ހަބަރު

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

ފަނޑިޔާރުންގެ ގާނޫނަށް ޕީޕީއެމްއިން އިސްލާހެއް ހުށަހަޅައިފި އެވެ. ޕީޕީއެމްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅާފައިވަނީ އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ، އަދުރޭ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އަދުރޭ މިއަދު އިސްލާހެއް ހުށަހަޅުއްވާފައިވާކަން ހާމަކުރެއްވީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ. އަދުރޭ ހުށަހަޅުއްވާފައިވަނީ އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގެ 4 ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުމަށެވެ. ނަމަވެސް އިތުރުކުރަން ބޭނުންވާ ނަންބަރުގެ ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.

އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގައި ބަޔާން ކުރަނީ ފަނޑިޔާރުކަމަށް އައްޔަންކުރާ މީހާގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކެވެ.

މިކަމާ ގުޅޭ ގޮތުން އަވަސްއަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ، އިތުރު ކުރަނީ ފަނޑިޔާރުންގެ މުހިންމު ޝަރުތަކެއް ކަމަށެވެ. އެ ގާނޫނަށް ގެންނަ އިސްލާހަކީ އެއްވެސް ކޯޓެއްގެ ބެންޗަށް ބަދަލުތަކެއް ގެންނަން ހުށަހަޅާ އިސްލާހެއް ނޫން ކަމަށެވެ. އިސްތިއުނާފީ މަރުހަލާތަކުގައި ފަނޑިޔާރުން މަގާމުން ވަކިނުކުރެވޭ ގޮތަށް އޮންނަ އޮތުން ފަދަ ކަންކަން މި އިސްލާހާއެކު ހައްލުވެގެން ދާނެ ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނަށް ޕީޕީއެމްއިން އިސްލާހު ހުށަހަޅާފައިވާއިރު ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާލު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެ ބޭފުޅުންނަށް ރިޝްވަތު ހިފައިގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ކުރެ އެވެ.

އޭގެފަހުން ސަރުކާރުގެ އިސް ބޭފުޅުންނާއި ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އެ ދެ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.