އެންޓި ޑިފެކްޝަން ގާނޫނެއް އޮތުން މުހިއްމު ކަމަށް ވިދާޅުވެ ޕީޕީއެމުން މަޖިލީހަށް ހުށަހަޅާފައިވާ އެންޓި ޑިފެންޝަންގެ ބިލަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ތާއީދު ކުރައްވައިފި އެވެ.
ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅާފައިވާ ބިލަށް ތާއީދު އޮތްކަން ހާމަވާގޮތަށް ޝަރީފް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ދޫކޮށްލައްވަން ޖެހޭނެ ކަމަށެވެ. އަލުން ގޮނޑި ބޭނުންވާނަމަ އަލުން އަނެއްކާވެސް ޖެހޭނީ ކުރިމަތިލައްވަން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން އެންޓި ޑިފެކްޝަން ގާނޫނެއް އޮތުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
އެންޓި ޑިފެކްޝަން ގާނޫނުގެ ފުރަތަމަ ކިޔުން މަޖިލީހުގައި މިއަދު އިއްވި އިރު އެ ގާނޫނު ހުށަހެޅި ބޭނުމަކަށް ބުނެފައި ވަނީ ސިޔާސީ އަދި މާލީ ނުފޫޒުތަކުން މަޖިލީސް އެއްކިބާ ކުރުމަށާއި އާންމުންގެ އިތުބާރު ލިބިފައި އޮތް ތަނަކަށް ހެދުމަށް ކަމަށެވެ. އެގޮތުން އިންތިހާބުވި ޕާޓީން މެންބަރު ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.
ނަމަވެސް ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގޮތަށް މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު ޕާޓީއަކާ ގުޅިވަޑައިގަތުން ހިމެނެ އެވެ. އެހެން ނަމަވެސް ޕާޓީއަކާ ގުޅިވަޑައިގަތުމަށް ފަހު ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވާ، ޕާޓީ ބަދަލު ކުރުން ނުވަތަ ވަކި ކުރުން ނުވަތަ ވަކިވެއްޖެ ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ސިޔާސީ ޕާޓީއަކުން ނެރޭ ވިޕްލައިންއާ ހިލާފުވިޔަސް ގޮނޑި ނުގެއްލޭނެ ކަމަށާއި މެންބަރަކާ މެދު ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅެއް އެޅިނަމަވެސް ގޮނޑި ނުގެއްލޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އުވޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ. އެ މާއްދާގައި ބުނެފައިވަނީ، ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައިވީ ނަމަވެސް އެމީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށެވެ.
އެ ބިލުގައި އިތުރަށް ބުނެފައި ވަނީ އެ ގާނޫނަކަށް ވުމަށް ފަހު ގަވައިދުތައް އިލެކްޝަން ކޮމިޝަނުން ހަދަން ޖެހޭނެ ކަމަށެވެ. އަދި އަމަލު ކުރަން ޖެހޭނީ ތަސްދީގު ކުރާ ދުވަހުން ފެށިގެން ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.