ހަބަރު

މާދަމާ ލަންކާގައި ދިވެހިން މުޒާހަރާއަށް ނިކުންނަނީ

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މާދަމާ އަވަށްޓެރި ސްރީ ލަންކާގައި މުޒާހަރާ ކުރުމަށް ނިންމައިފި އެވެ.

އެކެއް ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލުމަށް ބާއްވާ އެ މުޒާހަރާ މާދަމާ އޮތީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ ކުރިމަތީގަ އެވެ. އަދި މުޒާހަރާ ކުރިޔަށް ދާނީ ހެނދުނު 10:00 އަކުން ފެށިގެން މެނދުރު 12:30 އަށް ކަމަށް ޕާޓީތަކުން ބުނެ އެވެ.

ލީޑަރުން ދޫކޮށްލުމަށާއި 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވީ ނަމަވެސް އޭގެ ފަހުން އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ. އެއަށް ފަހު ނެރުނު ދެ އަމުރުން ވަނީ 1 ފެބްރުއަރީގެ އަމުރުގެ ގިނަ ކަންކަން ބާތިލުކޮށްފަ އެވެ.

އެ މައްސަލާގައި އިދިކޮޅު ޕާޓީތަކުން އަންނަނީ ކޮންމެ ރެއަކުން މާލޭގައި މުޒާހަރާ ކުރަމުންނެވެ. އަދި ހުކުރު ދުވަސްތަކުގައި ރާއްޖޭގެ ބޮޑެތި ރަށްތަކުގައި ވެސް ޕާޓީގެ އިހުތިޖާޖުތައް ކުރިޔަށް ދެ އެވެ.