ހަބަރު

ގާނޫނު ނަގަހައްޓަން އަރީފް ގޮވާލައިފި

ގާނޫން އަސާސީގައި ލިބިދީފައިވާ ހައްގުތައް ބޭނުން ކުރުމަށާއި ގާނޫންތައް ނަގަހައްޓަން އިއްޔެ ހެނދުނުގެ ވަގުތެއްގައި ހައްޔަރު ކުރި ކުރީގެ ސީޕީ އަހުމަދު އަރީފް ގޮވާލައިފި އެވެ.

އަރީފް ދިރިއުޅުއްވާ، މ. ސްނޯރޯޒް ބަލާ ފާސް ކުރުމަށް ފަހު އޭނާ ހައްޔަރު ކޮށްގެން ވަނީ ދޫނިދޫއަށް ގެންގޮސްފަ އެވެ. އަަރީފް ހައްޔަރުކޮށްފައިވަނީ ގާނޫނީ ސަރުކާރު ވައްޓާލަން އުޅުން ކަމުގެ ތުހުމަތުގަ އެވެ.

އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް ފަހު އަރީފްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އިބްރާހިމް ރިއްފަތު ރޭ ވިދާޅުވީ އަރީފްގެ މައްޗައް ފުލުހުން ކުރާ ސަރުކާރު ވައްޓާލަން އުޅުންކަމުގެ ތުހުމަތުތަކަށް އޭނާ އިންކާރު ކުރާ ކަމަށެވެ. އަދި އަރީފް ހުންނެވީ ރަނގަޅު ހާލުގައި ކަމަށާއި ގާނޫނުގައި ލިބިދީފައިވާ ހައްގުތައް ބޭނުން ކުރުމަށާއި ގާނޫން ނަގަހައްޓަން އެންމެނަށް ސީޕީ ގޮވާލެއްވި ކަމަށް ރިއްފަތު ވިދާޅުވި އެވެ.

އަރީފު މަގާމުން ވަކިކުރީ 1 ފެބުރުއަރީގެ ހުކުމަށްފަހު އެ މަހުގެ ދެވަނަ ދުވަހު އެވެ. އޭގެ ފަހުން އޭނާގެ ޕާސްޕޯޓު އޮތީ ވެސް ވަނީ ހިފަހައްޓާފަ އެވެ. ސީޕީގެ މަގާމުގައި އަރީފް ހުންނެވި އިރު އޭނާ ވަނީ 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އެސްއޯއީގެ ދަށުން ސީޕީ ހައްޔަރު ކުރި އިރު ސަރުކާރު ވައްޓާލަން އުޅުން ކަމުގެ ތުހުމަތުގައި ކުރީގެ ސީޕީ އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްވެސް ވަނީ ހައްޔަރުކޮށްފަ އެވެ.