ރާއްޖޭގެ ވެރިކަމަށް ވަކި މީހަކު ގެންނަން މަސައްކަތް ކުރުމަކީ އިންޑިއާއަށް މަސްލަހަތު ހުރި ކަމެއް ނޫން ކަަމަށް އެގައުމުގެ ކުރީގެ ސެކިއުރިޓީ އެޑްވައިޒަރު ޝިވްޝަންކަރު މެނޮން ވިދާޅުވެއްޖެއެވެ.
މެނޮން މިމޭރުމުން ވާހަކަ ދެއްކެވީ އިންޑިއާގެ ޓްރިޗީގެ އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީން އިންތިޒާމްކޮށްގެން ބޭއްވި ފެސްޓިވަލެއްގައި ދަރިވަރަކުރ ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުންނެވެ. މެނޮން އަކީ 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އެއީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަންމޯހަންސިންގް ގެ ދައުރުގައެވެ.
"ދިވެހިރާއްޖެއަށް ސަރުކާރެއް އައްޔަން ކުރުމަކީ އިންޑިއާއަށް މަސްލަހަތު ހުރި ކަމެއް ކަމަަކަށް އަޅުގަނޑު ނުދެކެން،" މެނޮން ވިދާޅުވި ކަމަށް ޓައިމްސް އޮފް އިންޑިއާ ގެ ހަބަރުގައި ވެއެވެ.
"ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވަނީ އިންޑިއާ އިން ރާއްޖެއަށް ގޮސް، މިހާރު އޮތް ސަރުކާރު ވައްޓާލައި އެމަނިކުފާނު އަނބުރާ ވެރިކަމަށް ގެންނަން. އިންޑިއާއިން [ރާއްޖޭގެ ކަންތަކަށް] ވަނަ ނުދީ ހުއްޓުވާ ނަމަ އެއީ އަދި މުޅިން އެހެން ކަމެއް. ރާއްޖެއަަށް ސަރުކާރުތައް އައްޔަން ކުރުން އެއީ އިންޑިއާއަށް މަސްލަހަތު ހުރި ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން" މެނޮން ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ސަރުކާރުން ތަންފީޒު ނުކޮށް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ހައްޔަރު ކުރުމުން ރައީސް ނަޝީދު ގޮވައިލެއްވީ އިންޑިއާއިން ރާއްޖޭގެ ކަންތަކުގެ ތެރެއަށް ސީދާ ގޮތެއްގައި ވަނުމަށެވެ. އެކެއް ފެބްރުއަރީ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ހިސާބުން ފެށިގެން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަނީ ހީނަރުވެފައެވެ.