މީގެ ކުރިން ތާއީދު ކޮށްފައިވާ ފިކުރެއްގެ ސަބަބުން އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސްކަމުގެ މަގާމު އަދާކުރުމުގައި ވަކި ކޮޅަކަށް ނުޖެހޭނެ ކަމަށާއި އެމަސައްކަތް ކުރައްވާނީ އެއްވެސް ނުފޫޒެއްނެތި ކަމަށް އީސީ އަށް މިއަދު އައްޔަންކުރި އާ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ގިނަ ދުވަސްތަކަކަށް ފަހު އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، އީސީގެ ރައީސްއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާއިރު، މީގެ ކުރިން މަސައްކަތް ކޮށްފައިވާ ދާއިރާ އަކުން ނުވަތަ ފިކުރެއްގެ ސަބަބުން މަސައްކަތްތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި މަސައްކަތް ކުރަމުންދާނީ އަބަދުވެސް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ.
މީގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ކަމުގައި ހުންނެވި ޝަރީފް ވިދާޅުވީ، އިސީ އަށް ވަކި މީހެއްގެ ބާރެއް ނޯންނާނެ ކަމަށާއި އެ ކޮމިޝަނަކީ ފަސް މެންބަރުންގެ ބާރު ނުވަތަ މެޖޯރިޓީގެ ބާރު އޮންނަ ތަނެއް ކަމަށެވެ. އަދި ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒު ކުރާނީ ކޮމިޝަނުގެ މެޖޯރިޓީއާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަކި މީހެއްގެ ބާރެއް މި ކޮމިޝަނަކު ނުހިނގާނެ، އެއީ ކޮމިޝަނުގެ ރައީސް ކަމުގައިވީ ނަމަވެސް ނައިބްރައީސް ކަމަށްވީ ނަމަވެސް، ކަންކަން ނިންމާ ތަންފީޒު ކުރާނީ މިތަނުގެ މެޖޯރިޓީން ނިންމާ ގޮތަކަށް،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޮމިޝަންގެ ހެދިފައިވާ ގާނޫނުތަކާއި ގަވާއިދު ތަކާ ހިލާފަށް އެއްވެސް ކަމެއް ކުރަމުންގެންދަވާާތޯ ބެލުމަށް ސަރުކާރުން މުއައްސަސާތަކެއް ކަނޑައަޅުއްވާފައިވާ ކަމަށާއި އެ މުއައްސަސާތަކުން އެކަންކަން ބަލަމުން ގެންދަވާނެ ކަމަށެވެ. އަދި ވިދާޅުވީ، މީޑީއާގެ ވަސީލަތްތަކަކީވެސް އޭގެ ކޮންޓްރޯލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މަސައްކަތް ކުރާ ގޮތް އުސޫލުތަކުން ބޭރުވާނަމަ އެކަން އެލާޓް ކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު މީޑިއާއަށްވެސް އަދި ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ މުއައްސަސާތަކަށް ލިބިގެންވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ތާރިހަށް ބަލާލާއިރުގައި މީގެ ކުރިން ބައެއް ސިޔާސީ ބޭފުޅުން އަމަލު ކުރަމުންއާ ގޮތަކަށް ނޫން މިހާރު އަމަލު ކުރަމުންދަނީ ނުވަތަ ވާޙަކަ ދައްކަމުން ދަނީ، އަޅުގަނޑަކީވެސް ހަމަ އެހެން އިންސާނުންފަދަ މީހެއް، އެހެން ކަމުން އަޅުގަނޑު ކުރިން މަސައްކަތް ކުރި ގޮތަށްކަށް ނުވަތަ ފިކުރެއްގައި މަސައްކަތް ކުރުން ލާޒިމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، އޭނާ މަސައްކަތް ކުރަން ޖެހެނީ ހެދިފައިވާ ގާނޫނުތަކެއްގެ ތެރޭގައި ކަމަށާއި އެ އިމުން ބޭރުނުވާހާ ހިނދަކު، ހެދިފައި އޮންނަ ގާނޫނުތަކާއި ގަވާއިދު ތަކާއެއްގޮތައް މަސައްކަތް ކުރައްވާނަމަ ވަކި ފަރާތަކަށް ނުޖެހޭ މީހެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނަން ޖެހޭނެ ކަމަށެވެ.