ހަބަރު

އަމަން ނާގާލައި ހުޅުޖަހަން ބަޔަކު ވަނީ ރާވާފައި

  • އިތުރު ބަޔަކު ހައްޔަރު ކުރާނެ
  • ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައި
  • ހަމަނުޖެހުން ހިންގަން ފުރުސަތެއް ނުދޭނެ

މި ރެ އާއި މާދަމާ މާލެ ތެރޭގެ އަމަން އަމާންކަން ނަގާލައި ތަންތަނުގައި ހުޅުޖަހަން ރާވައި އެކަމަށް މަގުފަހި ކުރަމުން ދިޔަ ކަމަށް ތުހުމަތުކޮށް ފުލުހުން ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސްއެއްގައި، ފުލުހުންގެ ސޮޕޯކްސްޕާސަން މުހައްމަދު ޝިފާން ވިދާޅުވީ، ސްޓޭޓް އޮފް އެމަޖެންސީ އިއުލާން ކޮށްފައިވަނިކޮށް މިއަދާއި މާދަމާ މާލެ ތެރޭގެ އަމަން ނަގާލައި ހަމަނުޖެހުން އުފައްދައި ހުޅުޖަހަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހަސަން އަހުމަދާއި ކުރީގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބާއި މެންބަރު އީވާ އަބްދުﷲ ގެ ފިރިމީހާ އަހުމަދު ޝާހިދު (ސާބެ) އަދި އެޕްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ހުސެން އިލްހާމް އެވެ. އިލްޔާސްއާ ހަސަން އަހުމަދާއި ސާބެ ހައްޔަރުކޮށްފައިވަނީ އެމްޑީޕީ އޮފީސް ތެރެއިންނެވެ.

"މާލެ ތެރޭގައި ހަމަނުޖެހުން ހިންގައި ތަންތަނުގައި އަލިފާން ރޯކުރުމާއި ދައުލާތު ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމަށާއި އެކި ފަރާތްތަކަށް ފައިސާ ދީގެން މާރާމާރީ ހިންގުމަށް މަސައްކަތް ތަކެއް ކުރުމާއި މާލެ ތެރޭގައި އަމަން ނަގާލައި ބިރުވެރިކަން އުފައްދާ ރާވަމުން އަންނަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އެކަމާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައި،" ސިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ، ހަމަނުޖެހުން ހިންގައި އަމަންއަމާންކަން ނަގާލައި ހުޅުޖަހަން ރާވާ އިތުރު ބަޔަކުވެސް ހައްޔަރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެކަންކަން ހުއްޓުވަން ކުރަން ޖެހޭ އެންމެހާ ކަންކަން ގާނޫނީ ތަރަހައިގެ ތެރެއިން ކުރާނެ ކަމަށެވެ.

ޝިފާން ވިދާޅުވީ، މާލެ ތެރޭގައި އިދިކޮޅުން މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާ ތަކުގެ ތެރެއިން އިއްޔެ އާއި އޭގެ ކުރީ ދުވަހު މުޒާހަރާތައް ގެންގޮސްފައިވަނީ ފުލުހުން އެންގި ގޮތަށް ގާނޫނީ އިމުގެ ތެރެއިން ކަމަށް ވެސް ބުނެފައެވެ.

ޝިފާން އިތުރަށް ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ފަރާތްތަކުގެ މައުލޫމާތު މީޑިއާތަކުގައި ރަނގަޅު ނޫން ގޮތަކަށް ގެނެސްދެމުންގެންދާ ކަމަށާއި ހާއްސަކޮށް މުޒާހަރާތަކުގައި ހައްޔަރު ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށުގައި ނުހުންނާނެ ކަމަށް ފާހަގަ ކޮށްފައި ވަނިކޮށް، ބައެއް މީޑިއާތަކުން އެކަމާ ގުޅިގެން ރައްޔިތުންނަށް މައުލޫމާތު އޮޅޭ ގޮތެއް ހަބަރުތައް ފަތުރަމުންގެންދާ ކަމަށެވެ.