ހދ. ނޮޅިވަރަމްގައި ދަންޖެހި މަރުވެފައި ހުއްޓާ މިދިޔަ ހުކުރު ދުވަހުގެ ފަތިހު ފެނުނު ޝާހިދާ އަލީގެ މަރުގައި ޝައްކުތަކެއް އުފެދޭ ކަންކަން ފާހަގަވެފައިވާ ކަމަށް ބުނީ ފުލުހުންނެވެ. ނަމަވެސް ޝާހިދާގެ މަރާ ގުޅިގެން މިހާތަނަށް ފުލުހުން އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ. މިހާރުވެސް ތަހުގީގުކުރަމުންދާ އެ މައްސަލާގައި އެއްވެސް މީހަކުވެސް ހައްޔަރުކޮށްފަ އެއް ނުވެ އެވެ.
ނަމަވެސް ޝާހިދާގެ މަރަށް މިއަދަށް ފަސް ދުވަސް ވެފައިވާއިރު އެ މަރާ ގުޅިގެން އެކި ފަރާތްތަކާ ހަވާލާދީ މީޑިއާގައި ގެނެސްދޭ މައުލޫމާތާމެދު ޝާހިދާގެ އާއިލާ ހިތްހަމައެއް ނުޖެހެ އެވެ.
ޝާހިދާގެ ހަށިގަނޑު ފުލުހުންގެ ތަހުގީގަށް މާލެ ގެނައުމާއެކު އާއިލާގެ ފަރާތުން މާލެ އައި ޝާހިދާގެ ގާތް އާއިލީ މެންބަރަކު މިއަދު "އަވަސް" އަށް ބުނީ ޝާހިދާގެ މަރާ ގުޅިގެން ޝައްކުތަކެއް ހުރިކަމަށް ފުލުހުން ބުނެ އެކަން ތަހުގީގުކުރަމުންދާ އިރު އެކި ފަރާތްތަކުން މީޑިއާތަކަށް ދޭ މައުލޫމާތުތަކާ މެދު އެ އާއިލާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
އޭނާ ބުނީ ޝާހިދާގެ އާއިލާއަށް އޮތް ހިތާމަވެރި މި ދަނޑިވަޅުގައި އެކި ފަރާތްތަކާ ހަވާލާދީ ޝާހިދާއާބެހޭ ގޮތުން ގެނެސްދޭ ވާހަކަތަކަުގެ އާއިލާއަށް ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން އިތުރުވާ ކަމަށެވެ. އެހެންވެ އެގޮތް މެދުވެރިވާނެ ވާހަކަތަކަަށް ޝާއިއު ނުކުރުމަށް އެދޭ ކަމަށެވެ.
"އަޅުގަނޑުމެން ވެސް ބޭނުންވެފައި މިތިބީ އެކަން ވީގޮތެއް އޮޅުންފިލަން. ނަމަވެސް ފުލުހުން ވަކި އެއްޗެއް ނުބުނަނީސް ވަކި މީހަކާ ދިމާލަށް އިނގިލި ދިއްކުރެވޭ ކަހަލަ ގޮތަކަށް ވާހަކަތައް ފެތުރިގެންދިއުމަކީ އާއިލާ ބޭނުންވާ ކަމެއް ނޫން. އެއީ ޝާހިދާގެ ދަރިން ވެސް ބޭނުންވާނެ ގޮތެއް ނޫން،" އޭނާ ބުންޏެވެ.
ޝާހިދާގެ ހަށިގަނޑު މިހާރު އޮތީ ފުލުހުންގެ ތަހުގީގަށް މާލެ ގެނެސް ގަލޮޅު މޯޗަރީގައި ބާއްވާފަ އެވެ. ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމާމެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށް ވެސް އާއިލާއިން ވަނީ ބުނެފަ އެވެ.
"މިހާރު އެންމެ ބޮޑު އިސްކަމެއް މި ދެނީ ޝާހިދާގެ ޖަނާޒާގެ ކަންކަން ވީހާވެސް އަވަހަށް ކުރިއަށް ގެންދަން މި ދަނޑިވަޅުގައި އަޅުގަނޑުމެން ބޭނުމެއް ނުވޭ ހިތްހަމަ ނުޖެހުމާއި ކަންބޮޑުވުން އާއިލާގެ ތެރޭގައި އުފެދިދާނެ ގޮތަށް ވާހަކަ ފެތުރުމަށް،" އޭނާ ބުންޏެވެ.
ކުޑަ ދެކުދިން ވެސް ތިބޭ ޝާހިދާ މަރުވެފައި ވަނިކޮށް ފެނުނީ ދިރިއުޅޭ ގޭގެ ގިފިލިންނެވެ. އެނގިފައިވ ގޮތުގައި ޝާހިދާއަކީ މީގެ ދުވަސްކޮޅެއް އެ ރަށުން ގެއްލިގެން ހޯދި އަންހެން މީހާ އެވެ. އެ ފަހަރު ފެނުނީ ވަލު ތެރެއިންނެވެ. އޭނާ ދިރިއުޅުނު ގޭގެ ސަރަހައްދު އަދިވެސް ފުލުހުން ވަނީ ބަންދުކޮށްފަ އެވެ.