ހަބަރު

އެސްއޯއީ އުވާލާ، ސިޔާސީ ހައްޔަރީން ދޫކޮށްލާ: ދުންޔާ

Mar 5, 2018
5

ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވަނީ ސިޔާސީ ހައްޔަރީން ކަމަށް ސިފަ ކުރައްވައި އެ ފަރާތްތައް ދޫކޮށްލުމަށް ދުންޔާ މައުމޫން މިއަދު ގޮވާލައްވައިފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ހައްޔަރުކުރިތާ މަހެއްވުމާ ގުޅިގެން ދުންޔާ ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ހުރިހާ ސިޔާސީ ހައްޔަރިން ދޫކޮށްލަންޖެހޭ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު ވެސް އުވާލަންޖެހޭ ކަމަށެވެ.

"މަޝްވަރާ ކުރުން ނޫން އިތުރު އެހެން ގޮތެއް ނެތް،" ދާދިފަހުން ސަރުކާރުން ވަކިވެވަޑައިގަތް ދުންޔާ ވިދާޅުވި އެވެ.

ދުންޔާ މިހެން ވިދާޅުވިއިރު ސަރުކާރުން މިހާރު ވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ގޮވާލާފަ އެވެ. ނަމަވެސް ޕާޓީތަކުން ވަނީ އދ. ބައިވެރިކޮށްގެން ނޫނީ މަޝްވަރާ ނުކުރާނެ ކަމަށް ބުނެފަ އެވެ. އީޔޫއިން ވެސް މަޝްވަރާކުރުމަށް ގޮވާލާފަ އެވެ. ރައީސް މައުމޫންގެ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވީ، މަންދޫބެއް މެދުވެރިކޮށް ވެސް އެމަނިކުފާނު ސަރުކާރާ ދައްކަވާނެ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ.

ދުންޔާ ވަނީ ރައީސް މައުމޫނަށް މިހާރު ކޮށްފައި ވަނީ ސިޔާސީ ތުހުމަތުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވާތީ ވަގުތުން ވަގުތަށް އެމަނިކުފާނު ދޫކޮށްލުމަށް މީގެ ދުވަސްކޮޅެއް ކުރިން ސަރުކާރަށް ގޮވާލައްވާފަ އެވެ. ނަމަވެސް އޭގެ ކުރިން ކުއްލި ނުރައްކަލުގެ ހާލަތަށް ތާއީދު ކުރައްވާ ދުންޔާ ވާހަކަފުޅު ދައްކަވާފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި، ކުއްލި ނުރައްކަލުގެ ހާލަތަކީ ގައުމުގެ ހަމަޖެހުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވެސް އެކަމަނާ ސިފަ ކުރައްވާފައިވެ އެވެ.

މިފަހުން ދުންޔާ ވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހައްޔަރުކުރި ބޭފުޅުންގެ ދިފާއުގައި ކަމަށް ވިދާޅުވެ އެކިއެކި ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ. ދުންޔާ ބޭރުގެ ބައެއް ފަރާތްތަކާ ބައްދަލު ކުރައްވާފައި ވަނިކޮށް ރައީސް މައުމޫން ވަނީ އެމަނިކުފާނު ތަމްސީލް ކުރެއްވުމުގެ ހައްގު ހަމައެކަނި އޮންނާނީ ދުންޔާ އާއި އެއްމާބަނޑު އަނެއް ދަރިކަނބަލުން ޔުމްނާ މައުމޫނަށް އެކަނި ކަމަށް ވިދާޅުވެފަ އެވެ.