ހަބަރު

ކޯޓުގެ ހުރުމަތް އިދިކޮޅުން ކަނޑައިފި، ހުކުމް އިއްވާ: އަދުރޭ

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލުމަކީ ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށް ބުނެ ސުޕްރީމް ކޯޓުން، އިދިކޮޅު ފަރާތްތަކަށް ހުކުމް ކުރުމަށް ޕީޕީއެމުން ގޮވާލައިފި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ޕްރެސްއެއްގައި އެ ޕާޓީގެ ނައިބު ރައީސް އަބުދުﷲ އަބުދުއްރަހީމް، އަދުރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާތީ ވެސް ހައިރާންވާ ކަމަށާއި ކޯޓުގެ ހުރުމަތްކެނޑުމުގެ ދައުވާ އެބޭފުޅުންގެ މައްޗަށް ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހިމެނޭ ބައިތައް ވަނީ ބާތިލްކޮށްފައި ކަމަށާއި އެބައިތައް ބާތިލްކޮށްފައި ވަނިކޮށް އެކަމަށް ގަދަބަސް ބުނެ، އިދިކޮޅު ފަރާތްތަކުން ނުކުތުމަކީ ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށެވެ.

އަދުރޭ ވިދާޅުވީ، ކޯޓުގެ ގަވާއިދު ބުނާ ގޮތުން އިތުރު ތަހުގީގަކާނުލާ ހުކުމް ކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށާއި އެބާރުގެ ބޭނުން ކުރާ ހިސާބަށް ހިނގައްޖެ ކަމަށެވެ. އެއީ މިހާރު ނެތް އަމުރެއް ތަންފީޒު ކުރުމަށް ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނިކުމެ މަގުމަތި ހަލަބޮލިކޮށް، ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލަން މަސައްކަތް ކުރަމުންދާ ކަމަށާއި އެބޭފުޅުންނާމެދު ފިޔަވަޅު ނާޅާ ތިބެން ހެޔޮ ނުވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓަށް އަދި ތިން ފަނޑިޔާރުންނަށް ދަންނަވާލަން، ތިބޭފުޅުން އެކެއް ފެބްރުއަރީގެ އަމުރު ބާތިލް ކޮށްފައި ވަނިކޮށް އެ އަމުރު އަލުން ވުޖޫދުގައި އޮތް ކަމަށް ދައްކައިގެން އެ އަމުރު ތަންފީޒު ކުރުމަށް ކަމަށްބުނެ ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ގޮވައިގެން ނިކުމެ މި ގައުމުގެ އަމަން ކަމާއި ސުލްހަވެރިކަން ނަގާލުމަށް މަސައްކަތް ކުރާ ފަރާތްތަކާ ދޭތެރޭގައި ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ސަބަބުން ދޭން ޖެހޭ އަދަބެއް ވީހާ އަވަހަކަށް ދިނުމަށް،" އަދުރޭ ވިދާޅުވި އެވެ.

އެކެއް ފެބްރުއަރީގެ އަމުރަށް އަލި އަޅުވާލައި އަދުރޭ ވިދާޅުވީ، އެ އަމުރަކީ އެއްވެސް ތާކުންތާކު ނުޖެހޭ އަމުރެއް ކަމަށާއި ބޮޑެތި ނުވަ ކުށްވެރިއަކު ދޫކޮށްލަން އެބޭފުޅުންނަށް ދެއްކިފަ އޮތް ހުއްޖަތަކީ އަވަސް އަރުވާލައިގެން ނުފޫޒުގެ ބޭނުން ކޮށްގެން މައްސަލަތައް ނިންމަވާފައިވާ ނިންމުން ކަމަށެވެ.

"އަދީބުމެންގެ މައްސަލަތައް އަހަރު ދުވަހުގެ ތެރޭގައި ނިމިގެންދިޔައީމަ ސުޕްރީމް ކޯޓުުގައި ތިއްބެވި ދެ ފަނޑިޔާރުން [އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު] އެކަން ނިންމެވީ އަވަސް އަރުވާލައިގެން ޝަރީއަ ކުރެއްވި ކަމަށް، މިހާރު ސުޕްރީމް ކޯޓުގައި ތިބި ތިން ފަނޑިޔާރުން އެއީ ބަޣާވާތެއްކަން އިނގުނީމަ އެކަމުގައި ބައިވެރިނުވީމަ އެކަން އެބޭފުޅުންނަށް ނާކާމިޔާބުވީ، ގާސިމް އަޑީގައި ހުރެގެން ގެންނަން އުޅުނު ބަޣާވާތް ނުގެނެވުނީ އެއީ ބަޣާވާތްތެއްކަން އެ ތިންފަނޑިޔާރުންނަށް އިނގުމުން އެކަމަށް ދެކޮޅު ހެދުމުން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، މާޗް 16 ވަނަ ދުވަހު ބޮޑު އެއްވުން ބާއްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންގެންދާ ކަމަށާއި ދެން އެބޭފުޅުންނަށް އިތުރަށް މާބޮޑު ކަންކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި އެމީހުންނަށް ހޯދަން އުޅުނު ފުރުސަތު އެމީހުންނަށް ގެއްލިއްޖެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެން [ޕީޕީއެމުން] މިތިބީ ހައްގުގެ މަގުގައި، އެއީ ދިމާވާ ކޮންމެ ކަމަކުންވެސް ރައީސް އާއި ސަރުކާރަށް ނަސްރު ލިބިގެންދާތީ، އެމީހުން [އިދިކޮޅު ފަރާތްތައް] ކޮންމެ ކަމަކުން އެދަނީ ފެއިލްވަމުން،" އަދުރޭ ވިދާޅުވި އެވެ.