ކުޅިވަރު

ގައުމީ ކޯޗަށް ދޭންވީ ދިގު މުއްދަތެއް

ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުން އެންމެ އަވަހަށް ބަދަލު ކުރާ ގައުމަކީ ރާއްޖެ އެވެ. މިދިޔަ ހަތަރު އަހަރު ތެރޭ، ރާއްޖޭގެ ވަޒީފާއަށް ޖުމުލަ ހަތަރު ކޯޗުން ހަމަޖައްސައިފި އެވެ. ގައުމީ ކޯޗުގެ ގޮނޑި މިހާރު ހުރީ ހުސް ކޮށެވެ. އާ ކޯޗަކު އަނެއްކާވެސް ގެންނާނެ އެވެ. ހަތަރު އަހަރު ތެރޭ ފަސް ވަނަ ކޯޗެވެ.

އަވަސް އަވަހަށް ކޯޗުން ބަދަލު ވުމަކީ ކާމިޔާބު ހޯދަން އުނދަގޫވާ ސަބަބެކެވެ. ކޮންމެ ކޯޗެއް އައިސް ޕްލޭން ހަދަނީ ތަފާތު ޕްލޭނެކެވެ. އެއް ކޯޗެއް ދިގު މުއްދަތުގައި ބެހެއްޓުމުން، އެ ކޯޗުގެ ޕްލޭން ރަނގަޅު ނަމަ ދިގު މުއްދަތަކަށް ކޯޗު ބެހެއްޓުން ރަނގަޅެވެ. އޭގެ ފައިދާ ވެސް ފެންނާނެ އެވެ.

އޭގެ އެންމެ ރަނގަޅު މިސާލެއް ފެންނާނީ އަވަށްޓެރި އިންޑިއާގެ ގައުމީ ޓީމުންނެވެ. އިންޑިއާގެ މީހާރުގެ ކޯޗު ސްޓެފަން ކޮންސްޓަންޓީން އިންޑިއާގެ ކޯޗު ކަމާ ދެ ވަނަ ފަހަރަށް ހަވާލުވީ 2015 ވަނަ އަހަރު އެވެ. އޭނާ އާއެކު އިންޑިއާގެ ކޯޗު ކަމަށް ޝޯޓް ލިސްޓް ކުރި ކޯޗަކީ ކުރިން ރާއްޖެއަށް ކޯޗު ކޮށްދިން ނިއުޒިލެންޑްގެ ވޯލްޑްކަޕް ކޯޗް ރިކީ ހާބަޓް އެވެ. އިންޑިއާއިން ކޮންސްޓަންޓިން އިހްތިޔާރު ކުރީ އިންޑިއާގެ ގައުމީ ޓީމުގައި ކުރިން އޭނާ ކޮށްފައިވާ މަސައްކަތައް ބެލުމަށް ފަހު އެވެ.

ކޮންސްޓަންޓީން އާއެކު ވޯލްޑްކަޕް ކޮލިފައިން މުބާރާތުގައި އިންޑިއާ އަށް ކާމިޔާބެއް ނުލިބުނަސް އިންޑިއާގެ ކޯޗު ކަމުގައި އޭނާ އަށް ފުރުސަތު ދިނެވެ. ސާފް ޗެމްޕިއަންޝިޕާއި އޭޝިއަން ކަޕް ކޮލިފައިންއަށް ޓާގެޓްކޮށް އިންޑިއާގެ ޕްލޭން އެކުލަވަލީ އޭނާ ބޭނުންވި ގޮތަށެވެ. އެ މުއްދަތުގައި ކުޅުު އެކުވެރި ކަމުގެ މެޗުތަކުން ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގެ ތެރެއަށް އިންޑިއާ ލައިދިނެވެ. އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕަށްވެސް އިންޑިއާ ދާނެ ކަމަށް ބެލެވެނީ ކޮންސްޓަންޓީން އާއެކު އެވެ. އިންޑިއާ އޮތީ އޭނާ އާއެކު ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ތައްޔާރަށެވެ.

