ކުޅިވަރު

ގްރީން ބަލިކޮށް ހަތް ޕޮއިންޓާއެކު އީގަލްސް ކުރިއަށް

ގްރީން ސްޓްރީޓްގެ މައްޗަށް 2-1 ނަތީޖާ އަކުން ކާމިޔާބު ހޯދައި، ހަތް ޕޮއިންޓާއެކު ކުލަބު އީގަލްސް މާލޭ ލީގްގެ ތާވަލުގެ އެއްވަނައަށް ޖެހި ލައިފި އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައިވެސް، އީގަލްސްގެ އެންމެ ބޮޑު ތަފާތަކަށްވީ އެ ޓީމުގެ ބްރެޒިލްގެ ފޯވަޑް ލުއިޒް އެޑްއާޑޯ އެވެ. އީގަލްސް އަށް މެޗުގެ ލަނޑު ޖަހައިދީ، ދެ ވަނަ ފަހަރަށް ލީޑް ނަގަން ފުރުސަތު ތަނަވަސް ކޮށްދިނީވެސް އޭނާ އެވެ. މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި އޭނާ ވަނީ ޖެހިޖެހިގެން ދެ މެޗުގައި މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު އީގަލްސްއަށް އޭނާ ކާމިޔާބު ކޮށްދިނީ ހަތް ވަނަ މިނެޓްގައި ރާއިފް (ހަންނަ) ދިން ބޯޅަ ހިފައިގެން އިރުމަތީ ފަރާތުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ގްރީންގެ ހުޅަނގު ފަރާތު ކަނަށް ބޯޅަ ފޮނުވާ ލައިގެންނެވެވެ.

އީގަލްސްއިން ލީޑް ނެގި ފަހުން، ގްރީންގެ އަހްމަދު ރިލުވާން (ވިލިގިލީ ރިލޭ) އަށް ވެސް ވަނީ ފުރުސަތެއް ލިބިފަ އެވެ. އޭނާ އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންނަން ދާ އުޅުނު ނަމަވެސް އީގަލްސްގެ ކީޕަރު ސޫޖަން ޕެރާރާ ކުރިއަށް ނިކުމެ އެބޯޅަ ބޭރަށް ފޮނުވާލި އެވެ.

އޭގެ ފަހުން، އީގަލްސްގެ ހާފުގެ މެދެއްހާ ހިސާބުން ގްރީންއަށް ލިބުނު ހިލޭ ޖެހުމެއްގައި ސަމްދޫހް މުހައްމަދު ކުރިއަށް ފޮނުވާލުމުން، ގްރީންގެ ޔޫކްރޭންގެ ފޯވަޑް ރަސަލް ބޮލުން ފޮނުވާލި ބޯޅަ ނުރައްކާ ކޮށްދިޔަ ނަމަވެސް އެ ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ފުރަތަމަ ހާފުގައި ގްރީން އަށް ލަނޑު ޖެހުމަށްޓަކައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސޯބޯލް އިލިއާ އަށެވެ. އެ ޓީމުން ނެގި ކޯނަރެއްގައި ތަނަވަސް ވި ބޯޅަ އޭނާ ފޮނުވާލުމުން ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ. ފަހުން އީގަލްސްގެ ޕެނަލްޓީ އޭރިއާގެ ކަނާ ދިމާލުން ގްރީން އަށް ލިބުނު ހިލޭ ޖެހުން އިލިއާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތީ ކަނާ ދިމާލުން ކުޑަ ތަންކޮޅެއް މަތިން ބޭރަށެވެ.

ގްރީންއިން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓް ތެރޭގަ އެވެ. އެ ލަނޑު ގްރީންއަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ރިސްވާން (ފުކޭ) އެވެ. ނަމަވެސް ނަތީޖާ އެއްވަރު ކޮށްލައިގެން ގްރީން އަށް އޮވެވުނީ ހަތް މިނެޓެއް ހާއިރު އެވެ.

ގްރީންގެ ހާފުގެ ތެރެއިން، ބޭރު ރޮނގާ ކައިރިން އީގަލްސް އަށް ލިބުނު ހިލޭ ޖެހުމެއް އެޑްއާޑޯ އޭރިއާ ތެރެއަށް ނަގައިދިނުމުން އީގަލްސްގެ ޒުވާން ކުޅުންތެރިޔާ މުހައްމަދު ނާއިމް ބޮލުން ބޯޅަ ފޮނުވާލީ ގްރީންގެ ކީޕާރު ސާޖީ ސްމޮރޯޑިން ހުރި ފަޅި އަށެވެ. އޭގެ ކުރިން އެތަނުން ލިބުނު ހިލޭ ޖެހުން ޖެހިއިރު މައްސަލައެއް ދިމާވެގެން ރެފްރީ އަލުން ޖަހަން އެނގި އެވެ. ލަނޑު ޖެހީ ދެ ވަނަ ފަހަރު ޖެހި ފްރީކިކްގައެވެ. ދެ ވަނަ ފަހަރަށް ހިލޭޖެހުން ޖަހަން ދިނުމުން ގްރީންގެ އޮފިޝަލުން ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ލަނޑަށް ފަހު ވެސް ގްރީންއިން ރަނގަޅަށް ކުޅެމުން ދިޔަ އެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އީގަލްސްގެ އަހްމަދު ރިޒްވާން އަށް އީގަލްސްގެ އޭރިއާގެ ތެރެއިން ލިބުނު ބޯޅަ ހިފައިގެން އޭނާގެ ސްޕީޑް ބޭނުންކޮށްފައި ކުރިއަށް އަރައިގެން ދިޔައިރު، އޭނާ ހުއްޓުވަން ގްރީންގެ ކެޕްޓަން އަސްހަދު އަލީ ކުރި މަސައްކަތް ވަރަށް ބޮޑަށް ފާހަގަ ކުރެވުނެވެ. ގްރީންގެ ކޯޗް އަލީ ސުޒޭން ވެސް ވަނީ އަޑޭ ކުރި މަސައްކަތް ފާހަގަ ކޮށްފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސުޒޭން ބުނީ، މެޗުން ބަލިވުމުން ގަދަ ހަތަރަކަށް ވަނުމަށް ގްރީންއަށް އިތުރަށް މަސައްކަތް ކުރަން ޖެހިއްޖެ ކަމަށާއި، މެޗުން ބަލިވުމުން ޕްރެޝާ ކުރިމަތިވެއްޖެ ކަމަށެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނީ މެޗުން މޮޅުވި ނަމަވެސް އެންމެ ރަނގަޅަށް ނުކުޅެވުނު ކަމަށެވެ. ނަމަވެސް ކުރިން ކުޅުނު ދެ މެޗުގައި ދިމާވި ޑިފެންސްގެ މައްސަލަ ވަރަށް ބޮޑަށް ރަނގަޅު ވެފައިވާކަން މޯހަން ފާހަގަ ކުރި އެވެ.