މާޒިޔާ

އިތުބާރު އެބައޮތް، ބޭނުމީ ކުޑަ ހިތްވަރެއް

މާޒިޔާގެ ޓީމަށް އިތުބާރު އެބައޮތް ކަމަށާއި ކުޅުންތެރިންނަށް ބޭނުން ވަނީ ކުޑަ ކުޑަ ހިތްވަރެއް ކަމަށް އެ ޓީމުގެ ކޯޗު އިސްމާއީލް މަހްފޫޒު (އިންމަ) ބުނެފި އެވެ.

މާޒިޔާ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު އެއްވަރު ވީއިރު، ދެ ވަނަ މެޗުން ބަލިވީ އެވެ. މާޒިޔާ ފަސް ވަނައިގައި އޮތީ ޕޮއިންޓަކާއެކު އެވެ. މިއަދު ވެލެންސިއާ އާ ދެކޮޅަށް ނިކުތުމުގެ ކުރިން އިންމަ ބުނީ، މެޗު ފަސޭހަ ކޮށްލެވެން މާޒިޔާ އަށް ނެތް ކަމަށެވެ.

އިންމަ ބުނީ ވެލެންސިއާގެ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެވިއްޖެނަމަ ކުޅުންތެރިންނަށް އިތުރަށް ހިތްވަރު ލިބިގެންދާނެ ކަމަށާއި އެހިތްވަރުން ލީގްގެ ކުރިއަށް ދިއުމަށްވެސް އިތުބާރު ލިބި ގެންދާނެ ކަމަށެވެ.

ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓް އަތުން އެއްވަރުވީ، މާޒިޔާއަށް ދެ ލަނޑުގެ ލީޑެއް ލިބިފައި ވަނިކޮށް، މެޗުގެ ފަހު ކޮޅުގައި ގްރީންއިން ކާމިޔާބު ކުރި ދެ ލަނޑުންނެވެ. އެކަމުގެ ސަބަބުން ކުޅުންތެރިންގެ އިތުބާރަށް އަސަރެއް ކުރިތޯ ސުވާލު ކުރުމުން އިންމަ ދިން ޖަވާބު މިއޮތީ އެވެ:

"އެކަހަލަ ކަމެއް ދިމައެއް ނުވޭ ހަމަގައިމުވެސް، އަޅުގަނޑުމެން ޓީމުގެ ކުޅުންތެރިން ޕްރެކްޓިހުގައާ ދަނޑުމަތީގައި ކުރާ މަސައްކަތާއި މިއިން އެއްވެސް ކަމަށް ބަދަލެއް ނާދޭ. އެހެންވީމާ އަޅުގަނޑުމެން ކޮޅަށް ނަތީޖާ ބުރަވާ ހިސާބުން އަޅުގަނޑުމެން އިތުރަށް ޓީމުގެ ކުޅުންތެރިން މޯޓިވޭޓްވެ ލީގްގައި ކުރިއަށް ދިއުމަށް އިތުރު ކޮންފިޑެންސަކާ އެއްކޮށް ކުރިއަށް މެޗުތަކުގައި ކުރިމަތި ލާނީ."

ވަރުގަދަ ސްކޮޑެއް އޮވެ، ފަސް ވަނައިގައި އޮންނަން ޖެހުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫންކަމަށް އިންމަ ބުންޏެވެ.

އޭނާ ބުނީ ލީގްގައި އޮތް ހިސާބަށް ބަލަންޏާ މާޒިޔާ ކުޅުނު ޓީމުތަކަށް ވެސް ބަލަން ޖެހޭނެ ކަމަށާއި އަދި ދިގު ލީގެއްގައި ލީގްގައި ދެ މެޗު ކުޅެގެން ތާވަލުގެ އޮތް ހިސާބާ މެދު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"ވޭތުވެދިޔަ ދެ މެޗުގައި އަޅުގަނޑުމެންގެ ޓީމުން ވަރަށް ރަނގަޅު ކަންކަމެއް ފެނިގެން ދިޔައީ، ކުޅުންތެރިންގެ އެޓިޓިޔުޑާއި ކުޅުންތެރިންގެ މޯޓިވޭޝަން އާއި ކުޅުންތެރިން އެކުރާ ހިތްވަރަށްވެސް ބަދަލެއް ނާދޭ އަޅުގަނޑުމެން ޑްރޯވި މެޗުގައިވެސް އދި ބަލިވި މެޗުގައިވެސް." އިންމަ ބުންޏެވެ.

އޭނާ ބުނީ ވެލެންސިއާގެ ޓީމު އަންޑައެސްޓިމޭޓް ނުކުރާ ކަމަށާއި އެކަމަކު ވެލެންސިއާ ބަލި ކުރެވޭނެ ކަމުގެ އިތުބާރު އޭނާއަށް އެބައޮތް ކަމަށެވެ.