ހަބަރު

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގާނޫނު ހަދަން ބިލް ހުށަހަޅައިފި

އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ހެދުމަށް ޕީޕީއެމް އާއި އެމްޑީއޭއިން ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅައިފި އެވެ. މި ބިލް ސަރުކާރު ކޯލިޝަންގެ ފަރާތުން ހުށަހެޅުއްވީ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ.

ބިލްގެ ތައާރަފެއްގެ ގޮތުގައި ބުނެފައިވަނީ އެ ބިލަކީ މަޖިލީހަށް ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވުމަށްފަހު އެ ދައުރުގެ ތެރޭގައި އެ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ ގޮނޑި ގެއްލޭނެކަން ކަނޑައަޅާ ގާނޫނު ކަމަށެވެ.

އަދި އެފަދަ ގޮތަކަށް ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައި އިލެކްޝަން ބޭއްވުމުގެ އިޖުރާއުތަކާއި އުސޫލުތައް ވެސް "އެންޓި ޑިފެކްޝަން ގާނޫނު"ގެ ނަމުގައި ހަދާ ގާނޫނުގައި ބަޔާންކުރާނެ ކަމަށް ބިލްގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެންބަރަކު ސޮއިކުރައްވައި މަޖިލީހަށް މައްސަލަ ވެއްދުމާއެކު ފްލޯ ކްރޮސްކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހުކުމް ނެރެދިނުމަށް ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ވަޑައިގަތެވެ. އެގޮތަށް ހުކުމް ސުޕްރީމް ކޯޓުން ނެރެ ވެސް ދެއްވި އެވެ.

އެއާއެކު އެ ހުކުމަށް ރިޔާއަތްކޮށް ކަމަށް ބުނެ ޕީޕީއެމް އާއި އިލެކްޝަން ކޮމިޝަނުން ޖުމްލަ 12 މެންބަރެއްގެ ގޮނޑި ގެއްލުވާލި އެވެ. އެ މައްސަލަތައް މެންބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. ހަތަރު މެންބަރެއްގެ މައްސަލާގައި ދިގު އަޑުއެހުންތަކެއް ބޭއްވުމަށްފަހު ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލާގައި އިތުރަށް ދެން ނިންމާނެ ނިންމުމެއް ނެތް ކަމަށެވެ. އެ މެންބަރުން ގޮނޑި ގެއްލޭ ކަމެއް ނުވަތަ ނުގެއްލޭ ކަމެއް ވެސް ސީދާކޮށް ވިދާޅެއް ނުވެ އެވެ.

އިދިކޮޅު ބޭފުޅުން ގޮނޑި ނުގެއްލޭ ކަމަށް މާނަކުރަމުން ދިޔައިރު ސަރުކާރުންނާއި އިލެކްޝަން ކޮމިޝަނުން އަދި ރައްޔިތުންގެ މަޖިލީހުން މާނަކުރީ އެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އެ އަމުރުގައި ބުނެފައިވަނީ، ދައުލަތުގެ ބަންޑާރަ ނައިބު އެދިގެން އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ، ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އިއްވި ހުކުމަކީ އެކަމަށް ގާނޫނެއް ފާސްކުރެވެންދެން ވަގުތީ ފަރުވާއެއް ދިނުމަށް ނެރުނު ހުކުމެއް ކަމަށެވެ. ނަމަވެސް، އެ ހުކުމްކޮށް މިހާ ދުވަސްވީއިރު ވެސް ހުކުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އަމަލުކޮށްފައިނުވާ ކަމަށެވެ.

މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ތިން ފަނޑިޔާރުން ވަނީ އެ އަމުރަށް އަމަލުކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރުއްވާފަ އެވެ. އެއީ އެ އަމުރު ބަދަލުކުރުމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ދުސްތޫރީ މައްސަލައެއް އެ ކޯޓަށް ހުށަހަޅާފައިވާތީ އެވެ.