ހަބަރު

އަލިފާނުގެ ހާދިސާގައި ހާލު ދެރަވި މީހާ މަރުވެއްޖެ

މ. ސިތާރާ ގޭގައި މިއަދު ރޯވި އަލިފާނުގެ ހާދިސާގައި ހާލު ސީރިއަސްވި ބިދޭސީމީހާ މީގެ އިރުކޮޅެއް ކުރިން އައިޖީއެމްއެޗުގައި މަރުވެއްޖެ އެވެ.

އުމުރުން 48 އަހަރުގެ ބަންގްލަދޭޝްގެ އެ މީހާ ހާލު ދެރަވީ ދުމުގެ އަސަރުކޮށްގެން ކަމަށް އެމްއެންޑީއެފުން އޭރު ބުންޏެވެ.

މިއަދު ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް އަލިފާން ރޯވި ސިތާރާ ގޭގައި ދިރިއުޅެމުން އައީ ބިދޭސީންނެވެ.

މ. ސިތާރާ ގޭގެ ތިން ވަނަ ފްލޯގައި ރޯވިކަން ކަށަވަރު ކޮށްދެމުން އެމެއެންޑީއެފުން ކުރިން ބުނީ އަލިފާން ނިންވުމަށް ސިފައިން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަލިފާން ރޯވި ސަބަބެއް އަދި ނޭނގެ އެވެ.