ދިވެހި ޕްރެމިއާ ލީގް

ވެލެންސިއާ ބަލިކޮށް މާޒިޔާއިން ލީޑް ފުޅާކޮށްފި

ވެލެންސިއާގެ މައްޗަށް، 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، މާޒިޔާއިން ތާވަލުގެ އެއް ވަނައިގައި ބޮޑު ލީޑެއް ނަގައިފި އެވެ.

މާޒިޔާއިން މިހާރު ވަނީ، ހަ ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. މާޒިޔާއިން ވަނީ 18 ޕޮއިންޓް ހޯދާފަ އެވެ. ވެލެންސިއާ ދެ ވަނައިގައި އޮތީ 12 ޕޮއިންޓް ހޯދައިގެންނެވެ. މާދަމާ، ދަ ގުރާންޑޭ އާއި ޓީސީ ސްޕޯޓްސް ކުލަބު ކުޅޭ މެޗުން ގުރާންޑޭ މޮޅު ވެއްޖެނަމަ، ވެލެންސިއާ ތިން ވަނައަށް ފުރޮޅާލައި ދަ ގުރާންޑޭއަށް ދެ ވަނަ އަށް ޖެހިލެވޭނެ އެވެ.

ފުރަތަމަ ބުރުގައި، މާޒިޔާ އާއި ވެލެންސިއާ ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ. މާޒިިޔާގެ ކުރީގެ ކޯޗް މުހައްމަދު ނިޒާމް މަގާމުން ދުރަށް ދާން ޖެހުނީ އެ މެޗުގެ ފަހުންނެވެ. ޓީސީގެ ކޯޗަކަށް ނިޒާމް އަންނަން އުޅޭ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. ވެލެންސިއާ އާ ދެކޮޅަށް މިއަދު ހަވީރު ކުޅުނު މެޗަކީ، މާޒިޔާގެ ކޯޗް ކަމުގައި އޭނާ ކުރިމަތިލި އެންމެ ހިތްހަމަޖެހޭ މެޗު ކަމަށް މާޒިޔާގެ ކޯޗް، ރިސްޓޯ ވިޑަކޮވިޗް މެޗަށް ފަހު ބުންޏެވެ.

"އަހަރެމެންނަށް މެޗުން ލިބުނީ ހައްގު މޮޅެއް. ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތުތައްވެސް ލިބުނީ އަހަރެމެންނަށް ފުރަތަމަ ހާފުގައި ލަނޑު ޖެހެން ޖެހޭނެ. އެކަމަކުވެސް އަހަންނަށް ހީވަނީ ޓީމު އޮތީ ރަނގަޅު ގޮތުގައިހެން. މިއީ މިހާތަނަށް އަހަންނަށް މާޒިޔާ ކުޅުނު އެންމެ މޮޅު މެޗު،" ޕޯސްޓް މެޗު ޕްރެސްގައި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް ރިސްޓޯ ބުންޏެވެ. "އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މިއަދުގެ މެޗަކީ އެންމެ ރަނގަޅު މެޗު. މިހާހިސާބުން އަހަރެމެންނަށް ހުއްޓާލެވޭކަށް ނޯންނާނެ. އަހަރެމެން ޖެހޭނެ އިތުރު ކަންކަން ރަނގަޅު ކުރަން."

އެހެންނަމަވެސް، ވެލެންސިއާގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނީ، މެޗު ދިޔައީ ފިފްޓީ ފިފްޓީ ކޮށް ކަމަށެވެ. މެޗުގެ ފުރަތަމަ ހާފުގައިި މާޒިޔާގެ ޓީމުން ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، ކެޕްޓަން އަސަދުﷲ އަބްދުﷲ އަށެވެ. އޭނާ ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ދިފާއު ކުރި އެވެ. ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ނުރައްކާ ކޮށް ދިޔަ ނަމަވެސް އެ ބޯޅަ ދިޔައީ ހުރަސް ދަނޑިއާ އިންޗިއެއްހައި މަތިން ބޭރަށެވެ.

މާޒިޔާގެ ފުރަތަމަ ލަނޑު، ޑިފެންޑަރު ޕީޓާ ޕްލަނިޗް ކަމިޔާބު ކުރީ، ކީޕަރު ފައިސަލްއަށް ހެދުނު މިސްޓޭކަކުންނެވެ. މާޒިޔާއިން ހަމްޒާ މުހައްމަދު (ހަމްޕް) ނެގި ކޯނަރު މުހައްމަދު އިރުފާން (އިރޭ) ބޮލުން ފޮނުވާލުމުން ކީޕަރު ފައިސަލް އެ ބޯޅަ ޕަންޗުކޮށް ހުރަސް ދަނޑިމަތިން ބޭރު ކޮށްލަން އުޅުނު ނަމަވެސް އޭނާ ޕަންޗުކޮށްލި ބޯޅަ ރީބައުންސް ވި އެވެ. އެ ބޯޅަ ބޮލުން ފޮނުވާލައިގެން ޕްލަނިޗް މާޒިޔާއަށް ލީޑް ނަގައިދިނެވެ.

މާޒިޔާގެ ދެ ވަނަ ލަނޑު ކޯނޭލިސް ސްޓްވާޓް (ކޯނޭ) ކާމިޔާބު ކުރީ، އައިސަމް އިބްރާހިމް (ޓޯނީ) ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ވެލެންސިއާގެ ޕެނަލްޓީ އޭރިއާ ބޭރުން އެ ޓީމުގެ ސުފިޔާން ފޮނުވާލަން އުޅުނު ބޯޅަ އޭނާއަށް ފޮނުވާ ނުލެވިގެން އުޅެނިކޮށް ޓޯނީ އޭނާގެ ކުރިމަތިން ވިއްދައި ބޯޅަ ކޯނޭއަށް ދިނެވެ. އޭރިއާ ތެރެއިން ކޯނޭއަށް ލިބުނު ބޯޅަ ވެލެންސިއާގެ ޑިފެންޑަރު ހޯޒޭ އެންޓޯނިއޯ ޑޮމިނިގޭޒް ކައިރިން ނައްޓާލާފައި ގޯލްގެ މަތީ ކަނަށް ފޮނުވާލި އެވެ.

ވެލެންސިއާގެ ލަނޑު 81 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ސެންޓޭ އެވެ. މާޒިޔާގެ ކުޅުންތެރިން ދިފާއު ކުރަން އުޅުނު ބޯޅަ ރަނގަޅަށް ކުރިއަށް ފޮނުވާ ނުލެވުމުން އެ ބޯޅަ ލިބުނީ ވެލެންސިއާގެ ސްޕެއިންގެ މިޑްފީލްޑާ އެންޓޯނިއޯ ސޯލާ އަށެވެ. އޭނާ ބޯޅަ ދިނީ އޭރިއާ ތެރޭގައި ހުރި ސެންޓޭ އަށެވެ. ސެންޓޭ ހުސްކޮށް އަރައި އޭނާ ވަނީ ގޯލްގެ މަތީ ކަނަށް ބޯޅަ ވައްދާލާފަ އެވެ.

މެޗުގެ 86 ވަނަ މިނެޓްގައި މާޒިޔާއަށް ވަނީ ނަތީޖާ ފުޅާ ކުރުމަށްޓަކައި ޕެނަލްޓީ އެއް ލިބިފަ އެވެ. ވެލެންސިއާގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ހޯޒޭ އަތުގައި ބޯޅައިން ޖެހުމުން ދިން ޕެނަލްޓީ، ކޯނޭ ފޮނުވާލުމުން ކީޕަރު ފައިސަލް ދިފާއު ކުރި އެވެ.