ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ގޮވާލާ، 40 ގައުމަކުން ގުޅިގެން ނެރުނު ބަޔާނުގައި ހުރީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ސްވިޒަލޭންޑްގެ ޖެނީވާގައި އިއްޔެ ބޭއްވި ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ 37 ވަނަ ސެޝަނުގައި 40 ގައުމަކުން ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ސުލްހަވެރިކަމާއެކު ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ސުޕްރީމްކޯޓާއި ޝަރުއީ ނިޒާމުގެ އެހެން ގޮފިތައް ވެސް ފުރިހަމަ މިނިވަންކަމާއެކު މަސައްކަތްކުރަން ފުރުސަތު ދިނުމަށެވެ. އަދި ރައްޔިތުންގެ މަޖިލީސް ރަނގަޅަށް ހިނގަން މަގުފަހިކޮށް، 1 ފެބްރުއަރީގެ އަމުރުގައި ހުރި ކަންކަން ތަންފީޒު ކުރުމަށް ގޮވާލާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެކަމަށް ރައްދު ދެއްވަމުން ރާއްޖެއިން ޖެނީވާއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. ހާލާ ހަމީދު ވިދާޅުވީ ރާއްޖޭގެ ހާލަތާ މެދު 40 ގައުމުން ނެރުނީ އެއްވެސް އަސާސެއް އަދި ބިނާ ކުރެނިވި ވާހަކަތަކެއް ހުރި ބަޔާނެއް ނޫން ކަމަށެވެ. އަދި 1 ފެބްރުއަރީގެ އަމުރު ނެރުމުގައި ސުޕްރީމް ކޯޓުގެ އިހުތިސާސްއިން ބޭރުން އަމުރުކޮށްފައިވާ ކަންކަމާއި އެ މައްސަލައާ ގުޅިގެން ފެންމަތިވި ކޮރޮޕްޝަންގެ މައްސަލަތައް ހާލާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި ސުޕްރީމް ކޯޓުގެ މިނިވަންކަމާ މެދު ކަންބޮޑުވުން ފާޅު ކުރީ 2013 ގައި ރާއްޖެ ވަޑައިގަތް އދ. ގެ މަންދޫބުން ކަމަށާއި އޭރު އެ ފަރާތްތަކުން ނެރުއްވި ރިޕޯޓަށް ތާއީދު ކުރައްވާ ކަމަށް ވެސް ހާލާ ވިދާޅުވި އެވެ.
ހާލާ ވިދާޅުވީ މިދިޔަ ހަތަރު އަހަރު ތެރޭގައި އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުގެ ވަފުދެއް ރާއްޖެއަށް ޒިިޔާރަތްކޮށްފައިވާ ކަމަށާއި އެ ޓީމު އެންމެ ފަހުން ވަޑައިގެންފައި ވަނީ ވެސް ހަފްތާއެއްހާ ދުވަސް ކުރިން ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ކަމަށެވެ. އަދި އދ. ގެ ސްޕެޝަލް ރެޕަޓުއާއަކު ރާއްޖެ އައުމަށް ދައުވަތު ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފަހުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ އިތުރުން މަޖިލީހުގެ ގިނަ މެންބަރުންނާއި ކުރީގެ ސީޕީ އަހުމަދު އަރީފް އާއި ސިފައިންނާއި ފުލުހުންގެ ތެރެއިން ވެސް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އިދިކޮޅުން ކޮންމެ ދުވަހު ކުރިޔަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން ވެސް ކޮންމެ ދުވަހަކު އެތަށް ބަޔަކު ހައްޔަރު ކުރެ އެވެ.