ލައިފްސްޓައިލް

މީރާއިން "މީރާނީ"ންނަށް ރަތްދޫލައިގެ މަރުހަބާ!

Mar 8, 2018
8

މިއަދު ހެނދުނު އަމީނީމަގުގައި އޮތީ ރަތް ދޫލަ އަޅާފަ އެވެ. މާދުރުން އެ މަންޒަރު ފެނެ އެވެ. ދެން އިވުނީ ބޮޑުބެރުގެ އަޑެވެ. މުޅި މާހުލާއި މަންޒަރު ބަދަލުކޮށްލީ އެވެ. މިއީ ދައުލަތުގެ ޓެކްސް އިދާރާ މީރާގެ އަންހެން މުވައްޒަފުންނަށް މަރުހަބާ ކިޔުމުގެ ހަރަކާތެކެވެ. މީރާގެ އަންހެން މުވައްޒަފުން މިއަދު އޮފީހަށް ދިޔައި މަރުހަބާ ކިޔަން ތިބީ ފިރިހެން މުވައްޒަފުންނެވެ. މީރާ އިން މިއަދު ވަނީ "މީރާނީ" އިން ނަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. މިއީ މީރާއިން އެ އިދާރާގެ އަންހެން މުވައްޒަފުންނަށް ދިން ނަމެކެވެ.

ރަތް ދޫލައިގެ މަތިން ނޫނީ މީރާގެ އަންހެން މުވައްޒަފަކު މިއަދު އޮފީހަށް ނުވަދެވެ އެވެ. އަންހެން މުވައްޒަފުން ރަތް ދޫލައިގެ މަތިން ގެން ދިޔައީ އިއްޒަތުގެ ހަތް ކޮޅެއްގެ ދަށުގައި ބައިތިއްބައިގެންނެވެ. މިކަން ކުރީ ފިރިހެން މުވައްޒަފުންނެވެ. މިއީ ސަޕްރައިޒެކެވެ. މި އަހަރުގެ މީރާގެ ތީމަކީ ވެސް "އިސް ސަފުގައި މީރާނީން" އެވެ. އެންމެ އިސް ސަފުގައި މަސައްކަތް ކުރާ މީރާގެ އަންހެން މުވައްޒަފުންނަށް މި ހަރަކާތުގެ މާބޮޑު މައުލޫމާތެއް ކުރިން ދީފައެއް ނުވެ އެވެ.

"ކޮންމެ އަހަރެއްގެ އަންހެނުންގެ ދުވަހު އަޅުގަނޑުމެން އަންހެން މުވައްޒަފުން ނަށް ހޫނު މަރުހަބާއެއް ކިޔަން. މި އަހަރު ވެސް މުޅި ރާއްޖޭގައި ހަރަކާތްތެރިވާ މީރާގެ އޮފީސްތަކުގައި އެއް ގޮތަކަށް މި ހަރަކާތް ކުރި އަށް ގެންދިޔައީ،" މީރާގެ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.

ގިނައީ އަންހެން މުވައްޒަފުން

މީރާގައި ޖުމްލަ 284 މުވައްޒަފުން މަސައްކަތް ކުރެ އެވެ. މީގެ ތެރެއިން 150 މުވައްޒަފުންނަކީ އަންހެނުންނެވެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އަންހެން މުވައްޒަފުންނަށް މީރާ އިން ވަނީ މަސައްކަތް ލުއިކޮށްފަ އެވެ. އަދި ފިރިހެން މުވައްޒަފުންގެ ފަރާތުން އަންހެން މުވައްޒަފުންނަށް ހާއްސަކޮށް ހެނދުނުގެ ސައެއް ވެސް ދިނެވެ.

"އޮފީހުގައި އަންހެން މުވައްޒަފުންގެ ސްޓޭޝަން ވެސް ހުންނާނީ ތައްޔާރު ކޮށްދީފަ. ކޮންމެ ކުއްޖަކަށް ވެސް މެސެޖެއް އޮންނާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ހެނދުނުގެ ސައި ހާއްސަ ކޮށްފައިވަނީ އިހުޒަމާނުގައި ދިވެހިން ކެއިން ބުއިމުބައި ބޭނުންކުރާ ބައެއް ބާވަތްތައް ހިމަނައިގެންނެވެ. މިއަދު މީރާގެ އަންހެން މުވައްޒަފުންނަށްނަށް މަސައްކަތެއް ނެތެވެ.

"މަސައްކަތުގެ ޕްރެޝަނެއް އަންހެން މުވައްޒަފުންނަކަށް މިއަދަކު ނޯންނާނެ. ރީތި ވެލައިގެން އައިސް ހަމަ ފޮޓޯ ނަގައިލުން މިއަދު އޮންނާނީ،" އޮފިޝަލް ވިދާޅުވި އެވެ.

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު ވެސް މީރާ އިން އަންހެން މުވައްޒަފުންނަށް ހާއްސަ ހަރަކާތެއް ބާއްވާނެ އެވެ. މުވައްޒަފުންނަށް ބާއްވާ މި އިވެންޓުގައި ދިވެހި ކެއުމެއް ފިރިހެން މުވައްޒަފުންގެ ފަރާތުން ދޭނެ އެވެ.

މީރާގެ ހިދުމަތުގެ އެންމެ އިސް ސަފަކީ އަންހެނުންނެވެ. އެހެންވެ، މީރާ އިން މި ވަނީ މީރާނީންނަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.