ސިނަ މާލެ ބްރިޖް

ބްރިޖްގެ ސްޓީލް ބޮކްސްގާޑާތައް ގެނެސްފި

Mar 8, 2018
6

ވެރިރަށް މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިމެނޭ ހުޅުލެ ގުޅުވާލާ ބްރިޖު، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އެއްކޮށް ގުޅައިލުމުގެ ސުޕަ ސްޓްރަކްޗާއަށް ބޭނުންވާ ސްޓީލް ބޮކްސް ގާޑާތައް ޗައިނާއިން ބަރުކޮށް، ބޯޓް މިއަދު މާލެއަށް އަތުވެއްޖެ އެވެ. އެތަކެތި ތައްޔާރު ކޮށްފައި ވަނީ ޗައިނާގަ އެވެ.

މި ބްރިޖްގެ މަސައްކަތުގައި ސްޓީ ބޮކްސް ގާޑާތައް ބަރުކޮށްގެން އައި ބޯޓްގެ ފޮޓޯތަކެއް ހިއްސާ ކުރައްވާ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ސްޓީލް ބޮކްސްގާޑާތައް އިންސްޓޯލް ކޮށް ބްރިޖްގެ ސުޕަ ސްޓްރަކްޗާ ނިމޭނީ އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހަށެވެ. އޭރަށް ސުޕަ ސްޓްރަކްޗާ މާލެއިން ހުޅުލެއަށް އެއްކޮށް ކަނެޓްކޮށް ނިމޭނެ އެވެ.

މިނިސްޓަރު ވިދާޅުވެފައިވާ ގޮތަށް ބްރިޖްގެ ކޮންކްރީޓް ޑެކް އެޅުމަށްޓަކައި މާލޭކޮޅުން އަޅަމުން އަންނަ އައިބީމްތަކުގެ ފަހުބައި މި ހަފުގައި ވަނީ ބާއްވާފަ އެވެ.

މާލެއިން ފެށިގެން އައިބީމްއާ ހަމަޔަށް އަޅަން ޖެހޭ ބްރިޖުގެ ޑެކު އަންނަ މޭ މަސް ނިމެންވާ އިރަށް އެއްކޮށް ނިމޭނެ އެވެ. އަދި ވެހިކަލެއް ދުއްވާފައި މައި ތަނބަކާ ހަމަޔަށް ދެވޭ ވަރަށް މޭ މަހުގެ ތެރޭގައި ސުޕަ ސްޓްރަކްޗާ ނިމެނޭ އެވެ.

ބްރިޖްގެ ސުޕަ ސްޓްރަކްޗާ އެކަށް ގުޅާލުމުން ދެން އޮންނާނީ ތާރު އެޅުމާއި އޭގެ މަތީގައި ލައިޓުތައް ޖެހުމުގެ މަސައްކަތެވެ. ފިނިޝިން މަސައްކަތް ނިންމާލުމަށް ފަހު އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ބްރިޖު އަޅާ ނިމި އެ ބްރިޖް މަތިން މީހުން ދަތުރު ކުރަން ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. -- ރިޔާސީ އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖު އެޅުމުގެ އަމަލީ މަސައްކަތްތައް ފަށާފައި ވަނީ 2016 ވަނަ އަހަރުގަ އެވެ.