މާޒިޔާ މެޗުން މޮޅުވިޔަ ނުދީ ވެލެންސިއާ އިން އެއްވަރު ކުރުމަކީ މާޒިޔާގެ ކުރިމަތީގައި މޮޅެއް ލިބުން ކަމަށް ވެލެންސިއާގެ ކޯޗް މުހައްމަދު އާތިފް (އާތީ) ސިފަ ކޮށްފި އެވެ.
މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. މެޗުގައިވެސް ދެ ޓީމުގެ ޑިފެންސުން ރަނގަޅު މަސައްކަތެއް ކުރި އެވެ. މާޒިޔާގެ ކީޕަރު ސާބިއާގެ ނިކޮލާ ވުޖަނަކް އަދި ވެލެންްސިއާގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވެސް ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ.
މެޗުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ މެޗުގެ ދެ ވަނަ މިނެޓްގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސޯ) އަށެވެ. މާޒިޔާގެ ހާފުގެ ތެރެއިން ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) ބޯޅަ ނަގައިދިނީ އުމޭރު ބޯޅައަށް ހުސްވާނެކަން އެނގިގެންނެވެ. އުމޭރު ބޮލުން ބޯޅަ އޭރިއާގެ ތެރެއަށް ކޮށްޕާލީ އަސަދުﷲ ހުސްކޮށް އޮތުމުންނެވެ. އޭނާއަށް ލިބުނު ރަނުގެ ފުރުސަތު ހުއްޓުވީ ވެލެންސިއާ ކީޕަރު ޗެކް ބޯޅައަށް ނުކުމެވެ. ޗެކް ވަނީ ބޯޅައަށް ކުރިމަތިލައި އެ ބޯޅަ ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.
"ކުޅުންތެރިން ވަރަށް ގަދަ އަޅައި މަސައްކަތް ކުރި ވިން އެއް ނުވަތަ ޑްރޯއެއް މީ،" ޕޯސްޓް މެޗު ޕްރެސްގައި ވާހަކަ ދައްކަމުން އާތީ ބުންޏެވެ. "ވެލެންސިއާ އަށް ވިން އެއް މާޒިޔާ ކައިރިގައި ޑްރޯ އަކީވެސް."
ފުރަތަމަ ހާފުގައި ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ވެސް ފަހި ފުރުސަތެއް ލިބުނެވެ. މާޒިޔާގެ ހާފުގެ ތެރެއިން އަރިމަތިން އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ބޯޅަ ދިނީ އޭރިއާގެ ބޭރުގައި ހުރި އަޝްފާގް އަށެވެ. އޭނާ ސެންޓޭއަށް ބޯޅަ ދީ އޭރިއާގެ ތެރެއަށް އެރި ވަގުތު ސެންޓޭ ބޯޅަ އަޝްފާގް އަށް ދިނެވެ. އަޝްފާގްއަށް ލިބުނު ފަޅި ފުރުސަތު ނުރައްކާކޮށް ފޮނުވާލި ނަމަވެސް މާޒިޔާގެ ކީޕަރު ވުޖަނަކު ކުރިއަށް ނުކުމެ އެ ބޯޅަ ސަލާމަތް ކުރި އެވެ. އެބޯޅަ ކޮންޓްރޯލްވީ ވުޖަނަކުގެ ކަކުލުގައި ޖެހިފަ އެވެ.
ދެ ވަނަ ހާފުގައި، ރަނގަޅު ފުރުސަތު ތަނަވަސް ކުރީ ވެލެންސިއާއިންނެވެ. މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުނީ އޭނާ ބޭނުންވި ޕްލޭނާ އެއްގޮތަށް މަސައްކަތް ނުކުރި ކަމަށާއި މެޗުގައި ފެނުނީ ވެލެންސިއާ ބޭނުންވި ގޮތަށް މަސައްކަތް ކުރިތަން ކަމަށެވެ.
"މިރޭގެ ގޭމް ޕްލޭން އަކީ މާޒިޔާގެ ގޭމް ޕްލޭނާ އެއްގޮތަށް މާޒިޔާއަށް ކުޅެވުނު ރެއެއް ނޫން،" ޕޯސްޓް މެޗު ޕްރެސް ފަށަމުން ނިޒާމް ވާހަކަ ދެއްކި އެވެ. "އިދިކޮޅު ޓީމުން އެ ބޭނުންވި ގޭމް ޕެލޭނަށް މިރޭ މާޒިޔާ ކުޅުނީ. ވާދަވެރި މެޗުތަކެއް މިހެން ކުޅެމުންދާއިރު މީ ހަމަ ވެދާނެ ކަމެއް."
"މާޒިޔާގެ ކުޅުންތެރިންނަށް އަމިއްލައަށް ނެގުނު އެއްޗެއް އެހާ ބޮޑަށް ޑިފެންސިވް ވެގެން ކުޅުން. އެއްގޮތަކަށްވެސް ޑިފެންސިވް ކޮށް ކުޅޭކަށް ނޫން ނުކުތީކީއެއް. އެއީ ބޭނުންވި ގޭމް ޕްލޭނެއްވެސް ނޫން. ބޭނުންވި ގޮތަކަށްވެސް ނޫން ކުޅެފައި އެހުރީކީ."