ރާއްޖެއަށް އަންނަ ކޯޗަކަށް ދިގު މުއްދަތެއް ދިނުން ކިހިނެއް ވާނެ ހެއްޔެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނީ ގައުމީ ޓީމަށް އަންނަ ކޯޗަކަށް އެއްބަސްވުމެއް ދިނުމުގެ ކުރިން ވާސިލު ވާން ބޭނުންވާ ޓާގެޓެއް އެނގިފައި އޮންނަން ޖެހޭ ކަމަށެވެ.

"އެފްއޭގެ ވިސްނުން ހުރެ ދާނެ މިފަހަރުގެ އަންނަ ކޯޗުގެ ޓާގެޓެއްގެ ގޮތުގައި ސާފް ޗެމްޕިއަންޝިޕް ކާމިޔަބު ކުރަން ދިނުން، އެހެން ވެއްޖެއްޔާ ކޯޗަށް ކޮންމެހެން ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ދިނުމުގެ ބޭނުމެއް ނެތް،" ނިޒާމް ބުންޏެވެ. "އެންމެ ފުރަތަމަ އޮންނަން ޖެހޭނީ ދިގު މުއްދަތުގެ ޓާގެޓެއް، އެކަހަލަ ޓާގެޓެއް އޮތިއްޔާ ދިގު މުއްދަތުގެ އެއްބަސްވުމެއް ދޭންވީ."

އޭނާ ބުނީ ގައުމީ ޓީމާއި ރާއްޖޭގެ ފުޓްބޯޅައިގައި ހުރި މައްސަލަތައް ކޯޗު އެކަނި މަސައްކަތް ކޮށްގެން ހައްލު ނުވާނެ ކަމަށާއި އެ މައްސަލަތައް ހައްލު ކުރެވޭނީ ފުޓްބޯޅައިގައި ޝާމިލުވާ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަަމަށެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހު އަވަސް އަށް ދިން އިންޓަވިއުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ވިދާޅުވެފައި ވަނީ ސާފް ޗެމްޕިއަންޝިޕަށް ޓީމު އެކުލަވަލުމުގައި އޭނާގެ ވިސްނުން ހުރީ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުން ކަމަށާއި އެއީ ކުރިމަގަށް ޓީމެއް ބިނާ ކުރަން ކަމަށެވެ. ބައްސާމް ވިދާޅުވެފައި ވަނީ "އިމީޑިއޭޓް" ކާމިޔާބެއް ހޯދުމަަށް މަސައްކަތް ކުރުމުގެ ވިސްނުން އޭނާ ނުގެންގުޅޭ ކަމަށާއި އޭނާ ވިސްނަނީ ކުރިމަގަށް ރާއްޖޭގެ ފުޓްބޯޅަ ބިނާ ކުރަން ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމަކީ ސާފް ޗެމްޕިއަންޝިޕަށް (މި އަހަރު) ތައްޔާރު ވާއިރު ވަރަށް ޒުވާން ޓީމެއް ތައްޔާރު ކުރުން، ވަރަށް ޒުވާން ޓީމެއް ތައްޔާރު ކުރަން ބޭނުން ވަނީ، މިއީ މުސްތަގުބަލުގައި ރާއްޖެއަށް ކާމިޔާބު ހޯދައިދޭނެ ޓީމު ކަމަށް ވާތީ،" އަވަސް މިދިޔަ އަހަރު ފަހު ކޮޅު ދިން އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވެފައި ވެއެވެ.

"ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރު ކާމިޔާބު ކުރުމަކީ އަޅުގަނޑުމެން ވެސް ވަރަށް އެދޭ އެދުމެއް އަޅުގަނޑުމެންގެ ދިވެހިންގެ އެންމެ ބޮޑު އުންމީދަކަށްވާނީ ވެސް އަންނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުން، އަޅުގަނޑުމެން މިހާރު ބޭނުން ވަނީ އާ ޖީލެއް އުފައްދަން އިމީޑިއޭޓް ސަކްސަ ނުވަތަ އަވަސް ކާމިޔާބުތަކެއް ހޯދާކަށް އަޅުގަނޑުގެ ވިސްނުމުގައި ނެތް."