މޯލްޑިވްސް ޗައިނާ ފްރެންޑްޝިޕް ބްރިޖް

ބްރިޖުގެ ހުވަފެނީ މަންޒަރު، ހަގީގަތަކަށްވުމާ ގާތަށް!

މީގެ ހަތަރު އަހަރު ކުރިން، މާލެއިން ހުޅުލެއަށް ހިނގާލާފައި ދިޔުމަކީ ހަމައެކަނި ހުވަފެނެއް ގޮތުގައި އޮތް ކަމެކެވެ. އޭރު ބްރިޖު އަޅުމަށް މަޝްވަރާކޮށް، މޮޅެތި ކުރެހުންތައް ދިވެހިންގެ ލޯތައް ކުރިމައްޗައް ގެނައި ނަމަވެސް ހަގީގަތަކަށް ވެދާނެ ކަން ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. ނަމަވެސް އެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް ގޮސް މީގެ ހަތަރު މަސް ފަހުން މާލެއިން ހުޅުލެއާ ހަމަޔަށް އަސްލު ބްރިޖުގެ މަތިން ހިނގާފައި ދެވޭ ވަރަށް ސުޕާސްޓްރަކްޗާގެ މަސައްކަތް ނިމޭނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. މާލޭ އިރުމަތީ ފަރާތުން ކަނޑުން މައްޗައް ބިޔަ ތަނބުތައް އަރައި، އޭގެ މަތިން ބްރިޖު ދެމިގެންދާ ހަގީގީ މަންޒަރު ވަރަށް ސާފުކޮށް ފެނެ އެވެ.

ބްރިޖާ ގުޅޭ ގޮތުން އެންމެ ފަހުގެ އަޕްޑޭޓުތައް ދެމުން އަންނަ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ބްރިޖްގެ ސުޕަ ސްޓްރަކްޗާ ނިންމާލުމަށް ޗައިނާ އިން ތައްޔާރުކޮށްގެން ގެނައި ސްޓީލް ބޮކްސްގާޑާތައް ހުޅުލޭގައި ހުންނަ ސައިޓަށް ބާލުވާ މަންޒަރު ފެންނަ ފޮޓޯތަކެކެވެ. ސްޓީލް ބޮކްސްގާޑާތައް އިންސްޓޯލް ކޮށް ބްރިޖްގެ ސުޕަ ސްޓްރަކްޗާ އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހަށް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭރުން ބްރިޖުގެ ސުޕަ ސްޓްރަކްޗާ މާލެއިން ހުޅުލެއަށް އެއްކޮށް ގުޅާލެވި، ވެހިކަލްއަކުން ނުވަތަ ހިނގާފައި ވެސް މާލެއިން ހުޅުލެއަށް ދެވިދާނެ އެވެ.

މުއިއްޒު ރޭ ކުރެއްވި ޓްވީޓު-

ދެން އޮންނާނީ ތާރު އެޅުމާއި އޭގެ މަތީގައި ލައިޓުތައް ޖެހުމުގެ މަސައްކަތެވެ. އެ މަސައްކަތްތަކަށް ފަހު އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު އަޅާ ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮންޓްރެކްޓުކޮށްފައި ވާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމަން، ނަމަވެސް ކުންފުނިން ޔަގީންކަން ދީފައި އެބަވޭ އޭގެ އޭގެ ކުރިން ނިމޭނެ ކަމަށް، އެހެންވެ އެންމެ މަދުވެގެން އޭގެ އެއްމަސް ކުރިން ނިމޭނެ، އެހެންވެ ޖުލައި މަހުގެ ތެރޭ ނޫނީ އޯގަސްޓު މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވި، ބްރިޖު ހުޅުވާނަން،" ޕީއެސްއެމްއަށް ރޭ ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވި އެވެ.

ބްރިޖުގެ ކޮންކްރީޓް ޑެކް އެޅުމަށްޓަކައި މާލޭ ކޮޅުން އަޅަމުން އަންނަ އައިބީމްތަކުގެ އެންމެ ފަހުބައި ހަދަމުން އަންނަ ކަމަށާއި އެގޮތުން މި ހަފްތާގެ ތެރޭގައި އެންމެ ފަހު އައިބީމް ބާއްވާ ނިމޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި މާލެއިން ފެށިގެން އައިބީމްއާ ހަމަޔަށް އަޅަން ޖެހޭ ބްރިޖުގެ ޑެކު އަންނަ މޭ މަސް ނިމެންވާ އިރަށް އެއްކޮށް ނިމޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މަސައްކަތް ނިމެންވާއިރަށް މާލެއިން މަގުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށުމަށް ހައުސިން މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މަގު ފުޅާކޮށް ބައެއް މަގުތައް ދެކޮޅަށް ދުއްވޭ ގޮތަށް ހަދާ ތާރު އެޅުމުގެ މަސައްކަތް ފެށުމަށް އެ މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

އޭގެ އިތުރުން ހުޅުލޭ އިން ހުޅުމާލެއަށް ދިޔުމަށް ހައިވޭއެއް އެޅުމުގެ މަސައްކަތް ވެސް ކުރިޔަށް އެބަދެ އެވެ. އެ މަސައްކަތް ކުރަނީ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކޮށްގެނެވެ. އަދި ކޮންޓްރެކްޓުކޮށްފައި ވަނީ ބްރިޖުގެ މަސައްކަތް ނިމުމުގެ ކުރިން ހައިވޭ އަޅާ ނިންމުމަށެވެ. އަދި އެގޮތަށް އެ މަސައްކަތް ނިމޭނެ ކަމަށް ވެސް އެ ކުންފުނިން ޔަގީންކަން ދެ އެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖު އެޅުމުގެ އަމަލީ މަސައްކަތްތައް ފަށާފައި ވަނީ 2016 ވަނަ އަހަރުގަ އެވެ. ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ބްރިޖު އެޅުމުގެ މަސައްކަތް އަންނަ ޖުލައި 26 އަށް ނިންމާ ހުޅުވާނެ ކަމަށެވެ.

ޗައިނާގެ، ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިން އިން އަޅާ އެ ބުރިޖުގެ ދިގު މިނުގައި 20.3 މީޓަރު ހުރެ އެވެ. އަދި މި ބުރިޖުން އުސްމިނުގައި 12 މީޓަރުގެ އުސް އުޅަނދު ފަހަރު ޖެހިލުމެއް ނެތި ދަތުރުކުރެވޭނެ އެވެ. މި ބްރިޖަށް ޖުމުލަ 200 މިލިއަން ޑޮލަރު ހަރަދު ކުރާއިރު އޭގެ ތެރެ އިން 100 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެވެ. އަދި ބާކީ ހުރި ބައި ހޭދަ ކުރާނީ ޗައިނާ އިން ދޭ ލުއި ލޯނުންނެވެ. އަދި މި ބްރިޖުން 15 މިނެޓް ތެރޭގައި 6،500 އަށްވުރެ ގިނަ މީހުންނަށް މާލެ އިން ހުޅުމާލެ އަށް ދަތުރުކޮށްލެވޭނެ އެވެ.