ކުޅިވަރު

އޭއެފްސީ ކަޕްގައި ނިއު ފެށުން ރަނގަޅު ކޮށްފި

ބަންގުލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އޭއެފްސީ ކަޕްގެ ފެށުން ނިއު ރޭޑިއަންޓުން ރަނގަޅު ކޮށްފި އެވެ.

ބަންގުލަދޭޝްގެ ވެރިރަށް ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ފުރަތަމަ ހާފު ފެނުނީ ނިއު އަށް ވަރަށް އުނދަގޫ ކޮށެވެ. އަބަހާނީގެ ނައިޖީރިއާ ކުޅުންތެރިންގެ ފަރާތުން ފިޒިކަލީ އުނދަގޫތައް ނިއުގެ ކުޅުންތެރިންނަށް ކުރިމަތިވި އެވެ. އަބަހާނީގެ އެންމެ ބޮޑު ތަފާތަކަށްވެސް ފެނުނީ އެ ޓީމަށް ކުޅެމުން ދިޔަ ނައިޖީރިއާގެ ދެ ކުޅުންތެރިންނެވެ.

ނިއުގެ ލަނޑު 58 ވަނަ މިނެޓްގައި މުހައްމަދު އުމޭރު ދިން ފުރުސަތަކުން، ޕެނަލްޓީ އޭރިއާގެ ކަނާ ދިމާލުން އަރައި ގޯލްގެ ދުރު ކަނަށް ބޯޅަ ފޮނުވާލީ އަލީ ފާސިރު (ސެންޓޭ) އެވެ. ފުރަތަމަ ހާފަށް ބަލާއިރު ނިއުގެ ސްޕެއިންގެ ފޯވަޑް މާޓީ އާއި ހަމްޒާ މުހައްމަދަށް ތަނަވަސް ފުރުސަތެއް ލިބިގެން ދިޔަ އެވެ. މާޓީ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑިމަތިން ބޭރަށެވެ. ހަމްޒާ އަށް ލިބުނު ފުރުސަތު އަބަހާނީގެ ކީޕަރު މަހްމޫދު އާލަމް ދިފާއު ކުރީ އެވެ.

ދެ ވަނަ ހާފު ފެށިގެން އަބަހާނީ ރަނގަޅަށް ކުޅެމުން ދިޔަ އެވެ. ނަމަވެސް އެ ޓީމަށް މައްސަލަ ކުރިމަތިވީ އެ ޓީމުގެ ނައިޖީރީއާގެ ކުޅުންތެރިޔާ، ސަންޑޭ ޗިޒޯބާ އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.

އޭގެ ފަހުން ނިއު އިން އުފެއްދި ހަމަލާއެއް ދިފާއު ކުރުމަށް އަބަހާނީގެ ކީޕަރު ކުރިއަށް ނިކުމެއް ހުއްޓައި، އަޝްފާގް ވަނީ ހާފުގެ މެދެއްހާ ހިސާބުން އަބަހާނީގެ ގޯލަށް އަމާޒުކޮށް ބޯޅައެއް ފޮނުވާލާފަ އެވެ. އެ ބޮލަ ގޯލަށް ވަންނާން ދަނިކޮށް އެ ޓީމުގެ އެލިސަން އެ ބޯޅަ ދިފާއު ކުރީ މެއިން ކޮންޓްރޯލް ކޮށްފަ އެވެ.

މެޗުގެ އެންމެ ފަހު ކޮޅުގައި، ޑާކާއިން ވަނީ ނިއުގެ ގޯލަށް ބާރު ބޮޑު ކޮށްފަ އެވެ. އެ ޓީމުން ބާރު ބޮޑު ކުރީ ޖެހިޖެހިގެން ލިބުނު ކޯނަރުތަކުންނެވެ. އެންމެ ފަހު މިނެޓްގައި ކޯނަރުން ލިބުނު ފުރުސަތުގައި، އަބަހާނީން ނިއުގެ ގޯލަށް ބޯޅަ ފޮނުވާވެސް ލިއެވެ. ނަމަވެސް އޭގެ ކުރިން އަބަހާނީގެ ކުޅުންތެރިން ވަނީ ނިއުގެ ކީޕަރު އިމްރާން މުހައްމަދަށް ފައުލް ކޮށްފަ އެވެ.