ހަބަރު

ވިލާ ކޮލެޖުގެ ރިސާޗް ކޮންފަރެންސްގައި ބައިވެރިވާން ހުޅުވާލައިފި

ވިލާ ކޮލެޖުން ކޮންމެ އަހަރަކު ބާއްވާ އިންޓަނޭޝަނަލް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި މިއަހަރު ބައިވެރިވުމުގެ ފުރުސަތު އެ ކޮލެޖުން ހުޅުވާލައިފި އެވެ.

ބައިނަލް އަގުވާމީ ފެންވަރުގައި ބާއްވާ އިންޓަނޭޝަނަލް ރީސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ވިލާ ކޮލެޖުން ބާއްވަން ފެށީ 2016 ވަނަ އަހަރު އެވެ. މިއަހަރުގެ ކޮންޕަރެންސް ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 25-27 އަށެވެ. ކޮންފަރެންސްގެ މިއަހަރުގެ ތީމްއަކީ "އަވޭކްނިން ދަ އިންޓަލެކްޓް: އިންސްޕަޔަރިން އިނޮވޭޝަން" އެވެ.

އެ ކޮލެޖުން މިއަދު ވަނީ ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ވެބްސައިޓެއް ވެސް ލޯންޗު ކޮށްފަ އެވެ.

ވިލާ ކޮލްޖްގެ ރެކްޓާ އަހުމަދު އަންވަރު މިއަދު ވިދާޅުވީ، ރާއްޖޭގައި ރީސާޗް ހެދުމުގެ ދާއިރާ ފުޅާކޮށް، އެ ދާއިރާއިން މީހުން ބާރުވެރިކުރުވަން ވިލާކޮލެޖުން އަބަދުވެސް އިސްކަންދޭ ކަމަށެވެ. ރާއްޖޭގައި މައުލޫމާތު މުއްސަނދި ކުރަންޖެހޭ ވަރަށް މުހިއްމު ގިނަ ދާއިރާތަކެއް ހުރި އިރު، ތައުލީމީ ގާބިލު ބޭފުޅުންނަށް އެ ކޮލެޖްގެ ކޮންފަރެންސަށް ރެކްޓާ އަންވަރު ވަނީ ދައުވަތުދެއްވާފަ އެވެ.

"ރާއްޖޭގައި ތިބި ރިސާޗް ހެދުމުގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކުގެ ކުޅަދާނަކަމާއި ގާބިލުކަން ދުނިޔެއަށާއި ރާއްޖެއަށް ހާމަކުރުމަކީ އަޅުގަނޑުމެންގެ މައިގަނޑު މަގުސަދު. ވީމާ އެކި ދާއިރާތަކުން ތައުލީމް ހާސިލްކުރައްވާފައި ތިއްބެވި އިލްމީ ބޭފުޅުންނަށް މިއީ ހުޅުވާލެވޭ ރަނުގެ ފުރުސަތެއް،" އަންވަރު ވިދާޅުވި އެވެ.

މިއަދު އިއުލާންކުރި ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސަށް 17 ދާއިރާއަކުން ދިރާސާ ކަރުދާސް ހުށަހަޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ދިރާސާ ކަރުދާހަށް ހުޅުވާލާފައިވާ ދާއިރާތައް:

  • ބިޒްނަސް މެނޭޖްމަންޓް - ސޯޝަލް ވޯކް
  • ފައިނެންސް - ރިލިޖަން
  • ކޯޕަރޭޓް ގަވަނަންސް - ޕޮލިޓިކްސް
  • ސައިކޮލޮޖީ - ޕޮލިސީ
  • އެޑިއުކޭޝަން - ލޯ
  • ހެލްތް - ގަވަނަންސް
  • ނާސިން - ތިމާވެށި
  • ޓެކްނޮލޮޖީ -ލެންގުއޭޖް
  • މީޑިއާ އެންޑް ކޮމިއުނިކޭޝަން

ކޮންފަރެންސަށް ހުށަހަޅާ ދިރާސާ ޕޭޕަރުތައް ތައްޔާރުކުރި ފަރާތް އެނގޭ ގޮތަށް ޕަބްލިޝްކުރަން ވަނީ ނިންމާފަ އެވެ.

ރިސާޗް ކަރުދާސް ކުށަހަޅާ ފަރާތްތަކުން އެބްސްޓްރެކްޓް ހުށަހެޅުމުގެ ސުންގަޑި އަކީ 31 މެއި އެވެ. ކޮންފަރެންސްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް 18 ޖުލައި އިން 5 ސެޕްޓެމްބަރަށް ހުޅުވާލާނެ އެވެ. 18 ޖުލައިގައި ރަޖިސްޓްރީ ކުރާ ފަރާތްތަކުން ނަގާނީ 100 ޑޮލަރުގެ ފީއެކެވެ. އޭގެ ފަހުން ރަޖިސްޓްރީ ކުރެވޭނީ 150 ޑޮލަރުގެ ފީއަކަށެވެ. ކިޔަވާ ކުއްޖެއް ނަމަ 18 ޖުލައި ގައި 250 ރުފިޔާގެ ފީއަކަށް ރަޖިސްޓްރީކުރެވޭނެ އެވެ. އޭގެ ފަހުން ރަޖިސްޓްރީކުރެވޭނީ 300 ރުފިޔާގެ ފީއަކަށެވެ. ރާއްޖޭގައި ދިރިއުޅޭ ބޭރުގެ ފަރާތްތަކަށް ވެސް ކޮންފަރެންސްގައި ބައިވެރިވެވޭނެ އެވެ.

މިއަދު ލޯންޗު ކުރި އިންޓަނޭޝަނަލް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސާ ބެހޭ މައުލޫމާތު ވެބްސައިޓަށް ވިލާ ކޮލެޖްގެ ވެބްސައިޓް މެދުވެރިކޮށް ވަދެވޭނެ އެވެ.