ވެލެންސިއާ

މާޒިޔާ އޮތީ ޕްރެޝަރުގައި: ސޮބާ

މެޗަށް ނިކުންނައިރު ވެލެންސިއާއަށް ވުރެ ބޮޑަށް ޕްރެޝަރުގައި އޮތީ މާޒިޔާ ކަމަށް، މިއަދު ހަވީރު މާޒިޔާއާ ދެކޮޅަށް ނިކުންނަ ކުލަބު ވެލެންސިއާގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

ސޮބާ ބުނީ މާޒިޔާއާ ދެކޮޅަށް ނިކުންނަނީ އެ ޓީމާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެކަން ދަނެގެން ކަމަށާއި އޭނާގެ ޓާގެޓަކީ މާޒިޔާއާ ދެކޮޅަށް ޕޮއިންޓެއް ހޯދުން ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑަށް ހީވަނީ މާޒިޔާއަށް ޕްރެޝަރު ކަންނޭންގެ އަޅުގަނޑުމެންނަށް ވުރެ،" ސޮބާ ބުންޏެވެ. "އަޅުގަނޑު މި ބުނަނީ އަޅުގަނޑުމެންނަށް މި ޕޮއިންޓް މުހިންމު ނުވާ ވާހަކައެއް ނޫން، ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ބޭނުންވެއްޖެއްޔާ އަޅުގަނޑުމެން ވެސް އެބަ ޖެހޭ ޕޮއިންޓަތަކެއް ނަގަން."

ސޮބާ ބުނީ، މެޗަކަށް ފަހު މެޗެއް ވެލެންސިއާ ދަނީ ކުރިއެރުން ހޯދަމުން ކަމަށާއި އެންމެ ފަހުން ކުޅުނު މެޗަށް ވުރެ މިއަދުގެ މެޗުގައި ތަފާތު ފެންނާނެ ކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިންގެ މެދުގައި އިތުބާރު އުފެދި އަންޑަސްޓޭޑިން އިތުރު ވަމުން އަންނަ ކަމަށެވެ. އޭގެ ފައިދާ ދަނޑުމަތިން ފެންނާނެކަމަށް ވެސް ސޮބާ ބުންޏެވެ.

މާޒިޔާގެ ސްޓްރައިކް ލައިން ވަރަށް ހަލުވިކަން ފާހަގަ ކުރަމުން ސޮބާ ބުނީ ވެލެންސިއާގެ ޑިފެންސަށް އެންމެ މިސްޓޭކެއް ހެދުނަސް މާޒިޔާގެ ފޯވަޑުން ވެލެންސިއާ ކޮޅަށް ލަނޑު ޖަހާނެ ކަމަށެވެ. އޭނާ އިސްކަން ދެނީ ޑިފެންސިވް ގޭމެއް ކުޅެން ކަމަށް ސޮބާ އިޝާރާތް ކުރި އެވެ.

"ގޭމް އޯޕަން ކޮށްލެވޭކަށް ނޯންނާނެ، އަޅުގަނޑުމެންނަށް ކުޑަ މިސްޓޭކެއް ދިޔަ ނަމަވެސް، ބޯޅަ އޮންނާނީ އަޅުގަނޑުމެން ގޯލް ތެރޭގައި، [ކޯނޭލިއަސް ސްޓެވާޓް] ކޯނޭ، [ނާއިޒު ހަސަން] ދާދު [އަހްމަދު އިމާޒު] އާއްކޮ، މީ ވަރަށް ހަލުވި ކުޅުންތެރިން، އަޅުގަނޑު ކުޅުންތެރިންނަށް ވިސްނައިދީފައި ވަނީ މާޒިޔާގެ މި ކުޅުންތެރިން އެއްވެސް ވަރަކަށް ލޯ މަތިން ގެއްލުނަ ނުދެއްޗޭ."

ސޮބާ ބުނީ މާޒިޔާގެ ހުރިހާ ޑިޕާޓްމެންޓެއް ވެސް ވަރަށް ބެލެންސް ކަމަށެވެ. ނަމަވެސް މެޗު ރަނގަޅަށް ފެށިއްޖެނަމަ އޭނާގެ ޓީމަށް މަޑުމަޑުން މެޗުގެ ތެރެއަށް ވަދެވި އިތުބާރު ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މައްސަލަ އަދިވެސް މި އުޅެނީ ޓީމުގެ ޑިފެންޑްގައި، ތަންކޮޅެއް ފަރުވާ ކުޑަ ކުރެވިގެން ދޭ، އަޅުގަނޑު ދަންނަވާނީ، މާޒިޔާ މެޗާއި ކުރިއަށް އޮތްތާންގައި އަޅުގަނޑުމެން ފެނިގެން ދާނީ ވަރަށް ވަރުގަދަ ކޮށޭ."