ހަބަރު

ފްލެޓު ދޭނެ ކަމަށް ބުނެ މަކަރުން ފައިސާ ހޯދާ މައްސަލައެއް ބަލަނީ

ހައުސިން މިނިސްޓްރީގެ ނަމުގައި ފްލެޓު ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސަ ނަަގަމުންދާ މައްސަލައެއް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައެއް ފަރާތްތަކުން ފްލެޓު ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ނަގައި، ސައްހަ ނޫން ރަޖިސްޓްރީތަކެއް ހަދައިދޭކަން އެނގިފައިވާ ކަމަށެވެ. އަދި އެކަން ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެކަމަށް ސަމާލުވެ ތިބެ، އެފަދަ ކަންކަމުގައި ބައިވެރިނުވުމަށް އިލްތިމާސް ކުރާ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

"...މިއީ ރައްޔިތުންގެ ހައްގުތަކާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމަކަށް ވެފައި، މާލީ ގޮތުންނާއި އެހެނިގެން ގޮތް ގޮތުން ފަރުނުޖެއްސޭނެ ވަރުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިވެދާނެ ކަމަކަށް ބެލެވޭތީ އެއްވެސް ބޭފުޅަކު ބައިވެރިނުވުމަށާއި ވީހާވެސް ބޮޑަށް ސަމާލުވުމަށް ދަންނަވަން، މިކަމުގައި ޝާމިލުވާ ފަރާތްތަކަށް ގަނޫނީ ފިޔަވަޅު އެޅުމަށް މިނިސްޓްރީން ވާނީ ދަންނަވާފައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ ފްލެޓުތައް ދޫކުރާނީ ކަނޑައެޅިފައިވާ ހާއްސަ އުސޫލުތަކާއި ގަވައިދުތަކާ އެއްގޮތަށް ކަމަށާއި އެ ނޫން ގޮތަކަށް މިނިސްޓްރީން ފްލެޓެއް ދޫނުކުރާނެ ކަމަށެވެ.