަރްސަލް އޭނާއަށް އޮޅުންފިލުވައެއް ނުދިނެވެ. ރާދިންއަށް ހުރިހާ ކަމެއް އެނގިއްޖެއްޔާ މަނާ ކުރާނޭ އަރްސަލްއަށް ހީވަނީއެވެ. ކުރީބައިގައި އެއްވެސް ވާހަކައެއް ރާދިންއަށް އަންގަން އަރްސަލް ބޭނުންނުވަނީ އެހެންވެއެވެ. މިހާރު އަރްސަލް ބޭނުންވަނީ އޭނާ ކުރަން ބޭނުންވާ ގޮތަށް އޭނާގެ ހިތަށް ހަމަޖެހުން ލިބޭނޭ ފަދައިން ކަންކަން ކުރާށެވެ. (ނުނިމޭ)