ކުޅިވަރު

މޮޅަކަށް ނޫންގޮތަކަށް ނިއު ނުނިކުންނާނެ

މޮޅުވާން ނޫން ގޮތަކަށް އެއްވެސް މެޗެކަށް އަދި އެއްވެސް މުބާރާތަކަށް ނިއު ރޭޑިއަންޓުން ނުނިކުންނާނެ ކަމަށް އެ ޓީމުގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި، ބަންގުލަދޭޝްގެ ޑާކާ އަބަހާނީ ޔުނައިޓަޑާ ވާދަ ކުރަން ނިއު ރޭޑިއަންޓްގެ ސްކޮޑް މިހާރު ތިބީ ވެރި ރަށް ޑާކާ ގަ އެވެ.

ޑާކާގައި ހުރެ ވާހަކަ ދައްކަމުން ބުރުޒޮން ބުނީ އަންނަ ބުދަ ދުވަހު ކުޅޭ މެޗަށް ނިއު ނިކުންނާނީ އަނެއް ބުރަށް ދިއުމުގެ ވިސްނުމާއެކު ކަމަށެވެ.

"އަހަންނަށް ހީ ނުވޭ އެއްވެސް މުބާރާތަކަށް ނިއު ރޭޑިއަންޓް ނިކުންނާނެ ހެނެއް މެޗު އެއްވަރުކޮށް ޕޮއިންޓެއް ހޯދާކަށް،" ސްޕެއިންގެ ކޯޗު ބުންޏެވެ. "ފުރަތަމަ މެޗަށް ވެސް އަހަރެމެން ވިސްނުން ހުރީ އަނެއް ބުރަށް، އެ ވިސްނުމާއެކު ކުޅުންތެރިން މެޗަށް ނިކުންނާނީ."

ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކާ ވާދަ ކުރަން ޖެހުނަސް، ނިއު ނިކުންނަނީ މޮޅަކަށް ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ، އަބަހާނީ މެޗަކީ، ފިޒިކަލީ ވަރުގަދަ ގޭމަކަށް ވާނެ ކަމަށެވެ. ހަމައެޔާއެކު ޑާކާގެ ދަނޑުގެ ވިނަގަނޑުގެ ކޮންޑިޝަން ވެސް އެހާ ރަނގަޅު ނޫން ކަން ބުރުޒޮން ފާހަގަ ކުރި އެވެ.

މެޗު ކުޅެމުގެ ތިން ދުވަސް ކުރިން ނިއުރޭޑީއަންޓް ޑާކާ އަށް ދިޔައީ، ބަންގާޅުގެ ކޮނޑިޝަން ދެނަގަތުމަށެވެ. އަދި ދަތުރުގެ ސަބަބުން ކުޅުންތެރިންނަށް ކުރިމަތި ވާނެ ވަރުބަލިކަމުންވެސް މެޗުން ކުޅެން ވާއިރަށް ސަލާމަތް ކުރުމަށެވެ.

ނިއުރޭޑިއަންޓާއި އަބަހާނީ ކުޅޭ މެޗު އޮންނާނީ ބުދަ ދުވަހު ރާއްޖޭގަޑިން 3:15 ގަ އެވެ. ހަމަ އެދުވަހު އިންޑިއާގެ އައިޒަވަލް އާއި ބެންގަލޫރު އެފްސީވެސް ކުޅޭނެ އެވެ.